އެމެރިކާއިން ކ. ގުރައިދޫ ގެސްޓްހައުސްއަކަށް ފޮނުވި ޕާރުސަލެއްގައި ބައިބަލްގެ ދިވެހި ތަރުޖަމާއެއް އޮވެގެން އެކަން ރިޕޯޓުކޮށްފިއެވެ.
އެމެރިކާއިން އައިސްފައިވާ ޕާރުސަލެއްގެ ތެރޭގައި އޮތް ބައިބަލްގެ ދިވެހި ތަރުޖަމާގައި ވަނީ ބައިބަލްގެ ބައެއް ޗެޕްޓަރުތައް ކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމީން ވިދާޅުވިއެވެ. ބައިބަލްގެ ކޮޕީ ގުރައިދޫގެ ގެސްޓް ހައުސްއަކަށް ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ބައިބަލްގެ ދިވެހި ތަރުޖަމާ ލިބިފައިވާ ކަމަށް ކައުންސިލަށް ރިޕޯޓުކުރީ އެ ޕާރުސަލް ލިބުނު ގެސްޓްހައުސް އިންކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެއީ ކޮންފަރާތަކުން ފޮނުވި އެއްޗެއްކަން އެނގެން ނެތްކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. މިއަދު އެކަން ރިޕޯޓި ކޮށްފައިވަނީ ރަސްމީ ގަޑީގެ ފަހުން ކަމަށްވާތީ މިއަދު އެ ތަރުޖަމާ އިސްލާމިކް މިނިސްޓްރީއަށް ފޮނުވާލެވޭ ގޮތް ނުވީކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް މާދަމާގެ ވަގުތެއްގައި އެ ތަރުޖަމާ އިސްލާމިކް މިނިސްޓްރީއަށް ފޮނުވާލާނެކަމަށް ވިދާޅުވިއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ 2019 ވަނަ އަހަރުވެސް އެމެރިކާއިން ބައިބަލްގެ ދިވެހި ތަރުޖަމާ ގުރައިދޫގެ ހަތަރު ގެސްޓް ހައުސް އަކަށް ފޮނުވައިފައިވާކަމަށެވެ. އެތަކެތިވެސް އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރެއްވިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިފަހަރުގެ ކޮޕީވެސް ހުރީ އެކޮޕީތަކާ ދާދި އެއް ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
ޣައިރު ދީންތަކުގެ ފޮތްތައް ރާއްޖެއަށް އެތެރެކޮށް ގެންގުޅުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ.
ހެއްވާ ކަމެއް މަހިތުން ދުނިޔޭގެ އެކި ތަންތަނަށް ޕޯސްޓުން އެއްޗެތި ފޮނުވާއިރު އެ ފޮނުވި ފަރާތެއްގެ ނަން އޮންނަން ޖެހޭހެން ހިވަނީ . ތިޔަ އެއްޗެއްގައި ފޮނުވިފަރާތް ނެތް ކަމަށްވަނަމަ ތިޔައީ މަމެންގެ ތެރެއިން ރޭވިގެން ކުރާކަމެއް.