ދިވެހި އަދަބީ ޢީދު ޤައުމީ ފެންވަރުގައި ބާއްވާނެ އިންތިންތިޒާމުތައް ކުރިއަށް އޮތްތަނުގައި ހަމަޖައްސަވަމުން ގެންދަވާނެކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝަރަފް ޢަލީ ވިދާޅުވެއްޖެއެވެ.
"މިލަދެކުނު އަދަބީ ޢީދު" ގެ ނިމުން ފާހަގަ ކުރުމަށް މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އަޝްރަފް ވިދާޅުވީ ދިވެހި އަދަބިއްޔާތުގެ ކަންތައް ޤައުމީ ފެންވަރުގައި ބޭއްވިގެން ދިއުމަކީ ވަރަށްބޮޑަށް ބޭނުންފުޅުވާ ކަމެއްކަމުގައެވެ. ކުރިއަށް އޮތް ތަނުގައި އެކަމަށް މަގުފަހިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިލަދެކުނު އަދަބީ ޢީދު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން 2020 ގެ އަދަބީ ޢީދު ފުވައްމުލަކުގައި ބާއްވަން ހަމަޖައްސަވައިފައިވާކަން، އެކަޑަމީގެ ރައީސް ވަނީ އިޢުލާން ކުރައްވައިފައެވެ. އަންނަ އަހަރުގެ އަދަބީ ޢީދުގެ އިންތިޒާމުތަކާ ގުޅޭގޮތުން ފުވައްމުލައް ސިޓީގެ ކައުންސިލާ މަޝްވަރާ ކުރައްވައިފައިވާކަމަށް އަޝަރަފް ވިދާޅުވިއެވެ. އަދި އެކަމުގެ ޝައުޤުވެރިކަން ކައުންސިލުންވެސް ވަރަށް ބޮޑަށް ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"މިލަދެކުނު އަދަބީ ޢީދު" ބޭއްވުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް ނިމިގެންދިޔައީ ކާމިޔާބު ޙަރާކާތެއްގެ ގޮތުގައިކަން ފާހަގަ ކުރެއްވިއެވެ. އަދަބީ ޢީދުގެ ކާމީޔާބީ ދައްކައިދީފައިވަނީ އަދަބީޢީދުގެ ޒީނާތްތެރިކަންކަމުގައި ދަރިވަރުންކަމަށް އަޝްރަފްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ދަރިވަރުންނަށް އަދަބީޢީދުގައި ބައިވެރިވުމުގެ ފުރުޞަތު ހޯއްދަވައި ދެއްވީތީ އަތޮޅުގެ ރައްޔިތުންނަށް އަޝްރަފް ޝުކުރު އަދާކުރެއްވިއެވެ. އަދި އެނޫން ގޮތްތުންވެސް އަދަބީ ޢީދަށް އެހީތެރިވެވަޑައިގެންނެވި ފަރާތްތަކުގެ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ.
މިމަހު 12 އިން 14 ގެނިޔަލަށް މަނަދޫގައި ކުރިއަށް ގެންދެވި "މިލަދެކުނު އަދަބީ ޢީދު" ގައި ނ. އަތޮޅުގެ13 ރަށުގެ ތެރެއިން 10 ރަށުގެ ސްކޫލުތަކުން 226 ދަރިވަރުން ބައިވެރިވިއެވެ.
ދިވެހި އަދަބީ ޢީދަކީ 2014 ވަނަ އަހަރުންފެށިގެން، މިދޔަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙަރަކާތެކެވެ.
"މިލަދެކުނު އަދަބީ ޢީދު" ގެ ނިމުމުގެ ރަސްމިއަޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމަދު ޞާލިޙެވެ.
"މިލަދެކުނު އަދަބީ ޢީދު" ނިމުމުގެ ރަސްމިއްޔާތުގައި އެ ޢަދަބީ ޢީދުގެ އުސްއަލިތައް ހިމެނޭ ފޮތެއް ވަނީ ނެރެފައެވެ. "ރިވެލި 1" ނަމަކަށް ކިޔާ ފޮތްނެރެދެއްވީ ސްޓޭޓޭ މިނިސްޓަރ މުޙައްމަދު ޠާރިޤެވެ.