އެމްޑީޕީއަށް މިއަދު ހުރިހާ ބާރުތަކެއް ލިބުމުން އަނެއްކާވެސް މިއޮތީ ފައިރޫޝް ގޯސްވެފައިކަމަށް ރައްޔިތުންގެ މަޖިލީހިގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
މެންބަރު އުޝާމްވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ހޯދަން އުޅުނުއިރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިތިބި ފައިރޫޝްފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދުން ލަދުވެތިކަމަކަށް ނުވިކަމަކަށެވެ. ވެރިކަން ލިބުމުން ފައިރޫޝްއަށް އަލުން ވަޒީފާދިނީވެސް މިސަރުކާރުން ކަމަށެވެ. މިއަދު ހުރިހާ ބާރުތަކެއް ލިބުމުން އަނެއްކާވެސް މިއޮތީ ފައިރޫޝް ގޯސްވެފައިކަމަށެވެ.
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޝަރަފުވެރިކަމާއެކު ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔަރކުރެއްވީ އިއްޔެއެވެ.
ޑރ. ފައިރޫޝް ވަޒީފާއިން ރިޓަޔަރ ކުރެއްވިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފައިރޫޝްގެ ޚިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ފައިރޫޒްގެ ޚިދުމަތް ފާހަގަ ކުރައްވައި ސީޕީ ޙަމީދު ޝުކުރު އަދާކުރެއްވުމުން އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވަމުންނެވެ. އެމްޑީޕީގެ ސަޕޯރޓަރުންނާއި ލީޑަރސިޕުން ޤަބޫލު ކުރަނީ އެމްޑީޕީގެ ވެރިކަން ވެއްޓުމަށް މެދުވެރިވި "ބަޣާވާތް" ކުރުމުގެ އިސްކޮށް ހުންނެވި ފުލުހުންގެ ތެރޭގައި ފައިރޫޝް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީ އިސް ބޭފުޅުންނާއި ސަޕޯޓަރުން ބުނަމުން ދަނީ އެމައްސަލަ ބަލައި ފައިރޫޒަށް އަދަބު ލިބެން ޖެހޭ ކަމަށެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމުން ކަންބޮޑު ވުން ފާޅުކުރަމުންނެެވެ.
ޑރ. ފައިރޫޝަކީ ރިޓަޔަރކުރެއްވި އިރު ފުލުހުންގެ މުއައްސަސާގައި ތިއްބެވި ޢިލްމީ ގޮތުން އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވަނީ ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.
ޑރ ފައިރޫޝް ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1998ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ވަނީ ޖުމުލަ 20 އަހަރާއި އެއްމަސްދުވަހު ޚިދުމަތުގައި ދެމިހުންނަވައިފައެވެ.