ސެޕްޓެންބަރު 15 އިން ފެށިގެން ސްރީލަންކާގައި ދަތުރުކުރެވޭނީ ވެކްސިން ޖެހިކަމުގެ ސެޓްފިކެޓް އޮވެގެން

ސްރީލަންކާގެ ކޮލޮމްބޯގައި މީހަކަށް ވެކްސިން ޖަހަނީ

އަންނަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ ރައްޔިތުންނަށް އެގައުމުގެ އެއެް ޕްރޮވިންސަށް ދަތުރުކުރެވޭނީ އަދި އާއްމު ތަންތަނުގައި އުޅެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް އޮވެގެން ކަމަށް އިއްޔެ އެގައުމުން ނިންމައިފިއެވެ.

ވެކްސިން ސެޓްފިކެޓް ނެތި މިހާރުވެސް ޕްރޮވިންސުތަކުގެ ތެރޭގައި ދަތުރު ނުކުރެވެއެވެ. ސަރުކާރުން ކުންފުނިތަކަށްވެސް އަންގާފައި ވަނީ ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް މަސައްކަތް އިންތިޒާމުކުރުމަށެވެ.  

ނޭޝަނަލް ކޮވިޑް-19 ޕްރިވެންޝަން ސެންޓަރުން އިއްޔެ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަަމަކޮށްފައިވާ ކަމުގެ ސެޓްފިކެޓް ނެތި ސެޕްޓެންބަރު މަހުގެ 15 ވަަނަ ދުވަހުން ފެށިގެން އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރު ނުކުރެވޭނެއެވެ. އަދި އާއްމު ތަންތަނުގައި ނުއުޅެވޭނެއެވެ.

މި ގޮތަށް ނިންމާފައި ވަނީ ސިއްހީ ދާއިރާގެ މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހުގައެވެ.

މީގެ އިތުރަށް ދަތުރުފަތުރު މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ދެ ހަފުތާއަށް ދެމެހެއްޓުމަށް ވެސް ނިންމާފައި ވެއެވެ.

ސިފައިންގެ ވެރިޔާ ޖެނެރަލް ޝަވެންދްރަ ސިލްވާ ވިދާޅުވި ގޮތުގައި ޕްރޮވިންސުތަކުގެ މެދުގައި އާއްމު ދަތުރުފަތުރު މަނާވާނެއެވެ. މިކަމުން އިސްތިސްނާ ވާނީ ބޭންކިންގ، ޓޫރިޒަމް، އަދި ބަނދަރުތަކުގެ ދާއިރާއާއި އަސާސީ ޚިދުމަތްތަކުގެ ދާއިރާގެ މީހުންނެވެ.

މި ފިޔަވަޅުތައް އަޅާފައި ވަނީ ކޮވިޑް-19 ވައިރަސްގެ ޑެލްޓާ ވޭރިއެންޓް ސްރީލަންކާގައި ހަލުވިކަމާއެކު ފެތުރެމުން ދާތީ އެކަން ކޮންޓުރޯލުކުރުމަށެވެ. އެންމެ ފުރަތަމަ އިންޑިޔާއިން ފެނުނު މި ވޭރިއެންޓް ސްރީލަންކާގައި ފެތުރެމުން ދާއިރު، އެގައުމުގެ އަލަށް ފެންނަ ކޮވިޑް-19 ހާލަތްތަކުގެ %75 އަކީ ޑެލްޓާ ވޭރިއެންޓްގެ ހާލަތްތަކެވެ.

ކޮވިޑް-19 ކޮންޓުރޯލުކުރުމަށް ލޮކްޑައުންއަކަށް ދިއުމަށް ޑޮކްޓަރުން އެދެމުން ދިޔަ ނަމަވެސް ސްރީލަންކާ ސަރުކާރުން ވަނީ އެކަމަށް ދެކޮޅުހަދާފައެވެ. ޑޮކްޓަރުން ވަނީ އިއްޔެވެސް ސަރުކާރަށް އެމީހުންގެ އިލްތިމާސް ހުށަހަޅާފައެވެ.

ޑޮކްޓަރުންގެ އިލްތިމާސާ ގުޅިގެން ކެބިނެޓްގެ ތަރުޖަމާނު ޖަޔަންތާ ޕަތިރާނާ ވިދާޅުވެފައިވަނީ ލޮކްޑައުންގެ ބޭނުމެއް މިވަގުތު ނެތްކަމަށާއި، ސަރުކާރުން ހާލަތާ ގުޅޭގޮތުން ގޮތްތައް ކަނޑައަޅަމުން ދާނެކަމަށެވެ.

ބުދަ ދުވަހުގެ އަދަދުތައް ދައްކާގޮތުން ސްރީލަންކާގައި އެދުވަހު ކޮވިޑް-19 ޖެހިގެން 156 މީހުން މަރުވެފައި ވެއެވެ. މިއީ ރެކޯޑު އަދަދެކެވެ. އެދުވަހު އިތުރު 3000 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.

ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ސްރީލަންކާގެ 21 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 11 މިލިއަން މީހުން ވަނީ ކޮވިޑް-19 ވެކްސިން ޖަހާފައެެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 4 މިލިއަން މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.