ކޮވިޑް-19 ގެ ބަދަލުވެފައިވާ ވައިރަސް 70 ގައުމަށް ފެތުރިއްޖެ: ޑަބްލިޔުއެޗްއޯ

އިނގިރޭސިވިލާތުން ފެނި އެހެން ގައުމުތަކަށް ފެތުރެން ފަށާފައިވާ ކޮވިޑް-19 ގެ ބަދަލުވެފައިވާ ވައިރަސް މި ޖަނަވަރީ މަހުގެ 25 ވަަނަ ދުވަހާއި ހަަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 70 ގައުމަށް ފެތުރިފައިވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެެެވެ.

މި ވައިރަހުގެ، ވީއޯސީ 01/202012 ގެ ނަން ދެވިފައިވާ ވައްތަރު ބަދަލުނުވާ ވައިރަހަށްެވެރު މާ އަވަހަށް ފެތުރޭއިރު، ފާއިތުވި ހަފުތާގައި އެކަނިވެސް ބަދަލުވެފައިވާ ވައިރަސް ވަނީ 25 ގައުމަކަށް ފެތުރިފައެެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން ފާއިތުވި ހަފުތާގައި ވިދާޅުވެފައިވަނީ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ބަދަލުވެފައިވާ ވައިރަހުން މީހުން މަރުވުމުގެ ނިސްބަތް އިތުރު ކަމުގައެވެ. އެހެންނަމަވެސް، ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އެގޮތަށް ދެއްކި "ދީރާސާތަކަކީ އިބްތިދާއީ ދިރާސާތަކެކެވެ. އަދި އެ ހޯދުންތައް ކަށަވަރުކުރުމަށް އިތުރު ތަހުލީލުތައް ބޭނުންވެއެވެ."

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި ދެކުނު އެފްރިކާއިން ފެނުނު ބަދަލުވެފައިވާ ވައިރަސް މިހާރު ވަނީ 31 ގައުމަކަށް ފެތުރިފައެވެ. އެއީ، މީގެ ހަފުތާއެއްހާ ދުވަސް ކުރިއަށް ބަލާއިރު، އަށް ގައުމު އިތުރު އަދަދެކެވެ.

ކޮވިޑް-19 ގެ ބަދަލުވެފައިވާ ވައިރަހެއް ބްރެޒީލުން ފެނިފައިވާއިރު އެ ވައްތަރު ވެސް މިހާރު ވަނީ އަށް ގައުމަކަށް ފެތުރިފައެވެ.

ހުރިހާ ވައިރަހަކީވެސް އޭގެ މާހައުލާ ގުޅޭގޮތުން ބަދަލުވަމުންދާ އެއްޗެކެވެ. މިގޮތުން ސާޒް ވައިރަސް ވެސް އެތައް ގޮަތަކަށް ބަދަލުވެފައިވާކަން ސައިންސުވެރިން ފާހަގަކުރެއެވެ.

އެހެންކަމުން ޑަބްލިޔުއެޗްއޯއިިން ގައުމުތަކަށް ގޮވާލާފައި ވަނީ ބަދަލުވެފައިވާ ވައިރަހާމެދު ވިސްނައި، ބަލިޖެހޭ މިންވަަރަށާއި، ބަލިން މީހުން މަރުވާ މިންވަަރަށް އޭގެ ސަބަބުން އަންނަ ބަދަލުތައް ދިރާސާކުރުމަށެވެ.

ފާއިތުވި ހަފުތާގައި ދުނިޔޭގެ ކަންކޮޅުތަކުގައި 4.1 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި 96 ހާސް މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.