ޖޯ ބައިޑަން އެމެރިކާގެ ރައީސުކަމުގެ ހުވައިކުރައްވައިފި

އެމެރިކާގެ 46 ވަނަ ރައީސު ޖޯ ބައިޑަން މަގާމުގެ ހުވައިކުރައްވަނީ

ފާއިތުވި ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯސެފް ރޮބިނެޓް ބައިޑަން ޖޫނިއަރ ރައީސުކަމުގެ ހުވައިކުރައްވައި، އެމެރިކާގެ 46 ވަނަ ރައީސުގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންފިއެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިިލީހުގެ އިމާރާތް، ޔުނައިޓެޑް ސްޓޭޓްސް ކެޕިޓޯލްގެ ހުޅަނގުފަރާތުގައި އޮތް ރަަސްމިއްޔާތުގަައި މިއަދު މެންދުރު ކުރީ 11:47 ގައި (ރާއްޖޭ ގަޑިން މިރޭ 9:47 ގައި) ބައިޑަންއަށް ހުވައި ލައިދެއްވީ އެމެރިކާގެ ޗީފް ޖަސްޓިސް ޖޯން ރޮބަޓްސްއެވެ.

އެމެރިކާގެ ތާރީޚުގައި ރައީސުކަން ކުރައްވާ ކެތޮލިކް ދެވަނަ ބޭފުޅާ، ބައިޑަން ހުވައިކުރެއްވީ އޭނާގެ އާއިލާގެ 127 އަހަރުވެެފައިވާ ބައިބަލްގައި އަތްޕުޅު ޖައްސަވައިގެން ހުންނަަވައިގެންނެވެ. އެމެރިކާގައި ރައީސުކަން ކުރެއްވި ކެތޮލިކް ފުރަތަމަ ބޭފުޅަކީ ޖޯން އެފް. ކެނެޑީއެެވެ.

"މިއަދަކީ އެަމެރިކާގެ ދުވަސް، މިއަދަކީ ޑިމޮކްރެސީގެ ދުވަސް...... މިއަދު އަހަރުމެން ފާހަގަ މިކުރަނީ ޑިމޮކްރަސީގެ ކާމިޔާބީ." ހުވައިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސު ބަައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ފުރަތަމަ އަންހެން ނާއިބު ރައީސު ކަމަލާ ދޭވީ ހެރިސް ވަނީ ބައިޑަން ހުވައިކުރެއްވުުމުގެ 10 ވަރަކަށް މިނިޓް ކުރިން މަގާމުގެ ހުވައިކުރައްވާފައެވެ.

ދައުރު ހަމަވުމަށް ފަހު މަގާމުން ވަކިވެވަޑައިގެންނެވި ރައީސު ޑޮނާލްޑް ޓްރަމްޕް މި ރަސްމިއްޔާތަށް ވަޑައިގެންފައި ނުވެއެވެ. އެހެންކަމުން އޭނާ ވެވަޑައިގެންފައި ވަނީ 1869 ވަނަ އަހަރަށް ފަހު، އާ ރައީސު ހުވަކުރެއްވުމުގެ ރަސްމިއްްޔާތުގައި ބައިވެރިވެވަޑައިނުގަތް ފުރަތަމަ ރައީސަށެވެ. ޓްރަމްޕް ބައިވެރިވެވަޑައިނުގަތް ނަމަވެސް، އޭނާގެ ނާއިބު ރައީސު މައިކްް ޕެންސާއި، ސެނެޓްގެ މެޖޯރިޓީ ލީޑަރު، ރިޕަބްލިކަން ޕާޓީގެ މިޗް މޮކްކޮނެލްވަނީ ބައިޑަން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ކުރީގެ ރައީސުން ކަމުގައިވާ ބިލް ކްލިންޓަން، ޖޯޖް ޑަބްލިޔު. ބުޝް އަދި ބަރަކް އޮބާމާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބައިޑަން މަގާމުގެ ހުވައިކުރެއްވުމުގެ ތިން ގަޑިއެެއްހާއިރު ކުރިން، ރައީސު ޑޮނާލްްްޑް ޓްރަމްޕް ވަނީ ވައިޓް ހައުސް ދޫކުރައްވައި މެރިލޭންޑްގައި އޮންނަ ސިފައިންގެ މަރުކަޒު ޖޮއިންޓް ބޭސް އެންޑްރޫސްއަށް ވަޑައިގެން، ވަދާއީ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ފްލޮރިޑާއަށް ފުރާވަޑައިގެންފައެވެ.

ވަދާއީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސު ޓްރަމްޕް ވަނީ އޭނާ ރިޔާސީ ދައުރުގައި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ވާހަކަ ދައްކަވައި، އާ ސަަރުކާރަށް ކާމިޔާބީއަށް އެދިވަަޑައިގެންފައެވެ. އެހެންނަމަވެސް، އޭނާ އާ ރައީސު ބައިޑަންގެ ނަންފުޅު ގެންނަވާފައި ނުވެއެވެ.

އެެމެރިކާގެ 46 ވަނަ ރައީސު ޖޯ ބައިޑަން ވަނީ އެމެރިކާގެ 44 ވަނަ ރައީސު ބަރަކް އޮބާމާގެ ނާއިބު ރައީސުކަން 2009 އިން 2017 އަށް ކުރައްވާފައެވެ. އޭނާއަކީ އެމެރިކާގެ 47 ވަނަ ނާއިބު ރައީސެވެ.

20 ނޮވެންބަރު 1942 ގައި ޕެންސިލްވޭނިޔާގެ ސްކްރެންޓަންއަށް އުފަންވެވަަޑައިގަތް ޖޯސެފް ރޮބިނެޓް ބައިޑަން ޖޫނިޔާއަކީ މެދުނުކެޑި 36 އަހަރު އެމެރިކާގެ ސެނެޓްގައި ޑެލަވެޔާ ތަމްސީލުކުރައްވާފައިވާ ސިޔާސީ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ސެެެނެޓުގެ އެންމެ ބާރުގަަދަ ކޮމިޓީތައް ކަމުގައިވާ ޖުޑިޝަރީ ކޮމިޓީއާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާފައެވެ.

ޕޮލިޓިކަލް ސައިންސާއި ތާރީޚުގެ ރޮނގުން ޑިގްރީ ހައްދަވާފައިވާ ބައިޑަންއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރައްވާ، ރާ ނުހިއްޕަވާ ބޭފުޅެކެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައި ވަަނީ "އާއިލާގައި ރާ ބޯ މީހުން މާގިނަވުން" ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.