ކޯވިޑް-19 ގެ އާލަމީ ވަބާ ދުނިޔެއަށް އުފަންވެ ޤައުމުތަކަށް ވެރިވެގަތީއްސުރެ މުޅި ދުނިޔެ ދިޔައީ އެވަބާ ޝިކާރައަކަށްވެގެންނެވެ. ޤައުމުތަކު ބޯޑަރުތައް ބަންދުކޮށް ދަތުރު ފަތުރުތައް ހުށްޓުނެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރީ ރާއްޖެފަދަ ނާޒުކު އިޤްތިޞާދު ތަކަށް ބަރޯސާވެފައިވާ ޤައުމުތަކަށެވެ.
ބޯޑަރު ބަންދު ކުރުމުން ރާއްޖޭ އިޤްތިޞާދު، އެކަމަކަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަން އެއްކޮށް ހުށްޓި، ބޭރު ފައިސާ ލިބުން ހުއްޓުނެވެ. އެކަމުގެ ސަބަބުން ފަތުރު ވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާތައް ގެއްލިގެން ދިޔައެވެ. ތަފާތު އިޖްތިމާއީ މައްސަލަ ތައް ކުރިމަތިވެ ކޯވިޑަށް ވުރެ ބޮޑު ބަލި މަޑުކަމަކަށް އެކަންކަން ވެގެން ދިޔައެވެ. މިކަންކަމުގެ ސަބަބުން ދައުލަތަށް އުފުލަން ޖެހުނު ބުރަބޮޑުވެގެން ދިޔައެވެ.
ކޯވިޑް-19 ގެ ރާއްޖޭގެ ޙާލަތަށް ބަލާއިރު މިހާރު ދުވާލެއްގެ މައްޗަށް އަލަށް ބަލި ޖެހޭ މީހުންގެ ޢަދަދުތައް ވަނި ވަރަށް ބޮޑަށް ދަށް ވެފައެވެ. އިއްޔެގެ އަދަދުތަކަށް ބަލާއިރުވެސް ރާއްޖެއިން ކޯވިޑް-19 އަށް 2058 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު އަލަށް ބަލި ޖެހިފައިވަނީ 34 މީހުންނަށެވެ. މިހާތަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމަލަ އަދަދަކީ 13،308 ކެވެ. މިބަލީގައި މަރުވެފައި ވަނީ 48 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 12،621 މީހުން ވަނީ ރަނގަޅު ވެފައެވެ. މިހާރު ބަލިޖެފައި ތިބި މީހުންގެ ޢަދަދަކީ 633 އެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދެމުން ދަނީ 66 މީހުންނަށެވެ.
ކޯވިޑް- 19 އިން އަރައިގަތުމަށް އަލި މަގެއް ފެނިގެން ދިޔައީ ކޯވިޑް ވެކްސިނުންނެވެ. މިހާރު ބައެއް ޤައުމުތަކުގައި ވަނީ ކޯވިޑްގެ ވެކްސިން ޖަހަން ފަށާފައެވެ. އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައިވެސް ކޯވިޑް- 19 ގެ ވެކްސިން ދޭން ފެށޭނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އެންމެ ރައްކާތެރި، އެންމެ ކާމިޔާބު ވެކްސިން ލިބެން އޮތީ "ކޯވެކްސް" ފެސިލިޓީ މެދުވެރިކޮށް ކަމަށް ހެލްތް އިމަޖެންސޯ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ ނަޒުލާ ރަފީޤު ވަނީ ވިދާޅުވެފައެވެ. އެފެސިލިޓީން ރާއްޖެއަށް ވެކްސިން ހޯދުމަށް ހުށަހެޅި އެޕްލިކޭޝަން މިހާރު ބަލައިގަނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ވެކްސިން ރާއްޖެއަށް ވީ އެންމެ އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގައި ބޭނުންކުރާނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ވެކްސިނެއްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ކޯވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ އަށް ބޭނުންވާ ވެކްސިން ހިލޭ ލިބޭނެކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ ވެކްސިން ބަލީގެ ނުރައްކާ ބޮޑު މީހުންނާއި އިސްސަފުގައި މަސައްކަތް ކުރާ މީހުންނަށް
ކޯވިޑް ވެކްސިން ދޭނެ އާބާދީގެ 20 އިންސަތަ ކަނޑައެޅުމުގައި އިސްކަން ދޭނެ ތަރުތީބު މިހާރު ވަނީ ކަނޑައަޅައިފައެވެ. ފުރަތަމަ ލިބޭ ވެކްސިން ދިނުމުގައި އިސްކަންދޭނީ ބަލީގެ ނުރައްކާ އެންމެ ބޮޑުވާ ހައިރިސްކު މީހުންނާއި އިސްސަފުގައި މަސައްކަތްކުރާ މީހުންނަށެވެ. ފުރަތަމަ ވެކްސިންދޭ 20 އިންސައްތައިގެ ތެރެއިން 17 އިންސައްތަ އަކީ ހައިރިސްކު މީހުންނެވެ. ތިން އިންސައްތައިގައި ހިމެނެނީ އިސް ސަފުގައި މަސައްކްތަކުރާ މީހުންނެވެ. އިސް ސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުނާއި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުން ހިމެނެއެވެ.
ފުރަތަމަ ވެކްސިންދޭ 17 އިންސައްތަ އަކީ ހައިރިސްކު މީހުންނެވެ. އޭގެތެރޭގައި އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ އުމުރުން 50 އަހަރުން ދަށުގެ މީހުން ވެސް ހިމެނެއެވެ. އޭގެތެރޭގައި ހަކުރު ބަލި، ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކާއި ނޭވާލުމުގެ ނިޒާމުގެ ބަލިތަކާއި ކެންސަރާއި ލިވާގެ ބަލިތަކާއި ތެލެސީމިއާއި އެނޫންވެސް ލޭގެ ބަލިތަކާއި ސްޓްރޯކްފަދަ ނުރައްކާ ކުރިމަތިވެފައިވާ މީހުންނާއި އެނޫންވެސް އެފަދަ ބޮޑެތި ބަލިތަކުގެ މީހުން ހިމެނެއެވެ. މީގެ އިތުރުން ޢުމުރުން 40 އަހަރުން މަތީގެ، ހުންނަން ޖެހޭ ވަރަށްވުރެ ބަރުދަން އިތުރުކޮށް ތިބޭ މީހުން ވެސް މި ގުރޫޕްގައި ހިމެނެއެވެ.
ވެކްސިންދޭ ތިން އިންސައްތައިގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުނާއި ސިއްހީ ހިދުމަތްތެރިންނާއި އެނޫންވެސް ބަލި މީހުންނާއި ގާތުން މަސައްކަތް ކުރަންޖެހޭ މީހުންނާއި އެކި ގޮތް ގޮތުން ބަޔަށް ހުށަހެޅިދާނެ ގޮތަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެތެރޭގައި ވެކްސިން ދިނުމުގައި ޙަރަކާތްތެރިވާ މީހުންނާއި ކޯވިޑްގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާ މީހުންވެސް ހިމެނެއެވެ. މީގެ އިތުރުން ކެއަރ ވާކަރުންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުތަކާއި ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބަލަހަށްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން ވެސް ހިމެނެއެވެ.
އިސްކަންދޭ ގްރޫޕުގައި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ މީހުން ވެސް
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުގައިވާގޮތުން، ވެކްސިން ދިނުމުގައި އިސްކަންދޭ މީހުންގެ ތެރޭގައި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރޮންޓުލައިންގައި މަސައްކަތްކުރާމީހުން ވެސް ހިމެނެއެވެ.
ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރޮންޓުލައިންގައި މަސައްކަތްކުރާމީހުންގެ ތެރޭގައި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ދަތުރު ފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފްރޮންޓިލައިންގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. ޖަލުތަކާއި އާންމު ހިދުމަތްދޭ ތަންތަނާއި އޮފީސްތަކުގައި ފްރޮންޓުލައިންގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހުން ވެސް ހިމެނެއެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން މިހާރު ދަނީ ވަމުންނެވެ. އެގޮތުން ޤައުމީ ފެންވަރުގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ރައްކާކުރާނެ ގޮތާއި ވެކްސިން ދޭނެ ގޮތް ރާވާ އިންތިޒާމް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ކޯވިޑް-19 ވެކްސިން ޖެހުމަށް ކަނޑއެޅިފައިވާ ކެޓަގަރީގައިވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް އަތޮޅުތެރޭގައިކުރަމުންދާކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މާލޭގައި އެމަސައްކަތް ފެށުމުގެ ކުރިން އިޢުލާން ކުރާނެއެވެ.
ކޯވިޑް-19 ވެކްސިންނާއި ބެހޭ ކޮމިއުނިކޭޝަންސް ސްޓްރެޓަޖީއެއް ވެސް ވަނީ ތައްޔާރުކޮށްފައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. ހާލަތާއި އެއްގޮތަށް އާންމުންނަށް ވެކްސިންނާ ބެހޭ ސައްހަ މައުލޫމާތު ދެވޭނެ ކަމަށް ވިދާޅުވިއެވެ. ވެކްސިނާ ބެހޭ ޞައްޙަ މަޢުލޫމާތު ޔުނިސެފާއި ޑަބްލިޔޫއެޗްއޯ އާއި އެޗްޕީއޭ ފަދަ ފަންނީ އިދާރާތަކުން ހޯދުމަށް ވެސް ވަނީ އިރުޝާދު ދެއްވައިފައެވެ. ހަނދާންކުރަންޖެހޭ ކަމަކީ ވެކްސިން ލިބުމުން، ހަމައެކަނި ވެކްސިން ޖެހުމުން ނުފުދޭކަމާއި ވެކްސިންނާއެކުވެސް މާސްކް އެޅުމާއި އަތް ދޮވުމާއި ތިން ފޫޓު ދުރުމިން ބެހެއްޓުމާއި ކެއްސާ ކިބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން،ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކޯވިޑް-19 އިން ރައްކާތެރިވެ ތިބުމަށް މުހިންމުކަން، އެޗްޕީއޭއިން ވަނީ ހަދާންކޮށްދީފައެވެ.
ކޯވިޑް- 19 ގައި، ކުރިން ވެންޓިލޭޓަރު ތަކަށް އޮތް ޑިމާންޑަށް ވުރެ ބޮޑު ޑިމާންޑެއް ދުނިޔޭގައި ކޯވިޑް-19 ގެ ވެކްސިންނަށް މިހާރު އެބަ އޮތެވެ. ވެންޓިލޭޓަރުތައް ހޯދުމުގައި ވެސް ވަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަންތައްތަކެއް ހިނގައިފައެވެ. އެމައްސަލަ އަދިވެސް ކޮޅެއްގައި ޖެހިފައި ނުވާއިރު ދައުލަތުން އެތައްމިލިއަން ރުފިޔާއެއް ގެއްލުން ނޫން ކަމެއް ނުވެއެވެ. ވެންޓިލޭޓަރުތައް ވީތަނެއް އަދި އަދަށް ދާންދެކަށް ވެސް ނޭނގެއެވެ. އެފަދަ ގޮތަކަށް ކޯވިޑް-19 ވެކްސިންގެ ކަންކަން ދިޔަ ނުދިނުމަށް ފާހަރަވެރިވާން ޖެހޭ ފަރާތްތަކުން ދުރާލާ ފާރަވެރިވާން ޖެހެއެވެ.