ޖަރުމަނުން ނެރުނު ކޮވިޑްގެ ނުރައްކާތެރިކަން އޮތް ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ނުހިމެނޭ

ތުޅާގިރި އައިލެންޑް ރިސޯޓް އެންޑް ސްޕާ

ޖަރުމަން ވިލާތުން ނެރުނު ކޮވިޑް-19 ގެ ނުރައްކާތެރިކަން އޮތް ޤައުމުތަކުގެ ލިސްޓްގައި ދިވެހިރާއްޖެ ނުހިމެނެއެވެ. އެލިސްޓްގައި ނުހިމެނޭ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު މިސަރަޙައްދުން ވެސް އެލިސްޓުގައި ނުހިމެނި ސަލާމަތްވި ހަމައެކަނި  ޤައުމަކީ ދިވެހިރާއްޖެއެވެ.

ކޮވިޑް- 19 އަށް  ފަހު ބައެއް ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލައި ބައިނަލް އަޤްވާމީ ދަތުރުތައް ފެށުމަށް ދަނީތައްޔާރު ވަމުންނެވެ. ރާއްޖޭގެ ބޯޑަރުވެސް ޖުލައިމަހުންފެށިގެން ހުޅުވާލުމާއެކު ފަތުވެރިކަންވެސް ހުޅުވާލުމަށް ވަނީ ނިންމައިފައެވެ. ޖަރުމަން ވިލާތަކީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. އެޤައުމުން ނެރުނު މިފަދަ ލިސްޓެއްގައި ރާއްޖެ ނުހިމެނުމަކީ އެޤައުމުންނާއި މުޅިޔޫރަޕާއި އެހެން ހިސާބުތަކުން ވެސް ފަތުރުވެރިން ރާއްޖެއައުމަށް މަގުފަހިވެގެންދާނެކަމެކެވެ.

ކޮވިޑްގެ ނުރައްކާ އޮތް ކަމަށް ޖަރުމަން ވިލާތުން އެކުލަވާލި ލިސްޓްގައި ދުނިޔޭގެ 131 ޤައުމެއް ހިމެނެއެވެ. ޔޫރަޕް ޤައުމުތަކުގެ ތެރެއިން ތުރުކީ ވިލާތްވެސް މިލިސްޓްގައި ހިމެނެއެވެ. އަދި ޖަރުމަން ވިލާތުގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ މިސުރާއި ތައިލެންޑާއި މޮރޮކޯގެ އިތުރުން އެމެރިކާގެ ދެ ސްޓޭޓެއްކަމަށްވާ ނިއުޔޯކާއި ކެލިފޯނިއާވެސް ހިމެނެއެވެ. ނުރައްކާ އޮތް ޤައުމުތައްކަމަށް ކަނޑައަޅައިފައި ވަނީ  އެއްލައްކަ މީހުންގެ އާބާދީގެ ތެރެއިން ހަފްތާއެއްގެ ތެރޭގައި އަލަށް ބަލިޖެހޭ މީހުންގެ ނިސްބަތް 50 އަށް ވުރެ މަތީގައި ހުރުމުންނެވެ. ލިސްޓްގައި ހިމެނޭ ރިސްކު އޮތް ޤައުމުތަކުން ޖަރުމަން ވިލާތަށް ދާ މީހުން ވެސް 14 ދުވަހު ކަރަންޓީން ވާންޖެހެއެވެ.

ޔޫއޭއީ އިން ވެސް މިހާރު ވަނީ ކޮވިޑްގެ ހާލަތު ވަޒަންކުރާ ޤައުމުތަކުގެ ލިސްޓެއް އެކުލަވާލައިފައެވެ. އެގޮތުންރާއްޖެއަކީ ޔޫއޭއީގެ ރައްޔިތުން ދަތުރު ކުރުމަށް ނުރައްކާ ކުޑަ ނުވަތަ "ލޯ ރިސްކް" ޤައުމެއް ކަމަށް އެޤައުމުން ވަނީ ކަނޑައަޅައިފައެވެ. މިމަހުގެ 23 ން ފެށިގެން އެޤަމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖައްސައިފައިވަނީ އެޤަމުން ކެޓަގަރައިޒްކޮށްފައިވާ ތިން ކެޓަގަރީގެ ތެރެއިން ކޮވިޑް ގެ ނުރައްކާ ކުޑަ ޤައުމުތަކަށެވެ. ކޮވިޑްގެ ނުރައްކާ ކުޑަ ޤައުމުތަކުގެ ތެރޭގައި 41 ޤައުމެއް ހިމެނޭ އިރު މިސަރަޙައްދުން އެ ލިސްޓްގައި ހިމެނޭ ހަމައެކަނި ޤައުމަކީ ދިވެހި ރާއްޖެއެވެ.

ޔޫއޭއީން ވަނީ ދުނިޔޭގެ ގައުމުތައް ތިން ކެޓަގަރީ އަކަށް ބަހާފައެވެ. އެއީ، "ހައި ރިސްކް" ގައުމުތަކާއި، "މޮޑަރޭޓް ރިސްކް" ގައުމުތަކާއި، "ލޯ ރިސްކް" ގައުމުތަކެވެ. ޚާއްސަ ހާލަތެއްގައި، ކޮންމެހެން ދަތުރު ކުރަން ޖެހިއްޖެ ނަމަ "މޮޑަރޭޓް ރިސްކް" ގައުމަކަށް ދަތުރު ކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް އެޤައުމުން ވަނީ ކަނޑައަޅައިފައެވެ.

ޔޫއޭއީ އަކީ ވެސް ފަހަކަށް އައިސް ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ޤައުމެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.