އެމެރިކާގެ ހިއްސާގެ ބާޒާރުގެ %89 ކޮންޓުރޯލުކުރަނީ، އެންމެ މުއްސަނދި %10 ވިޔަފާރިވެރިން

ދުނިޔޭގެ އެންމެ ބޮޑު ހިއްސާގެ ބާޒާރު ކަމުގައިވާ އެމެރިކާގެ ހިއްސާގެ ބާޒާރު ވެފައި ވަނީ މަހުޖަނުން އެމީހުންގެ މުއްސަނދިކަން އިތުރުކުރަން ބޭނުންކުރާ ވަސީލަތަކަށެވެ. ކޮވިޑް1-9 ގެ ސަބަބުން ހިއްސާގެ ބާޒާރު ދަށަށް ދިއުމަށް ފަހު މިހާރު އޭގެ ދެގުނައަށް ހިއްސާގެ ބާޒާރު ފުޅާވެފައި ވާއިރު، މިއަހަރުގެ ޖަނަވަރީ މަހަށް ފަހު މިހާތަނަށް %40 އިތުރުވެފައި ވެއެވެ.  

ސިއެންބީސީން އާއްމުކުރި ރިޕޯޓެއްގައި ވާގޮތުން އެމެރިކާގައި މުއްސަނދިންނާއި ފަގީރުންގެ ފަރަގަ ބޮޑުވަމުން ދިއުމުގައި އެންމެ ބޮޑު ހިއްސާއެއްއޮތީ އެމެރިކާގެ ހިއްސާގެ ބާޒާރުގައެެވެ. އެ ގޮތުން މިހާރު އެމެރިިގެ ހިއްސާގެ ބާޒާރުގައި ދައުރުވާ ހިއްސާތަކުގެ 89% ވަނީ އެގައުމުގެ އެންމެ މުއްސަނދި %10 ވިޔަފާރިވެރިންގެ އަތުގައެވެ.

ރިޕޯޓުގައި ވާގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކަށް ލިބުނު ފައިސާގެ ތެރޭން 6.5 ޓްރިލިއަން ޑޮލަރު އެންމެ މުއްސަނދި މަހުޖަހުންނަށް ލިބުނު އިރު، %90 މީހުންނަށް ލިބިފައި ވަނީ 1.2 ޓްރިލިއަން ޑޮލަރެވެ.

މިއަހަރުގެ ދެވަނަ ހަތަރު މަސް ނިމުނު އިރު، އެމެރިކާގެ އެންމެ މުއްސަނދި މަހުޖަނުން ދިޔައީ ރެކޯޑް އަދަދަކަށް ކުންފުނިތަކުގެ ސްޓޮކާއި، މިއުޗުއަލް ފަންޑުތަކުގެ ފައިސާ ކޮންޓުރޯލުކުރަމުން ދިޔައިރު، ދަށް އާމްދަނީ ލިބޭ %90 މީހުންގެ ކޮންޓުރޯލުގެ ދަށުގައި ވަނީ އެ ފައިސާގެ %11 އެވެ. މިއީ އޭގެ ކުރީ ހަތަރު މަސް ދުވަހު %12 ގައި ހުރި އަދަދެކެވެ.

އެ ރިޕޯޓުގައިވާ އަދަދުތަކުން ހާމަވާ ގޮތުގައި އެމެރިކާގެ ހިއްސާގެ ބާޒާރުގައި ދައުރުވާ ފައިސާގެ %32 ކޮންޓުރޯލު ކުރަނީ އެގައުމުގެ އެންމެ މުއްސަނދި %1 މީހުންނެވެ.  

ކޮވިޑް-19 އަށް ފަހު އެންމެ މުއްސަނދި މަހުޖަނުންގެ މުއްސަނދިކަން ދަނީ ހައްތަހާ އިތުރުވަމުންނެވެ. ޖަނަވަރީ 2020 އާއި ޖުލައި 2021 އާ ދެމެދުގެ ހިސާބުތަކަށް ބަލާއިރު، އެންމެ މުއްސަނދި %10 ގެ މުއްސަނދިކަން ވަނީ %43 އިތުރުވެފައެވެ. އާމްދަނީ ދަށް %90 ގެ މުއްސަނދިކަން އިތުރުވީ %33 އެވެ.

ބަލިމަޑުކަމުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ތަފާތު ޕެކޭޖްގެ ސިފައިގައި އެތައް ޓްރިލިއަން ޑޮލަރެއް އިގްތިސާދުގެ ތެރެއަށް ދޫކޮށްލާފައި ވެއެެވެ.  މަރުކަޒީ ބޭންކް ފެޑެރަލް ރިޒާވްގެ ބެލެންސް 3 ޓްރިލިއަން ޑޮލަރަށް އިތުރުވިއިރު، ސަރުކާރުން ވަނީ 5 ޓްރިލިއަން ޑޮލަރު އިގްތިސާދުގެ ތެރެއަށް ދޫކޮށްލާފައެވެ. މީގެ ސަބަބުން ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް ޖެހިފައި ވެއެވެ. އާމްދަނީ ދަށް ފަރާތްތަކުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބީ މިއީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.