މިސްކިތެއްގެ ތެރޭގައި ހުރި ޢުމުރުން ދުވަސްވީ ދިވެއްސަކާ، މާރާމާރީ ހިންގި އިންޑިއާމިހާ ޑިޕޯރޓްކޮށްލުމަށް ނިންމެވީ މަސްލަޙަތު ބޮޑީ އެގޮތްކަމަށް ވާތީކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އިން ވިދާޅުވީ ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ގޮސް ހުރި އުމުރުން ދުވަސްވީ މީހަކާ މާރީމާރީ ހިންގި އިންޑިއާ މީހާގެ ތަޙުޤީޤު ނިމި މިދިޔަ ހަފްތާގައި ޕީޖީ އޮފީހަށް ފޮނުވައިފައިވާކަމަށެވެ. އަދި އެމީހާ ޑިޕޯރޓްކޮށްލުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން އެމީހާ ވަނީ އިމިގްރޭޝަނާ ޙަވާލުުރައްވައިފައިކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ ގުރޫޕުގައި އެއޮފީހުން ވިދާޅުވީ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް ފެންނާތީ އެގޮތަށް ޢަމަލު ކުރެއްވީ ކަމަށެވެ.
"މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މި އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ. މައްސަލަ މި އޮފީހަށް ހުށަހެޅިއިރު ތަޙުޤީޤުކުރި ފަރާތުގެ އޮޕީނިއަން އަކަށްވެސްވީ، ޑީޕޯޓްކޮށްލުމުގެ މަސްލަޙަތު ބޮޑުކަމަށް. އަދި މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިންވެސް ޢަމަލުކުރާ ގޮތެއް. މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން." ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ގޮސް ހުރި އުމުރުން ދުވަސްވީދިވެއްސެއްގެ ގައިން ނުބައި ވަހެއް ދުވާތީ ކަމަށްބުނެ، އެމީހާ ގަދަކަމުން ބޭރަށް ނެރެންްއުޅެ އިންޑިއާ މިހާ މާރާމާރީ ހިންގާފައިވަނީ މިމަު 15 ގައެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ފުލުހުން މިފަދަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ދާދި ފަހުން ޖިނާއީ ތުޙުމަތު ކުރެވުނު އިންޑިއާގެ އިތުރު ދެމީހަކު ވެސް ވަނީ ޑިޕޯޓް ކޮށްލައިފައެވެ.