ކޮވިޝީލްޑް ވެކްސިންގެ 9 މިލިއަން ޑޯޒް ގަންނަން ސްރީލަންކާއިން ނިންމައިފި

އިންޑިޔާގެ ސީރަމް އިންސްޓިއުޓުން އުފައްދާ 'ކޮވިޝީލްޑް' ވެކްސިންގެ 9 މިިލިއަން ޑޯޒް ގަންނަން ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ. ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 ފަތުރާ ނޮވެލް ކޮރޯނާވައިރަސްއާާ ދެކޮަަަަޅަށް އެންެމެ ކާމިޔާބު އެއް ވެކްސިން އުފެއްދި އޮކްސްފޯޑް/އާސްޓްރާޒެނެކާއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޮސްފޯޑް ވެކްސިންގެ މިންގަނޑުތަކަށް އިންޑިޔާގައި އުފައްދާ ވެކްސިނެވެ.

މިނިސްޓްރީ އޮފް ޕަރައިމަރީ ހެލްތު ކެއާމ އެެޕިޑެމިކްސް، އެންޑް ކޮވިޑް-19 ޑިޒީޒް ކޮންްޓްރޯލްގެ ސެކްރެޓަރީ ޑރ. އަމަލް ހަރްޝާ ޑިސިލްވާ ވިދާޅުވި ގޮތުގައި، ސްރީލަންކާގައި ކޮވިޑް-19 ވެކްސިން ޖެހުމާ ބެހޭ ޕްރެޒިޑެންޝަލް ޓާސްކް ފޯސްގެ ވެރިޔާ ލަލިތު ވީރަތުންގާ ވަނީ ވީ އެންމެ އަވަހަކަށް ކޮވިޝީލްޑްގެ 9 މިލިއަން ޑޯޒް ގަތުމަށް އެ މިިނިސްްޓްރީއަށް އަންގަވާފައެވެ.

"މިކަން އަންގަވާފައިވަނީ އޭނާއާއި އަދި ކަމާބެހޭ އެހެން ފަރާތްތަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި." ހަރްޝާ ޑިސިލްވާ ވިދާޅުވިއެވެ.

"އެކަމާ ގުޅިގެން، އެ ވިދާޅުވި އަދަދަށް އިންޑިޔާއިން ވެކްސިން ގަތުމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރާނަން. ސްޓޭޓް ފާމަސިއުޓިކަލް ކޯޕަރޭޝަން މެދުވެރިވެގެން ވެކްސިންގެ ޝިޕްމަންޓް ފެބެރުވަރީ މަހުގެ ތެރޭގައި ސްރީލަންކާއަށް އަންނާނެކަމަށް އުއްމީދުކުރެވޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އަނެއްކޮޅުން، ޚަބަރު ލިބޭގޮތުގައި 60 އަަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް އަންނަ މާރިޗު މަހުގެ ތެރޭގައި ފެށޭނެެއެެވެ.

ސްރީލަންކާގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ ފާއިތުވި ޖަނަވަރި މަހުގެ 29 ވަނަ ދުވަހުއެވެ. ވެރިރަށް ކޮޮލޮމްބޯގެ 6 ހޮސްޕިޓަލެއްގައި ފެށި މި ހަރަކާތް މިހާރު ވަނީ ސްރީލަންކާގެ ހުރިހާ ހިސާބަަކަށް ފުޅާކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްކަށް ފުރަތަމަ ވެކްސިން ޖަހަމުން ދާއިރު، އިއްޔެއާ ހަމައަށް 1 ލަައްކަ 18 ހާސް މީހުންނަށް ވަނީ ވެކްސިން ޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހުމުގެ ފުރަތަމަ ބުރު ނިމޭއިރު، އިސް ސަފުގައި ހަރަކާތްތެރިވާ 2 ލައްކަ 50 ހާސް މީހުންނަށް ވެކްސިން ޖެހުމެވެ.

ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިޔާއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު މަރުކަަޒެވެ. އެތަނުުން ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން، މެދު ފަންތީގެ އަދި ފަގީރު ގައުމުތަކަށް ކޮވިޑް-19 ވެކްސިންގެ 200 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

މީގެ އިތުރަށް، އިންޑިޔާ ސަރުކާރުން ވަނީ ދެކުނު އޭޝިޔާގެ އަވަށްޓެރި ގައުމުތަކަށް ކޮވިޝީލްޑް ވެކްސިންގެ 20 މިިލިއަން ޑޯޒް ހިލޭ ދިނުމަށް ނިންމާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.