ކޮވިޑް- 19 ފެތުރޭ ގައުމުތަކުގަައި ޖަމާއަތުގައި ނަމާދު ނުުކުރުމަށް މުސްލިމް އިލްމުވެރިންގެ އިއްތިހާދުން ފަތުވާ ނެރެފި

ހުކުރު ނަމާދު ނުކުރުމަށްވެސް އެ ފަތުވާގައި ބުނެފައިވޭ

ޓިއުނިސްގެ ޒައިތޫނާ މިސްކިތް ޑިސްއިންފެކްޓްކުރަނީ

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 (ކޮރޯނާ ވައިރަސް) ފެތުރޭ ގައުމުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި، ހުކުރު ނަމާދު ނުކުރުމަށް އިސްލާމީ ދުނިޔޭގެ ގިނަ ޢިލްމުވެރިން ހިމެނިވަޑައިިގަންނަވާ އިއްތިހާދެއް ކަމުުގައިވާ، އިންޓަނޭޝަނަލް ޔުނިއަން ފޯ މުސްލިމް ސްކޯލާސް (އަލްއިއްތިޙާދު އަލްޢާލަމީ ލިޢުލަމާއި އަލްމުސްލިމީން) އިން އިއްޔެ ފަތުވާ ނެރެފިއެވެ.

"ބަލިމަޑުކަމެއްގެ ގޮތުގައި، ގެއްލުންދެނިވި ގޮތުގައި ފެތުރެމުންދާ މި ވައިރަސް، އެ ޖެހިފައިވާ ބިލިމީހުންގެ ފަރާތުން އެހެނިހެން މީހުންގެ ގަޔަށް، އެކުގައި އުޅުމާއި، ތަންތަނުގައި އަތްލުމުން އަރާތީ، ހުރިހާ ބައްދަލުވުމަކާއި، އެއްވުމެއް ވެގެން ދާނީ މި ވައިރަހާއި އޭގެ ނުރައްކާ ފެތުރެން މެދުވެރިވާ ސަބަބަަކަށެވެ." އެ އިއްތިހާދުގެ ފަތުވާގައި ވެއެވެ.

"މިހާލަތުގައި ހުކުރު ނަމާދުކުރުމާއި، މިސްކިތުގައި ޖަމާއަތުގައި ނަމާދުކުުރުމާ ގުޅޭގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ މުސްލިމުން ސުވާލުކުރަމުން އެބަދެއެވެ. އެކަން އޮތް ގޮތަށް ބާއްވާނީތޯއެވެ؟ ނުވަތަ ޖަމާއަތުގެ ނަމާދު، އަދި ހުކުރު ނަމާދަށް ނުދިއުން ހުއްދަވާނެތޯއެވެ؟" ފަތުވާގައި ވެއެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ނެރުނު ފަތުވާ ދަލީލުގެ ގޮތުގައި ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ ގެ ޙަދީޘުފުޅުތަ ގެނައުމަށް ފަހު ނިންމާލާފައި ވަނީ މިފަދައިންނެވެ. "މި ބަލިމަޑުކަން ފެތުރި، އެކަން ހަގީގީ ބިރަކަށްވެފައިވާ ކޮންމެ ގައުމެއްގައި. ސަރުކާރުން ކަށަވަރުކޮށްފައިވާ އިތުބާރުހުރި ސިއްހީ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް، ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދުކުރުހުން ހުއްޓާލުމަށް މިއިއްތިހާދު ހުރިހާ މުސްލިމުންނަށް ގޮވާލަމަވެ."

2004 ވަނަ އަހަރު އެފެދުނު މުސްލިމް އިއްލުމުވެރިންގެ އިއްތިހާދުގައި މަޝްހޫރު ދީނީ ޢިލްމުވެރިން ކަމުގައިވާ ޑރ. ޔޫސުފު އަލްޤަރަޟާވީއާއި ސަލްމާން އަލްޢައުދާ ހިމެނިވަޑައިގަންނަވައެވެ. ޑރ. ޔޫސުފު އަލްޤަރަޟާވީއަކީ އެ އިއްތިޙާދުގެ ފުރަތަމަ ރައީސެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ކޮވިޑް- 19 ޖެހިފައިވާ މީހުން 1 ލައްކަ 50 ހާހަށް އަރާފައި ވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު 5 ހާހަށްވުރެ މައްޗެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.