ބޭސްފަރުވާއަށް ސޯޝަލް މީޑިއާގައި އާއްމުންގެ އެހީތެރިކަމަށް އެދުނު މީހަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސްއިން ހާމަކުރައްވައިފިއެވެ.
އެމިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމީހާށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނެޝެނަލް ސޯޝަލް ޕޮރޮޓެކްޝަން އެޖެންސީ އާއި އާސަންދައިގެ ފަރާތުން ކުރަމުންދާކަމަށެވެ.
އާންމުންގެ އެހީތެރިކަމަށް އެދިފައި ވަނީ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހިފައިވާ މީހެކެވެ. އެމީހާގެ ބޭސްފަރުވާ އަށް ، ސޯޝަލް މީޑިއާގައި އާއްމުންގެ އެހީތެރިކަމަށް އެދިފައިވަނީ އެމީހާގެ ފިރިހެން ދަރިފުޅެވެ. މިމަހު 25 ވަނަ ދުވަހު ފުރަންޖެހޭއިރު އެއްވެސް ފަރާތަކުން ޖަވާބެއް ލިބިފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބޭސް ފަރުވާ އަށް ބޭނުންވާ މީހާގެ ލޮލަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަލި ތަންތަނަށް ބެލުމަށް އުދަނގޫވާކަން ވަނީ ފާހަގަކޮށްފައެވެ. އެކަމުގައި ކުރިން އޮޕަރޭޝަނެއް ކޮށްފައިވީނަމަވެސް އެދެވޭ ޙައްލެއް ނުލިބޭކަން ވަނީ ފާހަގަ ކޮށަފައެވެ. ރާއްޖެއިން އެކަމަށް ފަރުވާ ދެވެން ނެތުމުން ބޭރަށް ދިއުމަށް ޑޮކްޓަރުން ލިޔުން ދީފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.