އިންތިޚާބު ފަސްކުރުމަށް ހުއްޖަތް ނުހޯއްދެވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

އެޕްރީލް 10 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ލަސްކުރަން ސަބަބާއި ހުއްޖަތް ހޯދުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވަން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ކަޯވިޑްގެ ހާލަތުގައި އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން  ކަނޑައެޅި ތާރީޚަށް އިންތިޚާބު  ނުބޭއްވޭނެތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނާނެކަމަށް  އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައވެ. 

އެންމެ ފަހުން އިންތިޚާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ  އިންތިޚާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިޚާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީޚުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށެވެ.  

 އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުއްޖަތް ދެއްކުމަށްވުރެ، މިހާރު އޮތް ދުވަހަށް އިންތިޚާބު ބޭއްވޭނެ އިންތިޒާމުތައް ހަމަޖެއްސުން މާ އެދެވިގެންވާ ކަމަށެވެ. ރައީސް ނަޝީދުގެ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް ތާއީދު ކުރަނީ މިހާރު އިއުލާނުކޮށްފައިވާ ގޮތަށް، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.