މަސްވެރިންނަށް ދޭންޖެހޭ އެކާވީސް މިލިއަން ރުފިޔާ ކޫއްޑުއަށް ފޮނުވައިފި

މިފްކޯއަށް މަސް ކިރުވުމަށްފަހު މަސްވެރިންނަށް މިހާތަނަށް ނުދެވިހުރީ އެކާސްވީސް މިލިއަން ރުފިޔާ ކަމަށާއި އެފައިސާ ރޭ ކޫއްޑުއަށް ފޮނުވައިފި ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯގެ އައު ޗީފްއެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރ އިސްމާޢީލް ފައުޒީ އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފައިސާ ނުދެވި ހުންނާނީ ދެކުނުގެ މަސްވެރިންނަށް އެކަނި ކަމަށެވެ. "ކޫއްޑޫއިން މަސްގަންނަމުންދާ ސަރަޙައްދު ތަކުގެ މަސްވެރިންނަށް އެކަނި ފައިސާ ނުދެވި ހުންނާނީ. އެ ފައިސާ އަޅުގަނޑުމެން ރޭ ވާނީ ކޫއްޑުއަށް ފޮނުވާފައި. އެހެންވީމާ މަސްވެރިންނަށް ވަރަށް އަވަހަށް އެފައިސާ ލިބިގެންދާނެ،" އިސްމާޢީލް ވިދާޅިވިއެވެ.

މިފްކޯއަށް މަސްކިރުވުމަށްފަހު ވަގުތުން ފައިސާ ނުލިބުމުގެ ޝަކުވާ ފަހަކަށް ވަނީ ވަރަށް ބޮޑުވެފައެވެ. "މަސް ކިރުވިޔަސް ފައިސާ ނުލިބޭ. ބިލެއް ލިބެނީ. މިއީ ޙައްލެއް ހޯދަންޖެހޭ ކަމެއް،" މަސްވެރިއަކު ބުންޏެވެ.

އިސްމާޢީލް ވިދާޅުވީ އެ ކަމަށް ޙައްލެއް ހޯއްދެވުމަށް ބޭންކު މެދުވެރިކޮށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުން ވެސް އެކަމަށް މަސައްކަތްތަކެއް ކޮށްދެއްވާ ކަމަށް ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ އެކަންކަން ވެސް ހަމައަކަށް އެޅި މަސްވެރިންނަށް ދިމާވެފައިވާ ފައިސާ ނުލިބި ލަސްވުމުގެ މައްސަލަ ޙައްލުވެގެންދާނެ،" އިސްމާޢީލް ވިދާޅުވިއެވެ.

އިސްމާޢީލް ވިދާޅުވީ އެމައްސަލަ ބޮޑަށް ދިމާވާ އެއްސަބަބަކީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެއަގަށް ބަދަލު އަންނަމުންދާތީއެވެ. ބަދަލު އަޔަސް ނަޔަސް މިފްކޯއިން މަސް ގަންނަން މިޖެހެނީ ކަނޑައެޅިފައިވާ އެއް ރޭޓެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މަހަށް ރަނގަޅު އަގު ހޯދުމަށް ބަޔަރުންނާ މިހާރުވެސް ވާހަކަ ދައްކަ ދައްކަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.