ކޮވިޑް- 19: ވެކްސިނެއް އުފައްދަން ދޮޅު އަހަރު ނަގާފާނެ: ޑަބްލިޔުއެޗްއޯ

ސްވިޒަލޭންޑުގެ ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އޮފީސް

ނޮވެލް ކޮރޯނާ ވައިރަސްއަށް ވެކްސިނެއް އުފަންދަން އަހަރަކާ ދޮޅު އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވުން އެކަށީގެންވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

"ކޮރޯނާ ވައިރަސްއާ ދެކޮޅަށް ވެކްސިނެއް އުފައްދަން އަހަރަކާ ދޮޅު އަހަރާ ދެމެދުގެ މުއްދަތެެއް ބޭނުންވާނެ. މި މުއްދަތުގައި ފުރާނަ ސަލާމަތްކުރަން ބޭސް ބޭނުންކުރުމުގެ މުހިއްމުކަން އަހަރުމެންނަށް އެނގޭ. ގިނަ ގައުމުތަކެއް އެކުވެގެން، ހަތަރު ބޭހެއް ބޭނުންކުރެވޭ ކްލިނިކަލް ތަޖުރިބާތަކުގައި ނޯވޭއާއި ސްޕޭން މިހާރު ބައިވެރިވެފައިވާކަން އުފަލާއެކު ފާހަގަކުރަން." ސްވިޒަލޭންޑުގެ ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޑިކެރްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރަޔޭސުސް ވިދާޅުވިއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި 45 ގައުމަކުން މިހާރު މި ބޭސްތައް ބޭނުންކޮށްގެން ކުރެވޭ ކްލިކަލް ތަޖުރިބާތަކުގައި ބައިވެރިވަމުންނެވެ. އަދި ގިނަ ގަައުމުތަކެއް ބައިވެރިވުމަކީ މި ބައްޔަށް ބޭހެއް ހޯދުން އަަވަސްވާނެ ކަމެކެވެ.

އިއްޔެ އަލްޖަޒީރާ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިޔުއެޗްއޯގެ ހެލްތު އިމަޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކް ރަޔާން ވެސް ވިދާޅުވެފައި ވަނީ ނޮވެލް ކޮރޯނާ ވައިރަސް ވެކްސިނެއް އުފެއްދޭނީ އެންމެ އަވަހަށް ވެސް އެއް އަހަރު ފަހުން ކަމަށް ލަފާކުރެވޭ ކަމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގެބްރަޔޭސުސް ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ކަމަކީ ރައްކާތެރިކަަމަށް ބޭނުންކުރާ ސާމާނު ބޭނުންވާ ވަރަށް ނުލިބުމެވެ.

"އަމިއްލަ ރައްކާތެރިކަމަށް ބޭނުންކުރަން ޖެހޭ ތަކެތި އާދަޔާއި ޚިލާފަށް މަދުވުން އެއީ އަހަރުމެން އެންެމެން ގުޅިގެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް އޮތް އެންމެ ބޮޑު ނުރައްކާ." ޑިރެކްޓަރ ޖެެނެރަލް ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކް ރަޔާން ވިދާޅުވި ގޮތުގައި ޒުވާނުންނަށް މި ބަލީގެ ނުރައްކާ ކުޑަކަމަށް ގަބޫލުކުރުމަކީ ގޯސް ވިސްނުމެކެވެ،

"ގިނަ ބަޔަކަށް، ގިނަ ޒުވާނުންނަށް މިއީ އާދައިގެ އިންފެކްޝަނެއް. އެހެންނަމަވެސް ފާހަގަކޮށްލެވޭ އަދަދެއްގެ 20 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް މިއީ ބޮޑު އިންފެކްޝަނެއް." އޭނާ ވިދާޅުވިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ޖެހިފައިވާ މީހުން އެއްލައްކައަށް ވުރެ ގިނަވި ފުރަތަމަ ގައުމަކަށް އެމެރިކާ މިހާރު ވަނީ ވެފައެވެ.  ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1 ލައްކަ 4 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ދުނިޔޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 6 ލައްކައާއި ކައިރިވަމުން ދާއިރު، މަރުވި މީހުންގެ އަދަދު ވަނީ 27 ހާހަށްވުރެ މައްޗަށް ގޮަސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.