ޑރ. ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރެއްވި މައްސަލަ ބެލުމަށް އެޖެންޑާ ކޮށްފި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.

 241 ކޮމެޓީގެ މިއަދުގެ ބައްދަލުވުން އޮތީ މިއަދު 11 ޖަހާއިރުއެވެ. އެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި ވަނީ އެ މައްސަލަ އެވެ. 241 ކޮމެޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެ މަނިކުފާނު މި މައްސަލަ 241 ކޮމެޓީއަށް ހުށަހަޅާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ގާނޫނު ފާސްކޮށް، ތަސްދީގު ކުރައްވާފައިވަނިކޮށް، އެ ގާނޫނުގައިވާގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔަރ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގަންނަވާތީކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ޝަރަފުވެރިކަމާއެކު ޑރ. ޢަބްދުﷲ ފައިރޫޝް ރިޓަޔަރކުރެއްވީ ޖެނުއަރީ ދެވަނަ ދުވަހުއެވެ. 

ޑރ. ފައިރޫޝް ވަޒީފާއިން ރިޓަޔަރ ކުރެއްވިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ފައިރޫޝްގެ ޚިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފައެވެ. އެމްޑީޕީގެ ސަޕޯޓަރުންނާއި ލީޑަޝިޕުން ގަބޫލު ކުރަނީ އެމްޑީޕީގެ ވެރިކަން ވެއްޓުމަށް މެދުވެރިވި "ބަޣާވާތް" ކުރުމުގެ އިސްކޮށް ތިއްބެވި ފުލުހުންގެ ތެރޭގައި ފައިރޫޝް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީ އިސް ބޭފުޅުންނާއި ސަޕޯޓަރުން ބުނަމުން ދަނީ އެމައްސަލަ ބަލައި ފައިރޫޒަށް އަދަބު ލިބެން ޖެހޭ ކަމަށެވެ. 

ޑރ. ފައިރޫޝަކީ ރިޓަޔަރ ކުރެއްވި އިރު ފުލުހުންގެ މުއައްސަސާގައި ތިއްބެވި ޢިލްމީ ގޮތުން އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވަނީ ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

ޑރ ފައިރޫޝް ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1998ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ވަނީ ޖުމުލަ 20 އަހަރާއި އެއްމަސްދުވަހު  ޚިދުމަތުގައި ދެމިހުންނަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.