ނުބައިކަންކަމުން މުޖުތަމަޢު ދުރުހެލިކޮށް ރަނގަޅުކަންކަމަށް ގޮވާލާ މެސެކަތަކެއް ފޯރުކޮށްދެއްވުމަށް ދިވެހި ޅެންވެރިންނަށްމިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ގޮވާލައްވައިފިއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް މ. ދިއްގަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ވާހަކަ ފުޅުދައްކަވަމުން ޔުމްނާ ވިދަޅުވީ ޅެންވެރިންނަކީ ކަންކަމާ ފިކުރުކޮށް ވިސްނައިހަދާ ބައެއް ކަމަށެވެ. އަދިއެފިކުރުތައް އެނެކާއަށް އަސަރުކުރުވާގޮތަކަށް ބަސްތައް ގަތައިލައިގެން ހުށަހަޅައިދޭ ބައެއްކަމަށެވެ.
"ޅެންވެރިން، ލިޔުންތެރިން ފިކުރު ކުރައްވާނެ ކާއިނާތުގައި ހިނގާ އެކިކަންކަމާ، ހަމަ އެހެންމެ ޤައުމުގައި ހިނގާ އެކިކަންކަމާއި މުޖުތަމަޢުގައި ހިނގާ އެކިކަންކަމާއި އިންސާނާގެ ޝުޢޫރުތަކާއިމެދު އަދި އެމުޖުތަމަޢެއްގެ މައްސަލަތަކާ މެދު. މިހުރިހާ ކަންކަމާމެދު ވިސްނަވާ އަނެކާއަށް ވަރަށް އަސަރުކުރުވާގޮތަށް ބަސްތައް އަތުރައިލައިގެން މި ފިކުރުތައް ހުށަހަޅައިދެއްވާ." ޅެންވެރިންގެ ހުނަރު ފާހަގަކުރައްވަމުން ޔުމްނާ ވިދާޅުވިއެވެ.
ޅެންވެރިންނަށް ލިބިވަޑައިގެންފައިވަނީ ވަރަށްވެސް މަތިވެރި ހުނަރެއްކަން ފާހަގަކުރެއްވި އެވެ. އެއީ ގިނަ ބަޔަކަށް އަސަރު ކުރުވާފަދަ ގޮތަކަށް މެސެޖްތަކެއް ރައްދުކޮށް ދިނުމުގެ ހުނަރުކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާރުވެސް ޅެންވެރިން ކުރައްވަމުން ގެންދަވާ ގޮތަށް، ޅެންވެރިންނަށް ލިބިވަޑައިގެންފައިވާ ހުނަރުގެ ބޭނުން ކުރައްވައިގެން މުޖުމަޢު ހޭލުންތެރިކޮށްދެއްވައި ރަނގަޅު ގޮތްތައް ކިޔައިދެއްވުމަށް ޅެންވެރިންގެ ކިބައިން މިނިސްޓަރ ޔުމްނާ އެދިވަޑައިގެންނެވިއެވެ.
ރޭގެ އަޑު އިވިގެން ދިޔަ ޅެންތަކުން ވެސް ތަފާތު މެސެޖްތަކެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި، ޔުމްނާ ވިދާޅުވީ ޅެން ވެރިންނަށް ލިބިވަޑައގެންފައި ވަނީ ވަރަށް ތަފާތު ހުނަރެއްކަމަށެވެ. ދިވެހި ބަހުގެ އެކަޑަމީން ޅެންވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރައްވައި، ވިހާވެސް ގިނައިން ޒުވާނުން ޅެންވެރިކަމަށް ވެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ޔުމްނާ އެދިވަޑައިގެންނެވިއެވެ. ޒުވާނުން ޅެންވެރިކަމުގެ ތެރެއަށް ވެއްދުމުން މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް އެޒުވާނުންނަށްވެސް ކޮށްދެއްވޭނެކަމަށް ވިދާޅުވިއެވެ.
ޅެންވެރުންގެ ދުވަހުގެ ރަސްމިއްޔާތައް ދިއްގަރު ރައްޔިތުން ދެއްވި އެއްބާރުލުން ޔުމްނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ޅެންވެރިކަމުގެ އިތުރުން ތަމްސީލްކުޅުމާއި އެނޫންވެސް ތަފާތު ހުނަރުތައް ދިއްގަރުގެ ކުދިންގެ ކިބައިގައި ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ ދިއްގަރަކީ ނަމޫނާ ރަށެއްކަމަށެވެ. ދިއްގަރަކީ ތަރިކައިގެ ގޮތުން ބެލިޔަސް މުއްސަދިރަށެއްކަން ފާހަގަ ކުރައްވައި ޔުމްނާ ވިދާޅުވީ ދިއްޤަރު ރިހާކުރަކީ ދިވެހިންގެ ވަރަށް އަގުހުރި ތަރިކައެއްކަމަށެވެ. އަދި އެފަދަ ތަރިކަތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް ތަރިކައާބެހޭ މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.