ފެލިވަރުން ގަނޑުކުރި މަސް ކޮންޓޭނަރުގައި ބޭރުކުރަން ފަށަނީ

ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އާ ގުޅިގެން ފެލިވަރުން ގަނޑު ކުރިމަސް ބޭރުކުރުމުގެ ތައްޔާރީތައް ވާން ފަށައިފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ. 

މިކަމަށް ތައްޔާރުވުމުގެ ގޮތުން މިއަދު ވަނީ ފެލިވަރަށް ކޮންޓޭނަރ އުފުލާ ބަރު ވެހިކަލެއްކަމަށްވާ ރީޗްސްޓޭކަރ އެއް ގެންގޮސްފައެވެ. މެނޭޖަރ މުޙައްމަދު ޝަމީމް ވިދާޅުވީ އެމްއެސްއެސް އާ ގުޅިގެން ކޮންޓޭނަރުގައި މަސް ބޭރުކުރުމުގެ މަސައްކަތަކީ ފެލިވަރަށް ދިމާވެފައިވާ މަސް ކިރުމުގެ ހާލަތު ރަނގަޅުވެ، މަސްވެރިންގެ އަތުން އިތުރަށް މަސްގަތުމަށް މަގުފަހިކޮށްދޭނެކަމެއް ކަމަށެވެ. ކުރިންވެސް ފެލިވަރުން ދޭތެރެދޭތެރެއިން މަސް ބޭރުކުރާކަން އޭނާ ފާހަގަ ކުރައްވިއެވެ. ޝަމީމް ވިދާޅުވީ އެމްއެސްއެސް އާއެކު މަސައްކަތް ފެށުމުން ދާއިމީކޮށް މަސްބޭރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށެވެ. އެމްއެސްއެސް އިން މަސްބޭރުކުރާނީ ފެލިވަރުން ކޮންޓޭނަރު ބަރުކުރުމަށްފަހު މާލެއައިސް މާލޭ މަގުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ކުރިން މަސް ބޭރުކުރަން ޖެހެނީ މާލެ ގެނެސް މާލޭ ޕޯޓުގައި ބަހަށްޓައިގެން ކަމަށް ވިއަސް ސީދާ ފެލިވަރުން ކޮންޓޭނަރުތައް ބަރުކޮށްގެން ބޭރުކުރަން ފެށުމުން އެކަމަށްދާ ޚަރަދު ވެސް ކުޑަވެގެން ދާނެކަން ފާހަގަ ކުރެއްވިއެވެ. 

މެނޭޖަރ ޝަމީމް  ވިދާޅުވީ ކޮންޓޭނަރު ތަކުގައި މަސް ރައްކާކޮށް ގަނޑު ކުރުމަށްޓަކަށް ފެލިވަރުގައި ގާއިމުކުރަން ޖެހޭ ވަސީލަތްތައްވެސް މިހާރު ތައްޔާރު ކުރަމުންދާ ކަމަށެވެ. މަސް ބޭރުކުރުމަށް ޚާއްސަ 30 ކޮންޓޭނަރު ގެންނަން ހަމަޖައްސައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފުރަތަމަ ލިބޭނީ އޭގެތެރެއިން 26 ކޮންޓޭނަރުކަމަށް ވިދާޅުވިއެވެ. ރާއްޖެއިން ބޭރުން މި ކޮންޓޭނަރުތައް ގެނެސް ދެނީ އެމްއެސްއެސް އިން ކަންވެސް ފާހަގަ ކުރެއްވިއެވެ. 

 ޝަމީމް ވިދާޅުވީ މިގޮތަށް ކޮންޓޭނަރުގައި މަސް ބޭރުކުރަން ފެށުމުން ދުނިޔޭގެ ކޮންމެ މާކެޓަކަށް ވެސް މަސް ބޭރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ. އަދި މިހާރު ކޫއްޑޫ ކޯލްޑް ސްޓޯރޭޖަށް މަސް އުފުލުމަށް ހޭދަ ކުރަންޖެހޭ ވަގުތުވެސް ސަލާމަތްވެ ފެލިވަރުގެ ކެޕޭސިޓީ އިތުރު ވެގެން ދާނެކަމަށެވެ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ނެތުމުން، ގަނޑުކޮށްފައި ބަހައްޓަން ޖެހޭ މަސް ފެލިވަރުން އުފުލަން ޖެހެނީ ކޫއްޑޫ އަށެވެ. އެކަމަށް 36 ގަޑިއިރު ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންލޯޑްކޮށް ހެދުމަށް ހޭދަވާ ވަގުތާއެކު ހަތަރު ވަރަކަށް ދުވަސް ނަގާކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ. 

 ފެލިވަރުގައި މިހާރު ހުރީ 750 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.  ފެލިވަރުގައި ފްރީޒިން ކެޕޭސީޓީ އެއްގޮތަކަށްވެސް ނެތުމުން މަސް ގަނޑު ކުރަމުން ދަނީ މިފްކޯގެ ދެ  މަސްބޯޓު ފެލިވަރު ބަނދަރުގައި ބާއްވައިގެންނެވެ. އެއިން ބޯޓެއްގައި ހުންނަނީ 90 ޓަނުގެ ފްރީޒިން ކެޕޭސިޓީއެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ގާއިމު ކުރުމުގެ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. ފެލިވަރުގެ ބިން ހިއްކައި، ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމު ތޮށި ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ދާދި ފަހުން ވަނީ ހަވާލުކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.