ޤާނޫނީ ހުސްކަމަކަށް ނުދިއުމަށް ހޯދަން އުޅޭ ފަރުވާ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިހާރު އުފެދިފައިވާ ލޯކަލް ކައުންސިލް ތަކުގެ މުއްދަތު އަންނަ ޖޫންމަހުގެ ތިނަކަށް ހަމަވާނެއެވެ. ޤާނޫނުގައި ބުނާ ގޮތުން ކައުންސިލްތަކުގެ ދައުރުހަމަވުމުގެ އެއްމަސް ދުވަސް ކުރިން އަލަށް އިންތިޚާބުކުރާ ކައުންސިލްތަކުގެ އިންތިޚާބު ބާއްވަންޖެއެވެ. ޤާނޫނުގައި ބުނާ މުއްދަތައް ކައުންސިލްތައް އިންތިޚާބު ނުކުރެވި ނުވަތަ އެކަމަށް ޤާނޫނީ އެހެން ފަރުވާ އެއް ހޯދައި ނުދެވިއްޖެނަމަ ކައުންސިލްތައް ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެއެވެ.

ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ކުރިން އިޢުލާން ކޮށްފައިއޮތީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނަމަވެސް މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ދެ ހަފްތާއަށް އިންތިޚާބު ފަސް ކުރުމަށް ފަހު އިތުރަށް އެއްމައްސަލައަށް ޙައްލު ހޯދުމަށް ސްޕްރީމްކޯޓަށް ދިޔައެވެ. ނަމަވެސް އެމައްސަލައިގައި ހައްލެއް ހޯދުމަށް ސްޕްރީމް ކޯޓަށް ދިޔުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސާއި މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ  ކޮމެޓީއަށް ޙާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އަދި މައްސަލައިގައި މަޖިލީހުން ހައްލެއް ހޯދައި ދެއްވާނެކަމަށް ވިދާޅުވުމުން  އިލެކްޝަން ކޮމިޝަނުން ވަނީ ސްޕްރީމް ކޯޓުން މައްސަލަނަގައިފައެވެ.

ބަންޑާރަނާއިބް ހުށަހެޅުއްވި ޤާނޫނީ ފަރުވާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާބެހޭ ކޮމެޓީން އިލެކްޝަން ކޮމިޝަނާ ބައްދަލު ކޮށް އިންތިޚާބު ފަސް ކުރުމަށް ބެނުންވާ ގޮތުގެ ޑްރާފަޓެއް އެކުލަވާލުމަށް އެކޮމިޝަނަށް ފުރުޞަތު ދެއްވިއެވެ. އެޑްރާފްޓްގެ މައްޗަށް ސަރުން ވަނީ ޚާއްޞަ ބިލެއް މަޖިލީހަށް ފޮނުއްވައިފައެވެ. އެބިލުގެ ސަބަބުން ދެން ނުކުންނާނެ ނަތީޖާއަށް ހޯދައިދޭންޖެހޭ ފަރުވާއެއްގެ ގޮތުން ސަރުކާރުން ވަނީ ޤާނޫނު އަސާސީ އަށް އިޞްލާހު ގެނައުމުގެ ބިލެއް ވެސް މަޖިލީހަށް ފޮނުއްވައިފައެވެ. އެއީ މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު  ހަމަވެ އަލަށް އިންތިޚާބުވާ ކައުންސިލްތައް އައުމާ ދެމެދު އަންނާނެ ޤާނޫނީ ހުސްކަމަށް ހޯދައި ދީފައިވާ ފަރުވާއެވެ. އަލަށް އިންތިޚާބުކުރާ ކައުންސިލްތައް އައުމާ ހަމައަށް މިހާރުވެސް އިންތިކާބުކޮށްފައިވާ ކައުންސިލްތައް ދެމި އޮންނާނެގޮތަށް ޤާނޫނޫއަސާސީއަށް އިޞްލާޙު ގެނައުމުގެ ފަރުވާއެވެ.

ޤާނޫނުއަސާސީ އަށް އިސްލާޙު ގެނެވޭނެތޯ ސުވާލު އުފެއްދެވުން

ޤާނޫނޫ އަސާސީއަސް އިޞްލާޙު ގެނައުމަށް މަޖިލީހަށް ފޮނުވި ބިލް އެޖެންޑާ ކުރެއްވުމަށްފަހު ފުރަތަމަ ކިޔުން ނުއިއްވައި މަޖިލީހުގެ ރައީސް ވަނީ އެއީ ކުރެއްވޭނެ ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ. އަދި ސަބަބެއް ކަމަށް ވިދާޅުވީ މިހާރު އިޢްލާންކޮށްފައިވާ އާއްމު ޞިއްޙަތު ކުއްލި ނުރައްކަލުގެ ޙާލަތެވެ.

"އަޅުގަނޑުމެން އެބަ ބަހުސްކުރާންޖެހޭ މިއަދު ދިވެހިރާއްޖެ މިއޮތީ ޤާނޫނީ ކޮންހާލަތެއްގައިތޯ. ކުއްލި ނުރައްކަލުގެ ހާލަތަށް ވަނީ ވިއްޔާ އަޅުގަނޑު މެންނަކަށް މި ޤާނޫނެއް އިޞްލާޙެއް ނުކުރެވޭނެ. ކުއްލި ނުރައްކަލުގެ ހާލަތް އަޅުގަނޑުމެން ދެނެގެނަންންޖެހޭ، ބަލަންޖެހޭ މިއީ ކޮންހާލަތެއްތޯ." ސަރުކާރުން އިޢްލާންކުރައަވައިފައިވާ ކުއްލި ނުރައްލުގެ ޙާލަތާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކުއްލި ނުރައްލަކުގެ ޙާލަތާ މެދު ސުވާލު އުފެއްދެވުމަށްފަހު މިހާރު އޮތް ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނުނު އަސާސީ އީޞްލާޙު ކުރެވޭނެތޯ ސުވާލު އުފަދަވައި އެމައްސަލައިގެ ބަހުސަށް މަޖިލީހުގައި ހުޅުވާލެއްވިއެވެ. ދެދުވަހަށް ދެމިގެން ދިޔަ ބަހުސްގައި މަޖިލީހުގެ މެޖޯރިޓީ، އެމްޑީޕގެ ގިނަ މެމްބަރުންގެ ޚިޔާލުހުރީ ޤާނޫނުއަސާސީއަށް އިޞްލާޙު ނުގެނެސް މައްސަލަ ޙައްލު ކުރުމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޤާނޫނީ ގޮތުން ފުންނާބު އުސް ބައެއް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަހު އުޅުއްވައި ތަޖްރީބާ ލިބިވަޑައިގެން ތިއްބެވި ބައެއް މެމްބަރުންގެ ޚިޔާލު ހުރީ ޤާނޫނު އަސާސީ އިޞްލާޙުކޮށްގެން މައްސަލަ އަށް ޙައްލު ހޯދުމަށެވެ. މިހާރު އޮތް ކުއްލި ނުރައްކަލުގެ ޙާލަތަކީ ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ އިޢްލާންކުރައްވައިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަށް ނުވާތީ ޤާނޫނު އަސާސީ އިޞްލާޙު ކުރުމަށް ހުރަހެއް ނެތްކަމަށް އެމޭރުމުން ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވިއެވެ.

މިހާރު ރާއްޖެ އޮތް ޙާލަތުގައި ޤާނޫނު އަސާސިއަށް އިޞްލާހު ގެނެވޭނެތޯ މަޖިލީހުގައި ބަހުސް ކުރިއަށް ދަނިކޮށް ދައުލަތުގެ ބަންޑާރނާއިބް އިބްރާހީމް ރިއްފަތު ވެސް ވަނީ ޤާނޫނު އަސާސި އިޞްލާޙު ކުރުމަށް ހުރަހެއް ނެތްކަމަށް ވިދާޅުވެފައެވެ. ބަންޑާރަ ނާއިބް ވިދާޅުވެފައި ވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާން ނުކުރައްވާކަމަށެވެ. ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފައިކަމަށެވެ. ތިނެއް ޖޫންގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ޤާނޫނު އަސާސީ އިޞްލާޙު ކޮށްގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނަރަލް ވެސް މަޖިލީހުގެ ރައީސަށް ލަފާއެރުވީ ޤާނޫނު އަސާސިއަށް އިޞްލާޙު ގެނެވޭނެކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ ކައުސެލަރ ޖެނެރަލް ދެއްވާ ޤާނޫނީ ލަފަޔަކީ އެމަނިކުފާނު ކޮންމެހެން އެއަށް ޢަމަލުކުރަންޖެހޭ އެއްޗެއް ނޫންކަމަށެވެ. ކުރިން ވެސް ޢަމަލުކުރަމުން އައިސްފައިވާ ގޮތަކީ ވެސް އެއީކަމަށެވެ. އަދި ކައުންސެލަރ ޖެނެރަލްގެ ޤާނޫނީ ލަފާ ދެއްވީ ވެސް އެމަނިކުފާނު އެދިވަޑައިގެންނެވުމަށް ކަމަށެވެ. އެހެންކަމުން ކައުންސެލަރ ޖެނެރަލް ޤާނޫނީ ލަފަޔަކީ މަޖިލީހުގެ ރައީސަށް މާބޮޑު ބުރަދަނެއް ހުރި އެއްޗަކަށް ނުވިއެވެ. އަދި ބަންޑާރަ ނާއިބަކީ ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނީ ލަފާ ދެއްވާ ފަރާތްކަމަށް ވުމުން ބަންޑާރަ ނާއިބްގެ ޤާނޫނީ ލަފަޔަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާބޫލުކުރައްވަންޖެހޭ އެއްޗަކަށް ނުވިއެވެ.

ހައްލު ހޯދުމަށް ހުށަހެޅި ޚާއްޞަ ބިލުން ވެސް އިތުރު މައްސަލަ

ދެދުވަހުގެ ބަހުސަށްފަހު ތިން ވަނަ ދުވަހު ވަނީ ޤާނޫނު އަސާސީގައި އަތްނުލައި ހައްލު ހޯދުމަށް އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ޚާއްޞަ ބިލެއް މަޖިލީހަށް ހުށަހަޅައި ފުރަތަމަ ކިޔުން އިއްވައިފައެވެ. އެދުވަހު ޖަލްސާ ބޭއްވީ ހަމަ އެކަނި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށެވެ.

ބިލް މަޖިލީހަށް ހުށަހެޅުއްވީ  ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ޙަސަން ލަޠީފެވެ. މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސުގައި ވާހަކަ ދައްކަވަމުން ޙަޞަން ލަތީފް ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ހަމަވެ އިންތިޚާބު ބޭއްވުމާ ދެމެދު ކައުންސިލްތައް ދެމި އޮތުމާ މެދު ގޮތެއް ނިންމުމަކީ މަޖިލީހުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ލާމަރުކަޒީ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙަކުން ކައުންސިލަތަކުގެ ތިން އަހަރުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފައިވީނަމަވެސް އެ ނިންމުމަށް ޢަމަލުކުރެވޭނީ އެންމެ އަވަހަށް ބާއްވާ އިންތިޚާބަށްފަހުގައި ކަމަށެވެ. މައްސަލައަށް ޙައްލު ގެނެވިދާނެ ތިން ގޮތެއް އޭނާ ވަނީ ބަހުސް ގައި ހާމަކުރައްވައިފައެވެ.

ފުރަތަ ގޮތެއް ކަމަށް އޭނާ ވިދާޅުވީ ޤާނޫނުއަސާސީ 115 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކު  ކައުންސިލްތައް ހިންގަން ބޭތިއްބުމެވެ. ނަމެސް އެއީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭ އުޞޫލެއް ނޫންކަމަށް ވިދާޅުވިއެވެ. އައްޔަން ކުރާބަޔަކު ލައްވައިގެން އިންތިޚާބީ މަޤާމުތަކެއް ހިންގުމަކީ ޤާނޫނު އަސާސީގެ ރޫޙާވެސް ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކުރެއްވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ބައެއް އެހެން މެމްބަރުން ވެސް ވަނި ރައީސް އައްޔަކުރާ މެމްބަރުން ލައިގެން ކައުންސިލްތައް ހިންގިދާނެ ކަމަށް ވިދާޅުވެފައެވެ.

މެމްބަރު ޙަސަން ވިދާޅުވީ ދެވަނަ ގޮތަކީ ޤާނޫނުއަސާސީ ބަދަލުކޮށްގެން ޙައްލު ހޯދުންކަމަށެވެ. "އަޅުގަނޑު ފުރިހަމައަށް ޤަބޫލުކުރަން ޤާނޫނުއަސާސި ބަދަލުކުރުމަކަށް އެއްވެސް ހުރަހެއް ނެތްކަން. އެއްވެސް މާއްދާއަކަށްވެސް އަކުރަކަށްވެސް ފިއްޔަކަށްވެސް ބަދަލެއް ގެނަން ހުރަހެއް ނެތް. އެހެންނަމަވެސް ޤާނޫނުއަސާސީގެ ރޫޙަށް ބަލާއިރު އެއީ މިވަގުތަށް ކުރަން ރަނގަޅުކަމެއް ނޫން." މެމްބަރ ޙަޞަން ވިދާޅުވިއެވެ.

ތިންވަނަ ގޮތަކީ ޤާނޫނެއް އެކުލަވައިލައިގެން މައްސަލަ ޙައްލުކުރުން ކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް އެންމެ ރަނގަޅުގޮތަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޤާނޫނު އެކުލަވާލުމުގައި ފުރިހަމަ ވާން ޖެހޭ އުންސުރުތަކެއް ހުންނަން ޖެހޭ. މިސާލަކަށް ޤާނޫނުއަސާސީގެ ރޫޙު ހިފަހައްޓަން ޖެހޭނެކަމަށް، އިންތިޚާބު ވެފައިވާ މީހުން ތިބެން ޖެހޭނެކަމަށް، ޤާނުނު އައްޔަން ކުރާ ބަޔަކު ތިބޭ ގޮތަށް އެކުލަވައިލައިގެން ނުވާނެކަން. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގާ އުޞޫލުން ހިންގުން،" މައްސަލައަށް ޙައްލު ހޯދަދޭނެ ޤާނޫނެއްގައި ހިމެނެންޖެހޭނެ ކަންކަމާ ބެހޭގޮތުން މެމްބަރ ޙަސަންވިދާޅުވިއެވެ.

އެފަދަ ޤާނޫނެއް ހުށަހަޅާ އިރު އާއްމު ޙާލަތުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑަ ނޭޅުން މުހިންމު ކަމަށް ވެސް މެމްބަރު ޙަސަން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެޤާނޫނުވާންޖެހޭނީ "ސަންސެޓް" ނުވަތަ ޢަމަލުކޮށް ނިމުމުން އުވޭނެ ޤާނޫނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މެމްބަރު ޙަސަން ހުށަހެޅުއްވި ޤާނޫނު އެކުލަވާލައި މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ މަޖިލީހުގެ ބަހުސްގައި އޭނާ ފާހަގަ ކުރެއްވި ކަންކަމަށް ރިޢާޔަތް ކޮށެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން ދިމާވެގެން އުޅޭ މައްސަލައަށް މަޖިލީހުން ފަރުވާއެއް ހޯދައި ނުދެވިއްޖެނަމަ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެކަމަށް މެމްބަރު ޙަސަންވެސް އަދި އެނޫން ޤާނޫނީ ބޭފުޅުން ވަނީ ފާހަގަކުރައްވައިފައެވެ.

ޙަސަން ލަތީފް ހުށަހެޅުއްވި ޤާނޫނެއްގެ ބިލުން ވެސް ހައްލު ހޯދިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. ޤާނޫނުއަސާސީގައިވާ މުއްދަތެއް އާއްމުޤާނޫނަކުން ބަދަލު ކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއްކަމަށް ތަޖްރިބާކާރު ބައެއް ޤާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

ޤާނޫނުއަސާސީގައި ލިޔެ ބަޔާން ކޮށްފައިވާ މުއްދަތެއް ޤާނޫނުއަސާސީ އިޞްލާޙުނުކޮށް އާއްމު ޤާނޫނަކުން ބަދަލު ކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއްކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވެސް ވަނީ ވިދާޅުވެފައެވެ.

ޙަސަން ހުށަހެޅުއްވި ބިލުގައި މިހާރު ހިންގަމުންދާ ކައުންސިލްތައް ދެމި އޮތުމާ ގުޅޭ ގޮތުން ބުނެފައި ވަނީ އެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ކައުންސިލްތަކަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކަކަށް ވީނަމަވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން މެނުވީ ހިންގުމަކީ ޤާނޫނު އަސާސީގެ ނައްސުން މަނާކުރާ ކަމަކަށް ވީހިނދު، އަދި ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވެ އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތި ވެދާނެތީއާއި، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނޭ ގޮތެއް ޤާނޫނު އަސާސިގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވާތީ، ލޯކަލްކައުންސިލްތަކުގެ އިންތުޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތުޚާބުކުރެވޭ މެމްބަރުން މަޤާމާ ޙަވާލުދެން އެޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިންތިޚާބުކުރެވިފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެމީހުންގެ މަޤާމްގައި ދެމި ތިބޭނެ ކަމަށެވެ.

ޤާނޫނު އަސާސީއާއި ޤާނޫނުން ކައުސިލްތަކަށް ދީފައިވާ ޤާނޫނީ ޙައިޞިއްޔަތުވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ދައުރު ދެމިގެންދާ މުއްދަތަށް ކައުންސިލަތަކަށް ލިބިގެންދާނެކަމަށް ވެސް މެމްބަރ ޙަސަންލަތީފް ހުށަހެޅުއްވި ބިލްގައި ބަޔާންކޮށްފައި ވެއެވެ.

ހައްލު ހޯދުމަށް ސުޕްރީމް ކޯޓަށް ދާން އެމްޑީޕީގެ މެމްބަރުން ދެކޮޅު

ޤާނޫނުއަސީ  މާނަ ކުރުމުގެ ބާރަކީ ޤާނޫނު އަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ ބާރެކެވެ. އެހެން ކަމުން މިހާރު ދިމާވެފައިވާ މައްސަލައަށް ޙައްލު ހޯދެން އޮތީ ސުޕްރީމް ކޯޓުންކަމަށް ބައެއް ޤާނޫނީ ވަކީލުންނާއި ބައެއް މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެގޮތަށް ޚިޔާލު ފާޅުކުރައްވައިފައި ވަނީ އިދިކޮޅު މެމްބަރުންނެވެ. ހައްލު ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމާމެދު އެމްޑީޕީ މެމްބަރުން ކަނޑައެޅިގެން ދެކޮޅެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައަށް ޙަލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ މަޖިލީހަށް ލިބިފައިވާ ބާރެއް އެހެން ފަރާތަކަށް ދޫކޮށްލުމެވެ.

"ސްޕްރީމް ކޯޓްކަމަށް ވިޔަސް އަދި އެހެން ފަރާތަކަށް ވިޔަސް ، ރައްޔިތުންގެ މަޖިލީހުގެ ބާރު އެހެން ފަރާތަކާ ހަވާލު ކުރުމަކީ އެއީ އަޅުގަނޑުމެން، ރައްޔިތުންނަށް ހަމަޙަޤީޤަތުގައި ވެސް ޚިޔާނާތްތެރިވުންފަދަ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލކުރެވެނީ. އެހެންވީމާ، އަޅުގަނޑު އެއްގޮތަކަށް ވެސް އެކަމަށް ތާއީދުނުކުރާ ވާހަކަދަންނަވަން." ދާންދޫ ދާއިރާގެ މެމްބަރ ޔަޢްޤޫބް ޢަބްދުﷲ ވިދާވިއެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލައަށް ދައުލަތުގެ ތިންބާރު ގުޅިގެން ޙައްލު ހޯދަންޖެހޭ ކަމަށެވެ. އެކަމަށް ހައްލު ހޯދެން އޮތް އެންމެ ރަނގަޅު ގޮތަކީ ސުޕްރީމްކޯޓްގެ ލަފަޔަކަށް އެދުމެވެ. އަދި މައްސަލައިގައި ހައްލު ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމަކީ ރައްޔިތުންގެ މަޖިލީހުން ލަދުވެތި ވާންޖެހޭ ކެމެއް ވެސް ނޫންކަމަށް އެމައްސަލައިގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ އެމެރިކާގެ ސްޓޭޓެއްގައި ބާއްވަން އޮތް ޕްރައިމަރީ ލަސްކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ދިޔައީ އެސްޓޭޓްގެ ސުޕްރީމް ކޯޓަށްކަމަށެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގައި ވެސް ކުރިމަތިވެފާ ހާލަތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމުން ކަންތައް ކުރި ގޮތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ބައެއް ކަންކަމުގައި ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކުން ކަން ކުރާ ގޮތް ރަނގަޅެވެ. ނަމަވެސް ޤާނޫނީ މިފަދަ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާނެ ނުވަތަ ގޮތް ނިންމާނެ ފަރާތަކީ ސުޕްރީމް ކޯޓް ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ އިރުވެސް، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއްކަމަށް ދެކެ ސުޕްރީމް ކޯޓަށް ދާކަށް ބޭނުމެއް ނުވެއެވެ. ކުރިން އަޅުގަނޑުމެންނަށް އިވުނީ ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންނަށް އިތުބާރު ނުކުރެވޭތީ އެކޯޓުން ނިންމާ ނިންމުނަތައް ޤަބޫލު ނުކުރެވެނީ ކަމަށެވެ. ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ 19 ގައި ވާގޮތުން އެންމެ ފުރަތަމަވެސް "ދޮވެސާފުކުރި" ތަނަކީ ސުޕްރީމް ކޮޓާއި ޝަރުޢީ ނިޒާމަށް ފާރަވެރިވާން އޮތް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. ނަމަވެސް އެތަންތަނުގެ ނިންމުންތަކާ މެދު އަދިވެސް ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތީތޯއެވެ؟ ނުވަތަ ދައުލަތުގެ ހުރިހާ ބާރެއް އެއްބާރެއްގެ ކޮންޓްރޯލްގެ ދަށުގައި ބާއްވަން ބޭނުން ވަނީތޯއެވެ؟

1 ޚިޔާލު

  1. ޤާނޫނީ ހުސްކަމަކަށް ޤައުމު ދިޔަ ނުދިނުމަށްޓަކައި ގޮސް ޓަކިޖަހާންޖެހޭނީ ސުޕްރީމްކޯޓްގެ ދޮރުގައެވެ. އަދި އެމަގުން އޮފީ ފަރުވާ ހޯދައިދީ ޕްރެސީޑެންޓެއް ވެސް ޤާއިމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އެކަން ކުރިޔަނުދީ ހިފަހއްޓައި ކޮޅެއް މެދެއް ނުދައްކައި މި މަޑުކުރަނީ ޤާނޫނީ ހުސްކަމަކަށް ކައުންސިލްތައް ގެންދިޔުމަށްޓަކައި ރާވައިގެން ކުރެވޭ ކަމެކެވެ. ޖޫންމަހު 3 ގެ ނިޔަލަށް ކައުންސިލްތަކުެ ދައުރު ނިމުނީމާ އެމްޑީޕީ މެންބަރުން ކައުންސިލަރުންގެ ގޮތުގައި ވަގުތީ ގޮތުން ޢައްޔަންކޮށް މުޅި ޤާއުމު ޚުދުމުޚުތާޜު ވެރިކަމަކަށް ގެންދިޔުމަކީ ހަގީގީ ބޭނުމެވެ. ބޭނުމަކީ ރާއްޖޭގެ ބިންތައް އިންޑިއާ ސިފައިންނަށް ދިގު މުއްދަތަކަށް ދީ ރާއްޖެ އަޅުވެތިކުރުމެވެ. މި ނޫން އެއްވެސް ބޭނުމެއް ނެތެވެ. އެހެންޏާ ސުޕްރީމް ކޯޓުން ޕްރެސީޑެންޓެއް ޤާއިމުކޮށްފައިވާ ކަމެއްގައި އެ މަގުން ހިނގިޔަނުދީ ހިފެހެއްޓުމަކީ ހަމަ ރޭވިގެން ހިންގާ ނުބައި ޖަރީމާއެކެވެ. އިލެކްޝަން ވެސް ޖެހޭނީ ޤާނޫނީ އުޞޫލުތަކުގައި ހިފަހައްޓާށެވެ. ވަކި މީހަކު ބުނާ ގޮތަކަށް ނެށުމަކީ އެ ކޮމިޝަންގެ "މިނިވަންކަން" އިތުރަށް ރައްޔިތުންނަށް ފަޟީޙަތްވި ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.