ކޮވިޑް- 19: މި ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު އަންދާލަން ސްރީލަންކާއިން މަޖުބޫރުކުރަނީ

ނޮވެލް ކޮރޯނާ ވައިރަސް އިން ޖެހޭ ކޮވިޑް- 19 ބަލި ޖެހިގެން މަރުވާ މުސްލިމުންްެގެ ހަށިގަނޑު އަންދާލަން ސްރީލަންކާގެ ސަރުކާރުން މަޖުބޫރުކުރާތީ، އެގައުމުގެ މުސްލިމުން އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.

މި މައްސަލަ ބޮޑުވެގެން ދިޔައީ ފާއިތު ހަފުތާގައި މި ބަލީގައި މަރުވި ދެ މުސްލިމުންގެ ހަށިގަނޑު އަންދާލަން ސްރީލަންކާގެ ސަރުކާރުން މަޖުބޫރުކުރުމުންނެވެ. މިގޮތަށް މަޖުބޫރުކުރާއިރު، އިސްލާމްދީނުގައި އޮންނަ އުޞޫލުން ޖަނާޒާގެ ކަންކަން ފުރިހަމަކޮށްފައި ވަޅުލުމުކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ސައިންޓިފިކް އަދި މެޑިކަލް މިންގަނޑުތަކަށް ފެތޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ޑެއިލީ ފައިނޭންޝަލް ޓައިމްސް އިން ބުނި ގޮތުގައި ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް- 19 ޖެހިގެން މަރުވާ މީހުން އިސްލާމީ ޝަރީއަތާއި އެއްގޮަތަށް ވަަޅުލުމަކީ ގާނޫނު އަސާސީގައި ދީފައިވާ ދީނީ މިނިވަންކަމުގެ ދަށުން ލިިބިދޭ ހައްގެއް ކަމަށް ވާތީ މުސްލިމުންނަށް އެ ހައްގު ލިބިދިނުމަށް މުސްލިމުންގެ އިސް ފަރާތްތަކުން އެދިފައިވީ ނަަމަވެސް، ސަރުކާރުން ވަނީ އެ އެދުމަށް އިޖާބަނުދީފައެވެ.

ފާއިތުވި މާރިޗު 25 ވަނަ ދުވަހު ސްރީލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު ގައިޑްލައިންގައި ވަނީ ކޮވިޑް- 19 ގައި މަރުވާ މީހުންގެ ހަށިގަނޑު އަންދާލުން ނުވަތަ ޑަބްލިޔުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ވަޅުލުމުގެ އިޚްތިޔާދު ދީފައެވެ. ނަމަވެސް، ފަހުން ހެލްތު މިނިސްޓްރީން ވަނީ ކުއްލި ގޮތަކަށް ގައިޑްލައިން ބަަދަލުކޮށް ހަމައެކަނި އަންދަން ހުއްދަދީފައެވެ.

އޯލް ސިލޯން ޖަމްއިއްޔަތުލް އުލަމާއާއި މުސްލިމް ކައުންސިލް އޮފް ސްރީލަންކާއިން ބުނެފައި ވަނީ ކޮވިޑް- 19 އާއި ދެކޮޅަށް ސަރުކާރުން އަޅާ ހުރިހާ ފިޔަވަޅުތަކަށް އެ ޖަމްއިއްޔާތަކުން ތާއިދުކުރާއިރު، މުސްލިމުންގެ ހަށިތައް އަންދާލަން މަޖުބޫރުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެެވެ.

ދާދި ފަހުން އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ގާނޫނެެއްގައި ކޮވިޑް- 19 ގައި މަރުވާ މީހުންގެ ހަށިތައް އަންދާލަން ފާސްކުރަން އުޅުމާ ގުޅިގެން އެ ގައުމުގެ މުސްލިމުންނާ ޔަހޫދީންގެ ގިނަ ބައެއްގެ އެދުމާއެކު އެ ގާނޫނު އެގޮތަށް ފާސްކޮށްފައި ނުވާކަމާއި، ސިންގަޕޫރާއި، މެލޭޝިޔާއާއި، އިޓަލީގައި ވެސް ވަޅުލުމުގެ ހުއްދަ ދީފައިވާކަންވެސް ދެ ޖަމްއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އަދި މައްޔިތާގެ ހަށިގަނޑު ކޮތަޅެއްގައި ބަންދުކުރުމަށްފަހު، އެ ހަށިގަނޑުން ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތްކަން ވެސް އެ ދެ ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

ސްރީލަންކާގެ އާބާދިގެ ގާތްގަނޑަކަށް %10 އަކީ މުސްލިމުންނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.