ޖޯ ބައިޑަންގެ އިގުތިސާދީ ޓީމު ހާމަކޮށްފި

ޖޯ ބައިޑަންގެ އިގުތިސާދީ ޓީމު

އެމެރިކާގެ ރައީސުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޖޯ ބައިޑަން އޭނާގެ ވެރިކަމުގައި އިގުތިސާދީ ދާއިރާ ހިންގަވާނެ އިސް ބޭފުޅުން ހާމަކުރައްވައިފިއެވެ.

މިދާއިރާގެ އެންމެ އިސް ބޭފުޅަކީ ޓްރެޜަރީ ސެކްރެޓަރީ (މާލީ ވަޒީރު) އެވެ. މި މަގާމަށް އައްޔަންކުރައްވަން ނިމްމަވާފައިވަނީ އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑެރަލް ރިޒާވްގެ ޗެއާއަކަށް އެންމެ ފުރަތަމަ ހުންނެވި އަންހެން ބޭފުޅާ ޖެނެޓް ޔެލެންއެވެ. ޕޮލެންޑުގެ ޔަހޫދީ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ޔެލެން ވެވަޑައިގަންނަވާނީ ޓްރެޜަރީ ސެކްރެޓަރީކަންވެސް ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ.

އޭނާގެ ސަރުކާރެއްގައި ތަފާތު ނަސްލުތަކުގެ ބޭފުޅުންނަށް ފުރަސަތުދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ޓްރެޜަރު ސެކްރެޓަރީގެ ނާއިބުކަމުގެ މަގާމު ދެއްވާނެކަމަށް ވަނީ ވެލީ އެޑެޔެމޯއަށެވެ. އޭނާއަކީ ނައިޖީރިޔާއަށް އުފަންވެވަޑައިގެންފައިވާ އެފްރިކާ ނަސްލުގެ ބޭފުޅެކެވެ. ޔޭލް ސްކޫލް އޮފް ލޯ ގެ ގްރޭޖުއޭޓެކެވެ.

"(މިހާރު ވެއްޓިފައިވާ ވަޅުގަޑުން) އަރައިގަތުމަށް އެމެރިކާގެ ހުވަފެން އަލުން ހަގީގަތަކަށް ހަދަން ޖެހޭ. އެއީ، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ގާބިލިއްޔަތުގެ ފުރިހަމަ ބޭނުން ހިފި. އޭނާގެ ދަރިންނަށް އެއަށްވުރެ ބޮޑު ކާމިޔާބީއެއްގެ ހުވަފެން ދުށުން." ޓްރެޜަރީ ސެކްރެޓަރީގެ މަގާމަށް އޭނާ އައްޔަންކުރައްވަން ނިންމެވިކަން ބައިޑަން ހާމަކުރެއްވުމާ ގުޅިގެން ޔެލެން ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދަން އެތައް ހަފުތާއަކަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަމުން ދިއުމުގެ ސަބަބު އެ މަސައްކަތް ފެށުން ލަސްވި ނަމަވެސް ޖޯ ބައިޑަން ގެންދަވަނީ އޭނާގެ ސަރުކާރު އޮންނާނެ ގޮތުގެ  ތަސައްވުރު ހާމަކުރައްވަމުންނެވެ.

އިގުތިސާދީ ދާއިރާގެ މުހިމު އޮފީހެއް ކަމުގައިވާ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް (އޯއެމްބީ) ގެ ޑިރެކްޓަރަށް އައްޔަންކުރައްވަން ނިންމަވާފައި ވަނީ ނީރާ ޓަންޑަންއެވެ. ސިޔާސީ ދިރާސާތައް ކުރާ އަމިއްލަ މަރުކަޒު، ސެންޓަރ ފޯ އެމެރިކަން ޕްރޮގްރެސްގެ ސިއީއޯއަކަށް މިހާރު ހުންނެވި ޓަންޑަންއަކީ އިންޑިޔާއިން އެމެރިކާއަށް ހިޖުރަކުރި އާއިލާއެއްގެ ބޭފުޅެކެވެ. އޭނާ ވެވަޑައިގަންނަވާނީ އޯއެމްބީއާ ހަވާލުވެވަޑައިގަންނަވާ އޭޝިޔާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާއަށެވެ.

ކައުންސިލް އޮފް އިކޮނޮމިކް އެޑްވައިޒާސްގެ ޗެއާއަށް އައްޔަންކުރައްވަން ނިންމަވާފައި ވަނީވެސް އަންހެން ބޭފުޅެކެވެ. އެއީ މިހާރު ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގެ ޑީންއަކަށް ހުންނެވި ސެސީލިއާ ރައުޒްއެވެ. އޭނާ އެމެރިކާގެ އެފްރިކާ ނަސްލުގެ ބޭފުޅެކެވެ.

ކައުންސިލް އޮފް އިކޮނޮމިކް އެޑްވަޒާސްގެ މެންބަރުކަމަށް ދެ ބޭފުޅަކު އައްޔަކުރައްވަން ނިންމަވާފައި ވެއެވެ. އެއީ އޮބާމާގެ ދައުރުގައި ޗީފް އިކޮނޮމިސްޓެއްގެ މަގާމު އަދާކުރެއްވި ޖަރެޑް ބާންސްޓައިންއާއި ވޮޝިންޓަން ސެންޓަރ ފޯ އިކުއިޓެބްލް ގްރޯތުގެ ސީއީއޯ ހީތާ ބޯށޭއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.