"ކޯވިޑް -19 ދިފާޢު" މިބަލިމަޑުކަމުން އަރައިގަނެވޭނެކަމުގެ އުއްމީދު!

މިއަދަކީ ރާއްޖޭގެ ޞިއްޙީދާއިރާގައި ފާހަގަ ކޮށްލެވޭނެ މުހިންމު  ތާރީޚީ ދުވަހަކަށް ވާނެއެވެ. މުޅި ދުނިޔެ އެބަލި މަޑުކަމަކަމުން ސަލާމަތްތެރިކަން ހޯދަމަށް މަސައްކަތްކުރަމުންދާ ކޯވިޑް- 19 ގެ ބަލިމަޑުކަމުން ރައްކާތެރި ވުމަށް، ކޯވިޑް ވެކްސިން ދިވެހިންނަށް ވެސް ދޭންފެށި ތާރީޚީ ދުވަހެވެ. 

ކޯވިޑް ވެކްސިން ޖެހުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެ ތެރޭގައި  ދައުލަތުގެ ތިންބާރުގެ އެންމެ އިސްވެރިންނާއި ބައެއް ވަޒީރުން ހިމެނިވަޑައިގަނެއެވެ. 

މިއަދު ސޯޝަލް ސެންޓަރުގައި ވެކްސިން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށްފަހު އެމަނިކުފާނުވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ.  ރައީސް ވެކްސިން ޖެއްސެވީ ހަތަރު ވަނައަށެވެ. ވެކްސިން ދިނުގެ ރަސްމީ ޙަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހަމްދު މުއުތަސިމް އަދުނާންވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ. މިރަސްމިއްޔާތުގައި ވެކްސިން ޖެއްސެވި ބައެއް ވަޒީރުންގެ ތެރޭގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި  ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި ޖެންޑާ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ހިމެނިވަޑައިގަނެއެވެ. މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނދައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު ވެސް ވެކްސިން ޖެއްސެވިއެވެ.

ރާއްޖެއިން އެންމެ ފުރަތަ ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއްކަމަށްވާ، ޑރ. ޝިރާނީ އަބްދުއްރަހީމެވެ. ޑރ. ޝިރާނީ އަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ. ޑރ ޝިރާނީއަށްފަހު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި މަސައްކަތްކުރާ ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހެއް ކަމުގައިވާ އާރުއެން ކާރްތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަމަށްވާ އިބްރާހިމް ނަސީރު ވެސް ވަނީ ވެކްސިން ޖަހައިފައެވެ. 

ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް ވެކްސިން ޖެހުމަށް ހަމަޖައްސައިފައިވަނީ ޞިއްހީދައިރާގައި އިސްސަފުގައި މަސައްކަތް ކުރާ މީހުންނަށާއި ހައިރިސްކު މީހުންނަށެވެ. 

ހަމަސް ދުވަހުގެ ތެރޭގައި ހުރިހާ އެންމެންނަށް ވެކްސިންްދީ ނިންމުމަށް އަމާޒު ހިފާފައިި

"ކޯވިޑް-19 ދިފާޢު" ނުވަތަ ކޯވިޑުން ރައްކާތެރި ވުމަށްދޭ ވެކްސިން ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އެންމެނަށް ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެކްސިން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. ވެކްސިން ޖަހަންޖެހޭ އެންމެން ވެކްސިން ޖެހުމަށް ވެސް ރައީސް  ވަނީ އިލްތިމާސް ކުރެއްވިއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ  ކޯވިޑް ވެކްސިން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންވެސް ރައީސް ޞާލިޙް ވަނީ ދެއްވައިފައެވެ. 

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މިވެކްސިނަކީ  އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާއި، އެސްޓްރެޒެނަކާ  ގުޅިގެން  ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ރާއްޖެ ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިނަކީ  އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް  އުފައްދައިފައިވާ  މިބާވަތުގެ ވެކްސިނެކެވެ. މި ވެކްސިންގެ އެއްލައްކަ ޑޯޒް އިންޑިއާ ސަރުކާރުން  ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. މިއަދު ވެކްސިން ޖަހާ އެންމެނަށް ވެސް ޖަހާނީ މިވެކްސިން ގެ ފުރަތަ ޑޯޒެވެ. ވެކްސިނުން ރައްކާތެރިކަން ލިބޭނީ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.  ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނީ ފުރަތަ ޑޯޒް ޖަހާތާ ހަތަރުމަސް ފަހުންނެވެ. 

ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ މިއަދު މާލެއާއި ކުޅުދުއްފުށްޓާއި  އައްޑޫގައި ކޯވިޑް ވެކްސިން ދިނުން ކުރިއަށް ދިޔަ ނަމަވެސް ކުރިއަށް ތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި  ވެކްސިން ދިނުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައްވެސް ވަމުންދާކަމަށް ވިދާޅުވިއެވެ. އަމާޒަކީ ކޮންމެ ދުވަހަކު 10 ހާސް މީހުންނަށް ވެކްސިން ދިނުން ކަމަށް  ހެލްތް މިނިސްޓަރ  އަޙްމަދު ނަސީމް މިއަދު ވަނީ ވިދާޅުވެފައެވެ. 

ގައުމީ ވެކްސިން ޕްރޮގަރާމްގެ ހެޑް، ޑރ ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ވެކްސިން ދޭން ފެށުމަށް މީހުންނަށް ދޭންޖެހޭ ތަމްރީނުތައް ދެމުންދާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަޞީލަތްތައް ވެސް ލިބިފައިވާކަމަށެވެ. 

އާއްމުއެހެން ވެކްސިންތަކާ އެއްވަރެއްގައި ފިނިހޫނުމިން ބަހަށްޓަންޖެހޭ  މިވެކްސިން ރައްކާތެރިކޮށް ބެހެއްޓޭނެ އިންތިޒާމު އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ވެސް ހުންނާނެކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.  

މިހާރު ރާއްޖެއަށް ލިބިފައިވާ އިންޑިއާގެ ކޯވިޝީލްޑް ވެކްސިންގެ އިތުރުން އެކްއެސްޓްރެޒެނަކާ  އިތުރުވެކްސިންތައް ވެސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އަދި ފައިޒާ ވެކްސިންނާއި އެނޫންވެސް ރައްކާތެރިކަމުގެ ވެކްސިންތައް ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިތުރުވެކްސިންތައް އެކި ބައިބަޔަށް ރާއްޖެއަށް ގެނެވޭނެކަމަށް ވެސް ވިދާޅުވިއެވެ. 

މިއަދު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކޯވިޑް ވެކްސިން ދޭން ވަނީފަށާފައެވެ. މިއަދު މާލޭގައި މިވެކްސިން ދިނުން ހަތަނެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ވެ. އެއީ އެއީ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދިޔަ ސޯޝަލް ސެންޓަރުގެ އިތުރުން އައިޖީއެމްއެޗާއި އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި  ސެނެހިޔާ އިންނެވެ. މީގެ އިތުރުން ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައިވެސް މިއަދު ވަނީ ވެކްސިން ދީފައެވެ.

ދިމާވެދާނެ ކޮންމެ ހާލަތަކަށްވެކްސިންދޭ މަރުކަޒުތައް އޮތީ ތައްޔާރަށް!

ދުނިޔޭގެ ގިނަ ޤައުމުތަކޭ އެއްފަދައިން ރާއްޖެއިން މިއަދު ކޯވިޑް- 19 ގެ ވެކްސިން ދޭންފެށި ނަމަވެސް ޞިއްޙީ ދާއިރާއިން އެކަމަށް ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މިއަދު ވެކްސިން ދޭން ފަށާއިރު ވެކްސިނާއި ގުޅިގެން ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރަށް އޮތްކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. 

މިއަދު ވެކްސިން ޖަހަން ފެށިއިރު ވެކްސިން ދޭ ހުރިހާ މަރުކަޒެއް ތައްޔާރުކުރެވިފައިވަނީ ދިމާވެދާނެ ކޮންމެ ހާލަތަކަށް ވަގުތުން ހިދުމަތް ދެވޭގޮތަށްކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. ޤައުމީ ވެކްސިން ޕްރޮގަރާމްގެ "ހެޑް" އަދި އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު  ވިދާޅުވީ ވެކްސިން ޖަހާ މަރުކަޒުތައް ހުންނާނީ ވަކިގޮތަކަށް ތައްޔާރުކުރެވިފައިކަމަށެވެ. ކޮންމެ މީހަކުވެސް ވެކްސިން ޖެހުމަށްފަހު 15 މިނެޓްވަންދެން ވެކްސިން ޖެހި މަރުކަޒުގައި މަޑުކުރަންޖެހޭނެކަމަށެވެ. ވެކްސިންދޭމަރުކަޒަށް ފުރަތަމަ ވަންނަ އިރުވެސް ހުން ބެލުމާއިބަލީގެ އަލާމާތްތައް ހުރިތޯ ބަލާނެކަމަށް ވިދާޅުވިއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ވެސް ވެކްސިނާއި ބެހޭ މައުލޫމާތު އެމީހަކާ ޙިއްސާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. 

ވެކްސިން ޖެހުމަށްފަހު ކޮންމެ މީހަކުވެސް 15 މިނެޓް ވަންދެން ވެކްސިން ޖެހިތަނުގައި މަޑުކުރަންޖެހެނީ، ވެކްސިން ޖެހުމަށްފަހު އެއްވެސް ކަހަލަ ރިއެކްޝަނެއް އާދޭތޯ ބެލުމަށް ކަމަށް ޑރނަޒްލާ ވިދާޅުވިއެވެ.  އެއްވެސްކަމަށް އެލާޖީއެއް ހުންނަ މީހެއްނަމަ 30 މިނެޓް ވަންދެން މަޑުކޮށް ބަލަމުން ގެންދާނެކަމަށް ވެސް  ޑރ ނަޒްލާ ވިދާޅުވިއެވެ.

ސިއްހީ އެއްވެސް މައްސަލައެއް ދިމާވެފައިވާ މީހެއް ނަމަ ވެކްސިން ޖަހަން ދާއިރު އެ މީހެއްގެ ހެލްތް ރެކޯޑްސް ނުވަތަ ލިޔުންތައް ގެން ދުއުމަށްވެސް  ޑރ ނަޒްލާ އިލްތިމާސް ކުިރެއްވިއެވެ. ކުރިން ވެކްސިނެއް ޖަހާފައިވާނަމަ ދެ ވެކްސިން ދެމެދު ވަކި މުއްދަތެއް ހަމަކުރަންޖެހޭނެކަމަށްވެސް ޑރ ނަޒްލާ ވިދާޅުވިއެވެ. ކޯވިޑް ވެކެސްިން ޖެހުމާއި އެހެން ވެކްސިނެއް ޖެހުމާއި ދެމެދު މަދުވެގެން 14 ދުވަހުގެ މުއްދަތެއް ހުންނަން ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ޖެހުމަށްފަހު އެއްވެސް ކަހަލަ "ސައިޑްއިފެކްޓެއް" ހުރިނަމަ އެކަން ރިޕޯރޓްކުރުމަށް ވެސް ޑރ ނަޒްލާ ވަނީ އިލްތިމާސް ކުރައްވައިފައެވެ. 

ވެކްސިން ޖެހިކަމުގައި ވިއަސް ރައްކާތެރިކަމުގެ ފިވަޅުތައް ދޫކޮށްލައިގެން ނުވާނެ 

މިއަދު ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަ ޑޯޒް ދޭންފަށައިފައި ވާއިރު މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޯވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ 100 އިން މަތީގައެވެ.  ސަތޭކައިން މަތީގައި ޢަދަދުތައް އުޅޭތާ މިހާރު ވަނީ ހަފްތާއަކަށްވުރެ ގިނަ ވެފައެވެ. އަދި ހޮސްޕިޓަލިގައި އެޑްމިޓްކޮށް ފަރުވާ ދޭމީހުންގެ ޢަދަދުވެސް އުޅެނީ ސަތޭކައިން މަތީގައެވެ. އިއްޔެގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައިވެސް 163 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ 1644 ގައެވެ. ދިވެހިންވެސް ކޮވިޑާ އެކު އުޅެމުންދާތާ އަހަރަކާއި ގާތްވެފައި ވާއިރު ރާއްޖެއިން މިހާތަނަށް 15841 މީހަކަށް ވަނީ ކޯވިޑް ޖެހިފައެވެ. 52 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. 

ކޯވިޑުން ރައްކާތެރިކޮށްދޭ ވެކްސިން ޖަހަން ފެށުމަކީ ކޯވިޑުން ރައްކާތެރި ވުމަށް ލިބޭ އިތުރު ބާރަކަށް ވިއަސް ކޯވިޑުން ރައްކާ ތެރިވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ތައް ދޫކޮށް ނުލުމަށް ޞިއްޙީ މާހިރުން ލަފާ ދެއްވައެވެ. 

ކޯވިޑް 19 ގެ ވެކްސިނުން ލިބޭ ފުރިހަމަ ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. ވެކްސިންގެ ފުރިހަމަ ރައްްކާތެރިކަން ހޯދަން  0.5 އެމްއެލްގެ ދެ ޑޯޒް މަދުވެގެން 4 ހަފަތާގެ ދުރުމިނެއްގެތެރޭގައި ދޭންޖެހޭ ކަމަށް ޞިއްހީ މާހިރުން ހަމާ ކުރައްވައެވެ. 

މިއަދު ޕީއެސްއެމުން ކޯވިޑް ވެކްސިނާ ގުޅޭ ގޮތުން ގެނެސްދިން ލައިވް  ޕްރޮގަރާމެއްގައި ވާހަކަ ފުޅު ދައްކަވަމުން ޑޮކްޓަރ ފައިސަލް ވިދާޅުވީ ވެކްސިންގެ އަސަރު ފެންނާނީ މުޖުތަމަޢުގެ ބޮޑު ބަޔަކު  ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށެވެ. ވެކްސިނަށް ހަށިގަނޑު ހެނޭންވެސް ދެހަފަތާއެއްހާ ދުވަސް ނަގާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ލިބުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

 ކުޑަކުދިންނަށް މިވެކްސިން ނުޖެހޭ އިރު އެކުދިން ބަލިން ރައްކާތެރިކޮށް ދިނުމަށް ވެކްސިން ޖަހަން ޖެހޭނީ އެކުދިންގެ ބެލެނިވެރިން ކަމަށް ޑރ ފައިސަލް ފާހަގަ ކުރެއްވިއެވެ.  ވެކްސިން ނުޖެހޭނެ މީހުންގެ ތެރޭގައި މާބަނޑު މީހުންވެސް ހިމެނެއެވެ. އެހެންކަމުން ވެކްސިން ނުޖެހޭނެ މީހުން ބަލިން ރައްކާތެރި ކޮށްދެވޭނީ ވެކްސިން ޖަހަން ޖެހޭ އެންމެން ވެކްސިން ޖަހައިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށް ނުލައި،. އެންމެންވެސް ރައްކާތެރިކަމަށް މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް ދަމަހައްޓައިގެންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.