ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައީ ފެބުރުއަރީ ހަތެއްގެ "ބާޣާވާތާ" ގުޅިގެން ކަމަށް މޭރުންވާ ގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިިލިސް

އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައީ ފެބުރުއަރީ ހަތެއްގެ "ބާޣާވާތާ" ގުޅިގެން ކަމަށް މޭރުންވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައަމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. 

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން އަންގާ އެގުންތައް އިއުލާނު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ބޯޑަށް އާއްމުންގެ ފަރާތުން މަޖިލީހުން ކަނޑައަޅާ ދެ މެންބަރަކު އައްޔަން ކުރުމަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާކަމަށް އާއްމުކޮށް އިއުލާން ކުރައްވާނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލެވިގެން މިދަނީ ދިވެހި ފުލުހުން ޖަރުބާތުގައި ނުކުމެ ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަށް  ވަރަށް ބޮޑެތި އަނިޔާ ދިންތާ، މީލާދީން ނުވަ އަހަރު ވެގެން ދިޔަތާ އެއް ދުވަސް ފަހުން ކަމަށެވެ. އެ ގެއްލުން ލިބުނު އެތައް ބޭފުޅުންނެއް މިއަދު ތިއްބެވީ ދައުލަތުގެ ވުޒާރާތައް ހިންގުމާއި ގާނޫނު ހަދާ  މަޖިލީހުގައި ކަމަށް ވިދާޅުވިއެވެ. 

" މި މަޖިލީހުން ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައިީ މިދެންނެވި ސަބަބަށްޓަކައި، މި މަޖިލީހުގެ އަޣުލަބިއްޔަތު، ރީނދޫ ކުލައިން ރައްޔިތުން އުފެއްދީ އެބަދަލު މި ދިވެހިރާއްޖެއަށް ގެންނަން ދިވެހި ރައްޔިތުން އެދޭކަން. މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ހިތްހަމަޖެހުމެއް، މިސައްކަތުގެ އެންމެ ފަހު ތުންފަތުގައި ތިބުމުގެ ވަގުތަށް އަޅުގަނޑުމެން އައިސް ހުއްޓޭކަން." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޮވުމަށް ކުރިމަތިލާނީ ބަޣާވާތުގެ އަމަލުތައް "މިޔުޓިނީގެ" މަސައްކަތްތައް ފުލުހުންގެ ތެރޭގައި ހިންގި، މީހުންނާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ކެރޭނެފަދަ ބައެއް ކަމަށް މޭރުންވާ ގޮތަށް ރައީސް ނަޝީދު މިއަދު ވަނީ ވާހަަކަފުޅު ދައްކަވައިފައެވެ. 

"ހަމައެއާއި އެކުގައި ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް، ފަންނީ، ދިވެހި ރާއްޖޭގެ ތަރައްގީއަށް ދިވެހިންގެ އާއްމު ހާލަތަށް ދިވެހިންގެ މަސްލަހަތަށް، ދިވެހިން އެދޭ ކުރިއެރުމަށް އޮތް،  ދިވެހިން ލޯބިވާ، ދިވެހިން އިހުތުރާމްކުރާ ޚިދުމަތަކަށް އިރާދަކުރެއްވިއްޔާ އެޚިދުމަަތް ވެގެން ދިއުން."  އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.