އިންޑިއާއިން ގެނައި ކިޑްނީ ބަލީގެ ފަސް މީހަކު ކަރަންޓީންކޮށްފައިވަނީ އައިޖީއެމްއެޗްގައި

އިންޑިއާއިން ގެނައި ކިޑްނީ ބަލީގެ ފަސް މީހަކު ކަރަންޓީންކޮށްފައިވަނީ އައިޖީއެމްއެޗްގައި ކަމަށް ކޮވިޑާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެ އެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ އައިޖީއެމްއެޖްގައި ކަރަންޓީން ކުރެވުނު ފަސް މީހުން ވެސް ކަރަންޓީން ކޮށްފައިވަނީ ވަކިސަރަހައްދެއް ކަނޑައަޅައި އެތަނުގައެވެ. މިއަދު އައިޖީއެމްއެޗް ގައި ކަރަންޓީން ކުރި ކިޑްނީ ބަލީގެ ފަސް މީހުންގެ ތެރެއިން ތިން މީހުން ނަކީ ކޮންމެ ދުވަހަކު ޑައިލެސިސް ހަދަން ޖެހޭ މީހުންނެވެ. މިމީހުންނާއެކު ތުއްތު ދެކުދިންވެސް ހިމެނޭކަމަށް މަބަރޫކް ވިދާޅުވިއެވެ. އޭގެ ތެރެއިން ކޮންމެ ކުއްޖަކާއެކު އެކަކު އައިޖީއެޗް އެޗްގައި ކަރަންޓިންގައި ބައިތިއްބައިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ޖުމުލަ ނުވަ މީހަކު އައި ޖީއެމްއެޗްގައި ކަރަންޓީން ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އިންޑިއާއި ގެންނަ ދިވެހިންގެ ތެރޭގައި ގިނަ ޢަދަދަކަށް ބަލި މީހުން އުޅުއެވެ.

ކޮވިޑަށް ފަރުވާ ދެމުންދިޔަ ދެމީހަކު މިއަދު ވަނީ އެބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން ރާއްޖޭގައި ބަލިން ރަނގަޅު ވި މީހުންގެ ޢަދަދު ވަނީ 16 އަށް އަރާ ފައެވެ. ފަރުވާ ހޯދަމުން ދަނީ ދެ މީހުންނެވެ.

މަބްރޫކް ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރުވެސް ކަރަންޓީން ފެސިލިޓީތަކުގައި 962 މީހުން ބައިތިއްބައިފައިވެއެވެ. އަދި އައިސޮލޭޝަންގައި 11 މީހަކު ވަނީ ބައިތިއްބައިފައެވެ. މިއަދު ކަރަންޓީން ފެސިލިޓީ ތަކުން ދޫކޮށްލި ނުވަ މީހުންނާއެކު ކަރަންޓީނުން ދޫކޮށްލި މީހުންގެ ޢަދަދު ވަނީ 859 އަކަށް އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.