ދައުލަތުގެ ތިންބާރުގެ އެންމެ އިސްވެރިންނާއި ބައެއް ވަޒީރުން ވެކްސިން ޖައްސަވައިފި

ދައުލަތުގެ ތިންބާރުގެ އެންމެ އިސްވެރިނާއި ބައެއް ވަޒީރުން ކޯވިޑް -19 ވެކްސިން ޖައްސަވައިފިއެވެ. 

މިއަދު ރާއްޖޭގައި ކުރިއަށްދާވެކްސިން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. 

ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށްފަހު އެމަނިކުފާނުވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ.  ރައީސް ވެކްސިން ޖެއްސެވީ ހަތަރު ވަނައަށެވެ. 

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ރަސްމީ ޙަރަކާތުގައި ރާއްޖެއިން އެންމެ ފުރަތަ ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއްކަމަށްވާ، ޑރ. ޝިރާނީ އަބްދުއްރަހީމެވެ. ޑރ. ޝިރާނީ އަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ. ޑރ ޝިރާނީއަށްފަހު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި މަސައްކަތްކުރާ ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހެއް ކަމުގައިވާ އާރުއެން ކާރްތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަމަށްވާ އިބްރާހިމް ނަސީރު ވެސް ވަނީ ވެކްސިން ޖަހާފައެވެ.

މިއަދު މާލޭގައި ކުރިއަށްދާ ވެކްސިން ދިނުގެ ރަސްމީ ޙަރަކާތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހަމްދު މުއުތަސިމް އަދުނާންވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ. މިރަސްމިއްޔާތުގައި ވެކްސިން ޖެއްސެވި ބައެއް ވަޒީރުންގެތެރޭގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި  ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި ޖެންޑާމިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ހިމެނި ވަޑައިގަންނަވައެވެ. މީގެ އތުރުން އިންޑިއާއިން ރާއްޖެއަށް ކަނދައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު ވެސް ހިމެނި ވަޑައިގަންނަވައެވެ. 

ރާއްޖޭގައި މިއަދު ދެމުން ދަނީ ކޮވިޝީލްޑް ވެކްސިނެވެ. މިވެކްސިނަކީ  އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާއި، އެސްޓްރެޒެނަކާ  ގުޅިގެން  ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ރާއްޖެ ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިނަކީ  އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް  އުފައްދައިފައިވާ  މިބާވަތުގެ ވެކްސިނެކެވެ. މި ވެކްސިންގެ އެއްލައްކަ ޑޯޒް އިންޑިއާ ސަރުކާރުން  ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. މިއަދު ވެކްސިން ޖަހާ އެންމެނަށް ވެސް ޖަހާނީ މިވެކްސިން ގެ ފުރަތަ ޑޯޒެވެ. ވެކްސިންނުން ރައްކާތެރިކަން ލިބޭނީ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.