ޝާފިޔާގެ އެދުރު އަށި: ޝާމިލުކޮށް ކިޔަވައިދެވޭނީ މުޅި ސްކޫލުގެ ހުރިހާ ކަމެއް ހަމަޖައްސައިގެންނެވެ!

މިއަދުގެ ލިޔުންކޮޅު މި އަމާޒުކޮށްލަނީ ޝާމިލުކޮށްގެން ކިޔަވައިދިނުމާ ބެހޭ ގޮތުންނެވެ. މިއީ ދިވެހިރާއްޖޭގެ އާ މަންހަޖު ތަޢާރަފުވީއް ސުރެ، ސްކޫލެއްގެ ކޮންމެ ކުލާސްރޫމެއްގައި ވެސް މުދައްރިސުން އަހުލުވެރި ވާންޖެހޭ ކަމެކެވެ. ހަމައެހެންމެ، މިއީ މުޅި ތަޢުލީމީ ނިޒާމުގެ ހުރިހާ އިސްވެރިންނާއި ހިންގުންތެރިން ވެސް ބައިވެރިންވާން ޖެހޭ ކަމެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭ ވަކި މުދައްރިސެއް ހުރުމުގެ ބަދަލުގައި ކިޔަވައިދޭ ކޮންމެ މުދައްރިސަކީ ވެސް ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ވައްޓަފާޅިޔާއި ހުނަރުތައް ދެނެގަނެ ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކަށް ވާންޖެހެއެވެ.  ޝާމިލުކޮށްގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ވިސްނާލާއިރު މައގަނޑު 3 ކަމަކާ މެދު ޚިޔާލު ކޮށްލުން މުހިންމެވެ. ފުރަތަމަ ކަމަކީ ކޮންމެ މަދަރުސާއެއްގައި ވެސް ހުރިހާ ދަރިވަރުންގެ ކަންކަން ރޭވުމުގައި އެ ކުއްޖަކަށް ޚާއްޞަ ތަފާތު އެހީތަކާއި ބޭނުންތަކަށް ރިޢާޔަތްކޮށްގެން ކުލާހުގެ ކަންކަން ރޭވުމެވެ. ދެވަނަ ކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމުގެތަކެއްގައި ވެސް ތަޢުލީމީ ނިޒާމު ބައްޓަންވަމުން މިހާރު އަންނަނީ ހުރިހާ ވައްތަރެއްގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ވެސް ސަމާލުވެވޭގޮތަށް އުނގަންނައިދިނުމުގެ މާހައުލު ރޭވެމުން ދާގޮތަށެވެ. ތިންވަނަ ކަމަކީ، ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ގިނަ ދިރާސާތަކުން ހާމަކުރާގޮތުން ޝާމިލުކޮށްގެން ކިޔަވައިދޭ މާހައުލު ރޭވުމުން ތަޢުލީމީ ނިޒާމަށް ކުރަން ޖެހޭ ޚަރަދުތައް ތަކުރާރު ނުވެ އެއް ތަނަކުން މާ ފުރިހަމައަށް ހުރިހާ ދަރިވަރުންގެ ބޭނުންތައް ޝާމިލުކޮށްގެން އުނގެނުމުގެ ތަރައްޤީ ކުރިއެރުމަށް ފުރުސަތު ފަހިވެއެވެ (މިޝޭލް އަދި މިޝޭލް، 2007).

ޝާމިލުކޮށް ކިޔަވައިދޭއިރު ސަމާލުވާން ޖެހޭ މައިގަނޑު ކަންތައްތަކާ ބެހޭގޮތުން މި ލިޔެވޭ މަޢުލޫމާތު ނެގިފައިވަނީ ޚާއްޞަކޮށް މިޝޭލް އަދި މިޝޭލް (2007) ޝާއިޢުކުރައްވާފައިވާ ލިޔުމަކުންކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ. މި ދެ ޢިލުމުވެރިންގެ ލިޔުންތަކަކީ ތަފާތު ޔުނިވަރސިޓީތަކުގައި މުދައްރިސުން ތަމުރީނު ކުރާއިރު ކިޔަވައިދޭ ކޯސްތަކުގައި ވެސް ކިޔަވައިދެވެމުންދާ ބައިތަކެކެވެ. ޚާއްޞަކޮށް ޝާމިލުކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު 10 ކަމަކަށް މިއަދުގެ ލިޔުމުގައި އަލިއަޅުވާލާނަމެވެ. ޑޭވިޑް މިޝޭލް (2015) ފާހަގަކުރައްވާ ގޮތުގައި ޝާމިލުކޮށް ކިޔައިވަދިނުމާ ގުޅޭ މައިގަނޑު ފޯމިޔުލާ (އިންކްލޫސިވް އެޑިޔުކޭޝަން = ވީV (ވިޝަން)+ ޕީP (ޕްލޭސްމަންޓް) +As  5 އޭސް (އެޑަޕްޓެޑް ކަރިކިއުލަމް، އެޑަޕްޓަޑް އެސެސްމަންޓް، އެޑަޕްޓަޑް ޓީޗިން، އެކްސެޕްޓެންސް، އެކްސެސް) + އެސްS  (ސަޕޯރޓް) + އާރ    R (ރިސޯސަސް) + އެލް  L(ލީޑަރޝިޕް) ބަހާލެވެނީ 10 ބައަކަށެވެ. ކޮންމެ ބައެއް ވަކިން މިލިޔުމުގައި ހުށަހަޅާލާނަމެވެ.

މައިގަނޑު ކަން ތަފުސީލު
ވިޝަން/ތަޞައްވުރު މި ކަމަކީ މުޅި ތަޢުލީމީ މާހައުލުގައި ބައިވެރިވާ ހުރިހާ ފަރާތްތައް ވެސް ޝާމިލުކޮށް ކިޔަވައިދިނުމުގެ ތަޞައްވުރުގައި މަސައްކަތް ކުރުމުގެ ރޫހެއް އޮތުމެވެ. ޚާއްޞަކޮށް ސްކޫލުގެ ހުރިހާ ފަރާތްތައް މި ކަމުގައި ޝާމިލުވެ މި ކަން ކުރުމަށް ޝައުޤުވެރިވެ، ބޭނުންވެ، ތައްޔާރުވުން ވެސް މުހިންމެވެ. މީގެ މާނައަކީ މިއީ ތަޢުލީމީ ނިޒާމުގެ ޒިންމާއެއް ކަމުގައި ދެކި، މި ކަން ކުރުމަށް އަދި ފަހިކުރެވެން އޮތް ހުރިހާ ކަމަކަށް ސަމާލުވުން ވެސް މެއެވެ. ދަރިވަރުންގެ ތަޢުލީމީ ޙައްޤާ ގުޅޭގޮތުން ފުންކޮށްވިސްނައި، އެހެން ކުދިންނަށް ލިބިދޭ ފަދަ އުނގެނުމުގެ މާހައުލެއް ބިނާކޮށް ފަހިކުރުމުގެ މަސްއޫލިއްޔަތާއި ކަންތައްތައް ރޭވުމަށް، މަސައްކަތްތައް ބަހާލައި ހަމަޖެއްސުމަށް ތައްޔާރުވުންވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް މިޝޭލް (2015) ލިޔުއްވައެވެ.
ޕްލޭސްމަންޓް/ޖާގަ ހަމަޖެއްސުން މިކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެކުއްޖަކު، އުޅޭ ސަރަހައްދެއްގައި ހުންނަ ސްކޫލުން އެ ކުއްޖަކަށް ބޭނުންވާ އެހީތަކަށް ރިޢާޔަތްކޮށްދެވޭ ގޮތަށް ހަމަޖެހިފައިވާ އުނގެނުމުގެ މާހައުލެއް ފަހިވުމެވެ. މި ކަމުގައި އިތުރަށް ސަމާލުވާން ޖެހެނީ ކުއްޖާގެ ހުރި ކުޅެދުމަކަށް ނުވަތަ ނުކުޅެދުމަކަށް ބެލުމަށްވުރެ އުނގެނުމުގައި އެހެން ކުދިންނާ އެއްހަމައަކުން ބައިވެރިވެގެން އެހެން ކުދިންނަށް ވެސް ފަހިވާ ހުރިހާ ފުރުޞަތުތަކެއް ލިބިދޭ ފަދަ ގޮތަކަށް ސްކޫލުން މިފަދަ ދަރިވަރުންނަށް ޖާގަ ފަހިކޮށްދިނުމެވެ. މިސާލަކަށް ތަފާތު މުބާރާތްތަކާއި ކުލަބުތަކާއި އެކި ބާވަތްތަކުގެ ޙަރަކާތްތައް ރާވާއިރު ވެސް އާންމު ކުދިންނަށް ދެވޭ ހުރިހާ ފުރުސަތުތަކެއް އެ ކުދިންނަށް ވެސް ހަމަޖެހިގެން ދިއުން ފަދަ ކަންކަމަށް ސަމާލުވުމެވެ. އެކި ދަރިވަރުން  ވަކިވަކިކޮށްގެން އުނގެނުން ރޭވުމަށްވުރެ ހުރިހާ ކުދިން އެއްކޮށް، ކިޔަވައިދިނުން ރޭވޭ ގޮތަށް ކުލާހުގެ ކަންކަން ބައްޓަންކުރުމެވެ.
އެޑަޕްޓަޑް ކަރިކިޔުލަމް/ބަދަލުގެނެވިފައިވާ މަންހަޖު

 

 

 

 

 

 

މިތަނުގައި މި ފާހަގަކުރާ ނުކުތާއަކީ އެއްވެސް ހާލެއްގައި ސީދާ މުގައްރަރު ނުވަތަ މަންހަޖު ބަދަލުކުރުމަށް ފަހާގަކުރާ ނުކުތާއެއް ނޫނެވެ. އެއާއި ޚިލާފަށް މަންހަޖުގައި ކިޔަވައިދޭ ބައިތައް ސީދާ އެ ދަރިވަރުންނަށް މުހިންމުވާނޭ ކަންކަމަށް ބޮޑަށް އަމާޒުކޮށް، އެ ކުދިންނަށް ބަހައްޓަންޖެހޭ ޚާއްޞަ ސަމާލުކަމާ އެކު، ރިޢާޔަތްކުރަންޖެހޭ ބައިތަކަށް ބޮޑަށް އަމާޒުކުރުމަށް ޓަކައި ފާހަގަކުރާ ނުކުތާއެކެވެ. މިގޮތުން މަންހަޖަށް ގެނެވިދާނެ ބަދަލުތަކުގެ ތެރޭގައި ބެލިދާނެ ކަންކަމަކީ:

1.     ތަފާތު ބަދަލުތައް (މޮޑިފިކޭޝަން) މިސާލަކަށް އަނގަބަހުން ކުއްޖާ އިޖާބަދިނުމުގެ ބަދަލުގައި ކޮމްޕޮޔުޓަރ ފަދަ އާލަތްތައް ބޭނުންކުރަން ފުރުސަތު ދިނުން؛

2.     ބަދަލުގައި ބޭނުންކުރެވިދާނެ އިތުރުތަކެތި (ސަބްސްޓިޔުޓްޝަން) މިސާލަކަށް ލޯފަންކުދިންނަށް އަތުން ބޭނުން ކުރެވޭ ބްރެއިލްފަދަ ތަކެތި ދިނުން؛

3.     އުނިކުރެވިދާނެ ބައިތައް (އޮމިޝަން) މިސާލަކަށް ކޮމްޕެލްކްސް/އުދަގޫ ބައެއް ބައިތައް އުނިކުރުން؛ އަދި

4.     އިތުރު ލުއިތަކާއި އަޅާލުން (ކޮމްޕެންސޭޝަން) މިސާލަކަށް އަމިއްލަ ނަފުސު ބަލަހައްޓަން ދަސްކޮށްދިނުން، އާންމު ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކަށް ބޮޑަށް އަމާޒުކުރުން.

އެޑަޕްޓަޑް އެސެސްމަންޓް/ބަދަލުގެނެވިފައިވާ ވަޒަންކުރުން މިއީ ކުދިންގެ ވަކިވަކި ބޭނުންތަކަށް ރިޢާޔަތްކޮށްގެން، އެ ކުދިންނަށް މުހިންމުވާނެހެން ހީވާ ކަންކަމަށް ސަމާލުވެގެން ކުރިން ދެންނެވިހެން އުނި ކުރެވިދާނެ/ބަދަލު ގެނެވިދާނެ/ އަދި ކުއްޖާއަށް ސީދާ މުހިންމީ ކޮން ކަމެއްކަން ބަލައި ވަޒަންކުރެވޭ ގޮތްތަކަށް އަމާޒުކޮށްގެން ބަދަލު ގެނައުމެވެ. ޚާއްޞަކޮށް ކުއްޖާގެ ހުރި ޚާއްޞަ އެހީގެ ވަކި ބާވަތްތަކަށް ރިޢާޔާކޮށް އެހެން ކުދިންނަށް ވެސް ހަވާލުކުރެވޭ މަސައްކަތްތައް ހަމަ އެބީދައިން ނަމަވެސް ސީދާ ކުދިންނާ ގުޅޭފަދަ ބަދަލުތައް ގެނެސްގެން ވަޒަންކުރުމެވެ.
އެޑަޕްޓަޑް ޓީޗިން/ބަދަލުގެނެވިފައިވާ ކިޔަވައިދިނުން މިގޮތަށް ކިޔަވައިދޭއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުލާހުގައި ރޭވޭ ހަރަކާތްތަކާއި، އުނގަންނައިދިނުމުގައި ބޭނުންކުރެވޭ އުކުޅުތައް ވަކިވަކި ޚާއްޞަ އެހީތަކަށް/ބޭނުންތަކަށް ރިޢާޔަތްކޮށްގެން ރޭވުމަށެވެ. މީގެ މާނައަކީ، އެއްވެސް ހާލެއްގައި ސީދާ އެ ކުއްޖާއަށް ވަކި ބަދަލެއް ގެނެސް ތަފާތު ކުރުމަށްވުރެ، ދަރިވަރަށް ބޭނުންވާ ސަމާލުކަމާއި އެހީތެރިކަން ފޯރުކޮށްދެވެން އޮތް އެންމެ ފުޅާ މިނެއްގައި އެ ކަން ފަހިކޮށްދެވޭ ގޮތަށް މުޅި ކުލާހުގެ ކިޔަވައިދިނުން ވެސް ރޭވުމެވެ. މިސާލަކަށް ކިޔުމުގެ ދަތިކަން ހުންނަ ދަރިވަރެއް ކުލާހުގައި އުޅޭނަމަ،، ހަވާލުކުރެވޭ މަސައްކަތްތައް ރާވާއިރު އެހެން ކުދިންނާ އެކުވެގެން މަސައްކަތްތައް ފުރިހަމަ ކުރުމާއި އެއް ކުއްޖަކު އަނެއް ކުއްޖަކު ބައިވެރިވެގެން ޚާއްޞަކޮށް އިތުރަށް އޭނާގެ ކިޔުމަށް އެހީތެރިވެދޭނެ ފަދަ އެހެންވެސް ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދެވޭ ފަދަ ގޮތަކަށް ކިޔަވައިދިނުން ރޭވުމެވެ.
އެކްސެޕްޓެންސް/ބަލައިގަތުން އެންމެ އިސްކަމެއް ދޭންޖެހެނީ ސީދާ ތަޢުލީމަކީ، އެ ކުދިންގެ ޙައްޤެއްކަން އެކަން ފަހިކޮށްދެވެން އޮތް ހުރިހާ ގޮތަކުން އެކަން ފަހިކޮށްދިނުން މުހިންމުކަން ބަލައިގަތުމެވެ. މާނައަކީ ކުއްޖެއްގެ ހުރި ވަކި ޚާއްޞައެހީއަކަށް ބޭނުންވާ ބޭނުންވުމުގެ ސަބަބުން އޭނާއަށް ލިބިދޭން ޖެހޭ ތަޢުލީމުގެ ހައްޤާއި ދިރިއުޅުމުގެ އެހެން އާންމު ހާލަތުގައި އުޅޭ ކުދިންނަށް ލިބިދޭ އެއްވެސް ހައްޤަކުން ކުދިން މަހުރޫމު ނުކުރުމުގެ ވިސްނުންތައް ގެންގުޅުމެވެ. ކުއްޖަކު، ޚާއްޞަ އެހީއަށް ބޭނުންވުމަކީ އެއީ ކުއްޖާއާ މެދު އެއްވެސް ތަފާތު ކުރުމެއް ގެންގުޅެން ވާނެ ކަމެއް ނޫންކަން އެންމެން ވެސް ބަލައިގަތުމެވެ.
އެކްސެސް/ފުރުސަތު ފަހިވުން މި ނުކުތާގައި މުހިންމުވަނީ ސީދާ އާންމު ދިރިއުޅުމުގައި ވެސް ސްކޫލަށް އައިސްގޮސް އުޅުމުގައި ސްކޫލުގެ ތެރޭގައި، އަދި އެހެނިހެން ތަންތަނުގައި ވެސް އެ ކުއްޖެއްގެ ހުރި ނުކުޅެދުމެއް (ޖިސްމާނީ އަދި އެހެނިހެން ކަމަކުންވިޔަސް) ތަފާތު ކުރުމެއް ނެތި ކަންކަން ފަހިވެފައި އޮތުމެވެ. މިސާލަކަށް ސްކޫލުގެ ތަންތަނަށް/ ލައިބްރަރީ/ކެންޓީނު ފަދަ ތަންތަނަށް ވަދެ ނިކުތުމުގައި ދަތި ކަމެއް ނުވާގޮތަށް ފުރޮޅުލީ ގޮނޑި ފަދަ ތަކެތީގައި ވެސް އުޅުމުގެ ފަސޭހަ ގޮތްތައް ފަހިވެފައި ހުރުމެވެ.
ސަޕޯރޓް/އެހީތެރިކަން މީގެ މާނައަކީ ޝާމިލުކޮށް ކިޔައިވައިދޭން ބައްޓަންކުރެވޭ ސްކޫލެއްގައި އެކި ނުކުޅެދުންތެރިކަން ނުވަތަ ޚާއްޞައެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންޖެހިދާނެ ފަދަ ހުރިހާ އެހީތެރިކަމެއް ފަސޭހަކަމާއެކު ހަމަޖެހިފަހިވެފައިވާ ތަނަކަށް ސްކޫލު ވުމެވެ. މި ގޮތުން ބައެއް ގައުމުތަކުގައި މިފަދަ ޚާއްޞަ ޓީމްތައް ސްކޫލުތެރޭގައި ހަމަޖެހިފައި ހުރެއެވެ. ފާހަގަކޮށްލެވޭ ބައެއް ރޯލުތަކަކީ:  ތަފާތު ޚާއްޞަ އެހީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންވެދާނެ މުހިންމު މަޢުލޫމާތާއި އިރުޝާދު ދެވޭ ފަރާތްތަކާ އެކު މަސައްކަތް ކުރެވޭނެ ފަދަ ގޮތްތަކެއް އަދި ނިޒާމެއް ހަމަޖެހިފައި އޮތުމެވެ. މިސާލަކަށް ބައެއް ގައުމުތަކުގައި ވަކި ކަހަލަ ޚާއްޞައެހީތަކަކަށް ސްޕެޝަލިސްޓް އެޑްވައިޒަރ/ޚާއްޞަ އެހީތެރިޔާ ކިޔާ މަޤާމުތައް ވެސް ސްކޫލުގައިހަމަޖެހިފައި ހުރެއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ތަފާތު ކުދިންނަށް ބޭނުންވެދާނެ ޚާއްޞަ ކަންތައްތަކަށް ބޮޑަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން ރާވާއިރު ގެނެވިދާނެ ބަދަލުތަކާ ސަމާލުކަން ދޭން އެކި ކަންކަމަށް ބޮޑަށް ބެލުމެވެ.
ރިސޯސަސް/ބޭނުންވާ ތަކެތި މިއީ ޝާމިލުކޮށް ކިޔަވައިދޭން ބައްޓަންވެފައިވާ ކޮންމެ ސްކޫލަކަށް އަދި ކުލާސްރޫމަކަށް ވަރަށް މުހިންމު އެއްޗެހިތަކެކެވެ. އެކިއެކި ދަރިވަރުންނަށް ބޭނުން ޖެހިދާނެ އެކި ބާވަތުގެ ތަކެއްޗާއި، އާލަތްތަކާއި އުނގެނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ، ކަންކަން ފަސޭހަކޮށް ފަހިކޮށްދިނުމަށް ބޭނުންވާ ކޮންމެ އެއްޗެކެވެ. މިގެތެރޭގައި، ޓެކްނޮލޮޖީގެ ބާވަތްތަކާއި، ލިޔެކިޔުމުގެ ބާވަތްތަކާއި، އާންމު ދިރިއުޅުމުގައި ބޭނުން ކުރަންޖެހޭ ތަކެއްޗާއި އަދި މިނޫން ވެސް ތަފާތު ކަންކަމުގައި ކުއްޖާގެ ރައްކައުތެރިކަމަށް ޓަކައި ބޭނުންކުރެވޭ ތަކެތި ފަދަ ބާވަތްތައް ވެސް ހިމެނެއެވެ.
ލީޑަރޝިޕް/އިސްވާރުވެރިން ޝާމިލުކޮށް ކިޔަވައިދޭ މާހައުލެއް ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ފަރާތްތަކަކީ ކަންކަމުގައި އިސްރޯލުތަކުގައި ތިއްބަވާ ފަރާތްތަކެވެ. މިގޮތުން ތަޢުލީމީ ނިޒާމުގެ އިސްވެރިންނާއި، ސްކޫލު ހިންގާ ފަރާތްތަކާއި ޕޮލިސީ ހަދާ ފަރާތްތަކާއި، މުގައްރަރު ލިޔާ މީހުންނާއި، ސްކޫލުފަދަ ޢިމާރާތްތައް ބިނާކޮށް ހަދާ މީހުންނާއި މިނޫނަސް މުޖުތަމަޢުގައި ތަޢުލީމީ ނިޒާމާ ގުޅޭ ކޮންމެ ކަމެއްގައި އިސް ދައުރުތައް އަދާކުރާ އެންމެހާ ފަރާތްތަކެވެ. ހަޤީޤަތުގައި މި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާ އެއްބާރުލުން ނުލިބި ދަރިވަރުންނަށް ޝާމިލުކޮށް އުނގަންނައިދެވޭ މާހައުލެއް/ސްކޫލެއް ފަހި ނުކުރެވޭނެއެވެ. މިއީ ހުރިހާ އެންމެން ވެސް ޒިންމާވާންޖެހޭ މުހިންމު މަސްއޫލިއްޔަތެކެވެ.

 

މަތީގައި ބަޔާންކުރެވި ދިޔަ ކޮންމެ ކަމަކީ ވެސް ޝާމިލުކޮށް ކިޔަވައިދޭ ސްކޫލަކަށް އަދި ތަޢުލީމީ ނިޒާމެއްގައި ހިމެނުން ލާޒިމުކުރާ ކަންކަމެވެ. ޚާއްޞަކޮށް ސަމާލުވާންވީ މި ބަޔާންކުރެވިދިޔަ ކަންކަން ތަންފީޒު ކުރެވޭފަދަ ގޮތަކަށް ސްކޫލުގެ ކަންކަން ރޭވުމަށެވެ. ދިވެހިރާއްޖޭގައި ކޮންމެ ސްކޫލެއްގައި، ކޮންމެ ލެވެލްއަކަށް ކިޔަވައިދޭ މުދައްރިސެއް ނަމަވެސް މިއީ އެނގެން ޖެހޭ ބައިތަކެކެވެ. ވަކި މާއްދާއެއް ނުވަތަ ވަކި ލެވެލްއެއްގައި ކިޔަވައިދޭތީ ޚާއްޞައެހީތެރިކަން ބޭނުންވާ ކުދިން ނުތިބޭނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ކޮންމެ ކުލާހެއްގައި ވެސް އެހެން ހުރިހާ އާންމު ކުދިންގެ އުޞޫލުން އެ ކުދިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު އެއްހަމަ އަކުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ލާޒިމުކުރެއެވެ. މިއީ ލިޔުމެއްގައި ލިޔެލާފައި، މަސައްކަތް ކުރާކަން ހާމަކޮށް ނިންމާލަންޖެހޭ ވާހަކަ އެއް ނޫނެވެ. މިއީ ކަންކުރާކަން ހާމަކޮށް ތަންފީޒުކޮށް ހެއްކާއެކު ފެންނަން ހުންނަން ޖެހޭ ޙަޤީޤަތްތަކެކެވެ. ވާހަކަ މި ދައްކަނީ ކޮންމެ ބާވަތެއްގެ ޚާއްޞައެހީއެއް ހުރި ނަމަވެސް ނެތް ނަމަވެސް ފަރަޤެއް ނެތި ލިބިދޭން ޖެހޭ ޙައްޤެއްގެ ވާހަކައެވެ. މިކަމަށް އިހުމާލެއްވުމުގެ ޖާގައެއް އޮވެގެންނުވާނެއެވެ. ޒިންމާ ނަގަން ޖެހެނީ ތަޢުލީމީ ކަންކަމުގައި ބަސްބުނާ ދަރަޖައިން ފެށިގެން، އެންމެ އާދައިގެ ގޮތުގައި ކުދިންގެ ކަންކަމުގައި ތަފާތު ރޯލުތައް އަދާ ކުރާ ހުރިހާ އެންމެނެވެ. އަޅުގަނޑުގެ މިއަދުގެ ވެސް ވާހަކަ ކޮޅުގެ މައިގަނޑު މަޤްޞަދަކީ ކިޔަވައިދިނުމާ ގުޅޭގޮތުން މިގޮތަށް ހުށަހަޅައި ލެވޭ ޚިޔާލުތަކަކީ މުދައްރިސުންވެސް އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެހެން ބޭފުޅުން ވެސް ފުންކޮށް ވިސްނާލުމަށާއި ކަންކަން ތަންފީޒު ކުރެވޭ ގޮތްތަކާ ގުޅޭ ގޮތުން ރިވެލިކޮށްލަން ލިބޭ ފުރުސަތަކަށް ވުމެވެ. މުހިންމު ކަމަކީ އަޅުގަނޑުމެންގެ މުސްތަޤުބަލުގެ ޖީލުތަކަށް ހަރުދަނާ ތަޢުލީމެއް ފަހިވާނެ ފަދަގޮތަށް ރާވައި ތަންފީޒު ކުރުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.