ތާރީޚީ ހެކިބަސް
މީލާދީން ހަތްވަނަ ސައްތައިގައި ޤުރްއާން ބާވައިލެއްވުނުއިރު ޢަރަބި ވެށީގެ ތެރޭގައި ފައްޅީގެ ލިޔެކިޔުންތައް ގަސްތުގައި ބަދަލު ކުރުމުގެ ސަޤާފަތެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވޭނެތެވެ.އެހެނީ އެ ދުވަސްވަރު ފައްޅީގެ ލިޔެކިޔުންތަކަކީ ޢާއްމުންގެ އަތް ފޯރާފަށުގައި ހުރި އެއްޗެއްސެއް ނޫނެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގޭގޮތުގައި އެކަންތައް ކޮށްފައި ވަނީ ޔަހޫދީ ދީނުގެ އިސް ފާދިރީންނެވެ.މި އާޔަތްތަކުން އެމީހުން އެކަންތައް ކޮށްފައި ވަނީ ކީއްވެގެން ކަން އެނގެއެވެ.
1. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّـهُ مِنَ ٱلْكِتَـٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا أُولَـٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ [1] - ހަމަކަށަވަރުން ފޮތުގެ ތެރެއިން اللَّه ބާވައިލެއްވި ތަކެތި ވަންހަނާކޮށް އެ ތަކެއްޗަށް ކުޑައަގެއްގަނެ އުޅޭ މީހުން އަލިފާންނޫން އެހެން އެއްޗެއް އެއުރެންގެ ބަނޑަށް (އަޅައި) ކައި ނޫޅެތެވެ. ))
2. އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. (( قُلْ مَنْ أَنزَلَ ٱلْكِتَـٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورًا وَهُدًى لِّلنَّاسِ ۖ تَجْعَلُونَهُۥ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا [2]- ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، ހިދާޔަތެއް ކަމުގައި، މޫސާގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެ؟ ތިޔަބައިމީހުން އެފޮތް ހަދައިގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. ))
3. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރެއްވިއެވެ. (( قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَـٰدِقِينَ [3] - ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން ތައުރާތު ގެނެސް އެ ކިޔައިބަލާށެވެ! ))
4. މީގެ އިތުރަށް ފާހަގަ ކުރަން ޖެހޭގޮތުގައި އެ ދުވަސްވަރު ތައުރާތު ވަނީ ޢަރަބި ބަހަށް އަދި ތަރްޖަމާ ނުކުރެވިއެވެ. މި ކަމުގެ ހެއްކަކީ ތައުރާތުގައި ހުރި ބައެއް ޙުކުންތައް ޔަހޫދީން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ނުބައިކޮށް ދަންނަވަމުން ދާތީ ޒައިދު ބުނު ޘާބިތަށް ޔަހޫދީންގެ ބަސް ދަސްފުޅު ކުރެއްވުމަށް އަންގަވައިގެން އެކަލޭގެފާނު ޔަހޫދީންގެ ބަސް ދަސްފުޅު ކުރެއްވިކަމާއި، ޔަހޫދީން ރަސޫލާއަށް ފޮނުވާ ސިޓީތައް އެކަލޭގެފާނު ތަރްޖަމާކޮށް ދެއްވާކަމާއި، ރަސޫލާ މި ސިޓީތަކަށް ދެއްވާ ޖަވާބުފުޅުތައް އެކަލޭގެފާނު ލިޔެދެއްވާކަން ތާރީޚުފޮތްތަކުންނާއި ޙަދީސް ފޮތްތަކުން ސާބިތު ވާކަމެވެ.
ފައްޅީގެ ފޮތްތަކުގައި ޢިލްމީ ބައެއް ކުށްތައް ހުރުން
މީލާދީން ސޯޅަވަނަ ސައްތައިގައި ނަޞާރާ ދީނުގެ ހުޅަނގުގެ މަޒްހަބު ކަމުގައިވާ ކެތަލިކް މަޒްހަބުން ބަޔަކު ވަކިވެ ޕްރޮޓެސްޓެންޓް މަޒްހަބު އުފެއްދީ ނަޞާރާ ދީނުގެ ބައެއް ފޮތްތައް ބަދަލުކޮށް އޮޅުވައިލައިފައިވާ ކަމަށް ކުރި ތުހްމަތުތަކުގެ ތެރެއިންނެވެ. ވޭތުވެދިޔަ ތިން ސައްތައިގެ ތެރޭގައި ފާޅުވި ޢިލްމީ ޙަޤީޤަތްތަކުގެ ސަބަބުން މި ފޮތްތައް މިހާރު ވަނީ އެންމެންނަށް އެނގޭ އެއްޗަކަށް ވެފައެވެ.މިއަދު އެއީ ފާދިރީންނަށް އެކަނި އޭގެ މާނަ އެނގޭ ފޮތްތަކެއް ނޫނެވެ. އޯލްޑް ޓެސްޓަމެންޓް [4] ޢިބްރީ ބަހުން ޔޫނާނީ ބަހަށް ތަރްޖަމާ ކުރެވުނީ ޢީސާގެފާނުގެ 250 އަހަރު ކުރިންނެވެ. ލެޓިން ބަހަށް ތަރްޖަމާކުރެވުނީ މީލާދީން ތިންވަނަ ސައްތައިގެ ފަހުކޮޅުގައެވެ. ޖޯން ވިކްލިފް (John Wycliff) އިނގިރޭސި ބަހަށް ތަރްޖަމާ ކުރެއްވީ މީލާދީން 1384ވަނަ އަހަރުގައެވެ . އެއަށްފަހު ޖޭމްސް ރަސްގެފާނު 1611 ވަނަ އަހަރު އިނގިރޭސި ބަހުގެ އައު ތަރްޖަމާއެއް ޝާއިޢު ކުރެއްވިއެވެ. އޯލްޑް ޓެސްޓަމެންޓްގެ ޢަރަބި ތަރްޖަމާއެއް ކުރެވުނީ 1865 ގައެވެ. ވީމާ އޯލްޑްޓެސްޓަމެންޓްގައި ދޮގު ވާހަކަތައް ހުރި ކަމާއި ފާދިރީން ގަސްތުގައި އޮޅުވައިލައިފައި ވާ ކަން ކީރިތި ރަސޫލާއަށް އެނގިވަޑައިގަންނަވާނީ އެކަލޭގެފާނަށް އެ ކަން މާތް ﷲ އެންގެވީމައެވެ.
އޯލްޑް ޓެސްޓަމެންޓާއި ނިވް ޓެސްޓަމެންޓަކީ ކޮބާ؟
ގިނަ ބަޔަކަށް ހީވެފައިވާ ގޮތުގައި އޯލްޑް ޓެސްޓަމެންޓަކީ ތައުރާތެވެ. ނިވް ޓެސްޓަމެންޓަކީ އިންޖީލެވެ.
ނަޞާރާއިން ދަޢުވާ ކުރާގޮތުގައި އޯލްޑް ޓެސްޓަމެންޓަކީ ޢީސާގެފަނުގެ ކުރީގެ ނަބީބޭކަލުންނަށް ބަވައިލެއްވި ފޮތްތަކެވެ.ނިވް ޓެސްޓަމެންޓަކީ ޢީސާގެފަނާ ބެހޭ ވާހަކަތަކާއި އެކަލޭގެފާނުގެ ޙަޔާތްޕުޅާއި އެކަލޭގެފާނުގެ ތަޢުލީމުތައް ހިމެނޭ ފޮތެވެ. އެމީހުން ދަޢުވާ ކުރާގޮތުގައި މި ފޮތް ލިޔުނީ މާތް ﷲ ކުރެއްވި އިލްހާމެއްގެ މަތިން ނަޞާރާ ދީނުގެ އިސް ފާދިރީންނެވެ.
މިއަދު މި ފެންނަން އޮތް ތައުރާތަކީ ޔަހޫދީންގެ ތެރޭގައި މަޝްހޫރުވެފައިވާ ދީނީ ވާހަކަތަކެކެވެ. ޔަހޫދީ ޙިބްރުން މި ވާހަކަތައް ރަނގަޅުތޯ ނުރަނގަޅުތޯ ބަލައިލުމެއް ނެތި ޖަމާކުރީއެވެ. ޔޫރަޕްގައި ޚައްޞަކޮށް ޖަރްމަނުގައި މަޝްހޫރުވެފައިވާ ގޮތުގައި އޯލްޑް ޓެސްޓަމެންޓްގައި ހިމެނެނީ މޫސާގެފާނުގެ މައްޗަށް ބަވައިލެއްވި ފަސް ސިފްރާއި (ފޮތާއި) އެއަށް އިތުރު ކުރެވިފައިވާ ބައިތަކެކެވެ [5]
ޑރ. މުޙައްމަދުލްމަލަކާވީ ވިދާޅުވާ ގޮތުގައި ބައިބްލް ކިޔަނީ އޯލްޑް ޓެސްޓަމެންޓަށާއި ނިވް ޓެސްޓަމެންޓް އެއްކޮށްލުމުންނެވެ. ބައިބްލް އަކީ ގްރީކް ބަހެކެވެ. މާނައަކީ " ފޮތް " އެވެ. އޯލްޑް ޓެސްޓަމެންޓްގައި 39 ސިފްރު ހިމެނެއެވެ. މި 39 ފޮތުގެ ތެރެއިން ފުރަތަމަ ފަސް ފޮތަށް ތައުރާތޭ ކިޔެއެވެ. ނިވް ޓެސްޓަމެންޓަކީ ބައިބްލްގެ ދެވަނަ ބަޔެވެ. ބައިބްލް ގައި 27 ސިފްރު ހިމެނެއެވެ. ފުރަތަމަ ހަތަރު ފޮތަށް އިންޖީލޭ ކިޔެއެވެ. އިންޖީލަކީ ޢަރަބި ކުރެވިފައިވާ ޔޫނާނީ ނުވަތަ ޤިބްޠީ ލަފްޡެކެވެ. ޔޫނާނީ ބަހުން ކިޔަނީ އިންކިލިޔޯސް އެވެ. ޤިބްޠީ ބަހުން ކިޔަނީ އިންކިލިޔޫން އެވެ. މާނައަކީ ތަޢުލީމާއި ހެޔޮ ޚަބަރެވެ.
ޢިބްރީ ތައުރާތުގައި ހިމެނެނީ:
އޯލްޑް ޓެސްޓަމެންޓް (39 ފޮތް) + ނިވް ޓެސްޓަމެންޓް (27 ފޮތް) = 66 ފޮތް
އެކަމަކު ޔޫނާނީ ތައުރާތުގައި ހިމެނެނީ :
އޯލްޑް ޓެސްޓަމެންޓް (46 ފޮތް) + ނިވް ޓެސްޓަމެންޓް (27 ފޮތް) = 73 ފޮތް [6]
ޤަބޫލު ކުރުމުގެ މަސްއަލަ
ޔަހޫދީންނަށް ބަލައިއިރު އެމީހުންނަކީ ނިވް ޓެސްޓަމެންޓް ޤަބޫލު ކުރާ ބައެއް ނޫނެވެ.އެމީހުން އީމާންވަނީ ހަމައެކަނި އޯލްޑް ޓެސްޓަމެންޓަށެވެ. އެހެނެއްކަމަކު ނަޞާރާއިން އޯލްޑް ޓެސްޓަމަންޓަށާއި ނިވް ޓެސްޓަމެންޓަށް އީމާންވެއެވެ. އެމީހުން ބައިބްލް ކިޔަނީ މި ދެ ޓެސްޓަމެންޓަށެވެ. ކެތަލިކް ފައްޅިން ނެރެފައިވާ " މަސީޙީ ތަޢުލީމާ ބެހޭ މުލައްޚަޞް " ނަމަކަށް ކިޔާ ލިޔުން ( އެ ލިޔުމުގެ 15ވަނަ ޞަފްޙާ) ބުނާގޮތުގައި މަސީޙީން އީމާންވާ ގޮތުގައި އޯލްޑް ޓެސްޓަމެންޓަކީ ﷲގެ ކަލިމަފުޅެވެ. އެ ފޮތް ބާވައިލެއްވުނީ ޢީސާގެފާނު ވަޑައިގަންނަވާނެ ކަމުގެ ޚަބަރު ދިނުމަށެވެ.
މި ލިޔުމުގެ (16ވަނަ ޞަފްޙާ) ބުނާގޮތުގައި އޯލްޑް ޓެސްޓަމެންޓާއި ނިވް ޓެސްޓަމެންޓަކީ ﷲގެ ބަސްފުޅުތަކެވެ. އައު ޓެސްޓަމެންޓް އައީ، ބައު ޓެސްޓަމެންޓްގެ ތެދުކަން ބަޔާންކޮށްދިނުމަށާއި އައު ކަންތައްތަކެއް އުނގަންނާ ދިނުމަށެވެ.
ފާހަގަ ކުރެވޭ ބައެއް ކުށް
މި ސިފްރުތައް ބުނާގޮތުގައި މުސަޅަކީ ހަޖަމުކުރުމުގެ ނިޒާމަށް ބަލައިއިރު ގެރިފަދަ ޖަނަވާރެކެވެ. ނަމަވެސް ޒަމާނީ ސައެންސް ބުނާ ގޮތުގައި އެއީ ތަފާތު ދެ ބާވަތެކެވެ. ހަމަ އެފަދައިން މި ސިފްރުތަކުގައި ޖަމަލާއި އަސް ގިންތިކޮށްފައި ވަނީ ފައިތިލައިގައި އެއްގޮތް އެއް ގިންތިއެއް ކަމަށެވެ.ޢިލްމީ ގޮތުން ބަލައިއިރު މިއީ ތަފާތު ދެ ގިންތިއެކެވެ.
ކައުނު އުފެއްދެވި ވާހަކަ
ތަވްރާތުގެ ފުރަތަމަ ފޮތް، ސިފްރުއްތަކްވީނު [7] ގެ ފުރަތަމަ އިޞްޙާޙުގައި އައިސްފައިވެއެވެ. [ފެށުނުއިރު ރައްބު، އުޑުތަކާއި ބިން ހެއްދެވިއެވެ. ބިންއޮތީ ފަޅު، ހުސްތަނެއްގެ ގޮތުގައެވެ. މުޅި ތަނަށް ފެތުރިފައިވަނީ އަނދިރިކަމެވެ. ފެން މަތީގައި ރައްބުގެ ރޫޙުފުޅު ވިހުރުވި ވިހުރުވި އޮތެވެ. އެހިނދު ރައްބު ވަޙީކުރެއްވިއެވެ. ދުވާލާއި ރޭގަނޑު ވަކިކުރުމަށްޓަކައި، އުޑު ތެރޭގައި އަލި ވާހުށިކަމެވެ.އެހިނދު ބިމަށް އަލިކުރުމަށްޓަކައި އުޑުގައި އަލިތައް ފެތުރިގަތެވެ. ފަހެ، ރައްބު ބޮޑުވެގެންވާ ދެ އަލި ހެއްދެވިއެވެ. ބޮޑު އަލި ދުވާލުގެ އިމަށެވެ. ކުޑައަލި ރޭގަނޑުގެ އިމަށެވެ. ރައްބު އުޑުގައި ތަރިތައް ލެއްވީ ބިމަށް އަލިކުރެއްވުމަށް ޓަކައެވެ. އަދި ދުވާލާއި ރޭގަނޑު ކޮންޓްރޯލް ކުރެއްވުމަށްޓަކައެވެ.] [8]
1. ތަވްރާތު ބުނާގޮތުގައި ރައްބު ކައުނު ޚަލްޤުކުރެއްވީ ހަދުވަހުންނެވެ. އެއަށްފަހު އެކަލާނގެ ހަތްވަނަ ދުވަހު އަރާމު ކުރެއްވިއެވެ. ސިފްރުއްތަކްވީނުގެ 2 ވަނަ ފޮތުގެ 3 ވަނަ އާޔަތް ބުނާގޮތުގައި ހަތްވަނަ ދުވަހު އެކަލާނގެ ހުރިހާ މަސައްކަތްތަކެއް ހުށްޓައިލައްވާ އަރާމުކުރެއްވިއެވެ. މިއީ ކަލާނގެއަކާ އެކަށީގެންވާ ސިފައެއް ނޫނެވެ. މިއާޚިލާފަށް، މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ [وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ [9] - ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ.] މާތްﷲ ދުނިޔެ ހެއްދެވި ގޮތާ ބެހޭގޮތުން ކީރިތިޤުރްއާން ބުނަނީ: [إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍ بِأَمْرِهِۦ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ [10] - ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّهއެވެ. އެއަށްފަހު، އެކަލާނގެ عرشގެ މައްޗަށް استواءވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمرފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمرކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالمތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ.] މުފައްސިރުން ވިދާޅުވާގޮތުގައި ދުވަހުގެ މާނައަކީ ސައުވީސް ގަޑިއިރެއްނޫނެވެ. އެކަމަކު އެއީ ފިޔަވަހި ތަކެކެވެ. މިކަން ކީރިތި ޤުރްއާނުން ވަރަށް ރަނގަޅަށް ސާފުވެއެވެ. ކީރިތިޤުރްއާނުގައި މާތްﷲ ވަޙީކުރައްވަނީ [وَإِنَّ يَوْمًا عِنْدَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّون [11] - ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةގައި، އެންމެ ދުވަހެއްވަނީ، ތިޔަބައިމީހުން ގުނައި عددކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ.] އެހެން ބަސްފުޅެއްގައި ވަޙީކުރައްވަނީ [تَعْرُجُ الْمَلاَئِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَة [12] - ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكةންނާއި، جبريلގެފާނު، އެކަލާނގެ حضرةއަށް އަރާވަޑައިގަންނަވާނެތެވެ.]
2. ބިމުގެ ޢުމުރަށް ބަލައިއިރު ޔަހޫދީ ކަލަންޑަރު ބުނާ ގޮތުގައި ބިމުގެ ޢުމުރަކީ 5738 އަހަރެވެ. މިއީ މިއަދުގެ ޢިލްމީ ހޯދުންތަކާ އަރާރުންވާ ވާހަކައެކެވެ. މި ޒަމާނުގެ ޢިލްމީ ހޯދުންތައް ބުނާގޮތުގައި އިރުގެ ނިޒާމުގެ ޢުމުރަކީ 4 ބިލިއަން އަހަރެވެ. މި ޒަމާނުގެ ހޯދުންތަކުން އެނގޭގޮތުގައި އިންސާނާ މި ބިމުގައި އުޅޭތާ އެތައް ސަތޭކާ ހާސް އަހަރެއް ވެއްޖެއެވެ.
3. ތަވްރާތާއި އިންޖީލު ބުނާގޮތުގައި އުޑުތަކާއި ބިން އުފެދުމުގެ ކުރިން އޮތީ ފެނެވެ. ދެން ފުރަތަމަ ދުވަހު އަލި އުފެއްދެވިއެވެ. ތަރިތައް ހެއްދެވީ ހަތަރުވަނަ ދުވަހުއެވެ. [13] ތިންވަނަދުވަހު ހެއްދެވީ ރޭގަނޑާއި ދުވާލެވެ. އިރާއިހަނދު ހެއްދެވީ ތިންވަނަ ދުވަހުއެވެ. [14] ބިމުގައި ޖަނަވާރުތައް ލެއްވީ 6ވަނަ ދުވަހުއެވެ. ފަސްވަނަދުވަހު އުޑުގައި ދޫނިސޫފާސޫފިތައް ލެއްވިއެވެ. ނަމަވެސް ޢިލްމީ ގޮތުން ބަލައިއިރު ތަރްތީބު މިވަނީ އޮޅިފައެވެ.
4. ތަވްރާތު ބުނާގޮތުގައި ބިން އުފުލިފައިވަނީ ފެނުގެ އަޑިއަށް ޖަހާފައިވާ ތަބުތަކެއްގެ މަތީގައެވެ. ފުރަތަމަ ޞަމޫއީލްގެ 8:2 ބުނާގޮތުގައި [ރައްބަށް ބިމުގެ ތަބުތައް ލިބިވޮޑިގެންވެއެވެ. ބިމުގައި ދިރިއުޅޭ އާބާދީތައް އޭގެމަތީގައި އެކަލާނގެ ލެއްވިއެވެ.] މަޒްމޫނުގެ 24: 1،2 ބުނާގޮތުގައި [ރައްބަށް ބިމާއި ބިން ފުރާލައިފައިވާ ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވެއެވެ. އެތާނގައި ދިރިއުޅޭހާ ބަޔަކާއި އެމީހުން ގެންގުޅޭހާ އެއްޗެކެވެ. އެހެނީ އެކަލާނގެ އެ ބިން ބިނާކުރައްވައިފައިވަނީ ކަނޑުތަކުގެ މަތީގައެވެ. އަދި ސާބިތުކުރައްވައިފައިވަނީ ކޯރުތަކުގެ މަތީގައެވެ.]
5. އަޝްޢިޔާގެ 40: 22 ބުނާގޮތުގައި [ރައްބު އިށީނދެވޮޑިގެންވަނީ ބިމުގެ ދާއިރާގެ މަތީގައެވެ.] [15]
6. ޔޫނުސްގެފާނު ވާހަކަ: ސިފްރުތަކުގައި އައިސްފައިވާ ޔޫނާނު ނަބިއްޔާ [16] ގެ ވާހަކަ ލިޔުނު މީހާ އެ ވާހަކަ ލިޔެފައި ވަނީ އެ ޒަމާނުގެ މަފްހޫމުތަކާ އެއްގޮތަށެވެ. މި ވާހަކަ ބުނާގޮތުގައި ޔޫނާނުގެފާނަށް އަދަބު ދެއްވަން ވެގެން މާތް ﷲ ހެއްދެވި ބޮޑުމަސް އެކަލޭގެފާނާއިގެން ފަރުބަދަތަކުގެ ފުލުން ކަނޑު އަޑީގެ ވަޅުގަނޑުތައް ބެދޭ ހިސާބަށް އަޑިއަށް ދިޔައެވެ. މިއަދުގެ ޢިލްމީ ހޯދުންތައް ބުނާގޮތުގައި ކަނޑުގެ އެންމެ ފުން ހިސާބަކީ މަރިޔާނާ ފުންގަނޑެވެ. އެއީ 11 ކީލޯމީޓަރުގެ ފުން ވަޅުގަނޑެކެވެ. ކަނޑުގެ ބިމުގެ ތަޅުމުގެ ދަށުގައިވާ ބިމުގެ ތޮށިގަނޑުގެ ބޯ މިނަކީ 5 ކީލޯމީޓަރެވެ.އެކަމަކު ފަރުބަދަތައް 100 ކީލޯމީޓަރަށް ފެތުރިފައި ހުރެއެވެ. މި ވާހަކައިގައި އައިސްފައިވާ أسافل ތަފާތު ތަރްޖަމާތަކުގައި ތަރްޖަމާކޮށްފައވަނީ ތަފާތު ގޮތްގޮތަށެވެ.
(New American Standard Bible 1995) ބުނާގޮތުގައި އެއީ Roots އެވެ. (God's word 1995) ގައި އައިސްފައި ވަނީ އެއީ foots ކަމަށެވެ. އަނެއްބައި ތަރްޖަމާތަކުގައި އެއީ Bottoms އެވެ. މި ކަމާހެދި ހުޅަނގުގައި މުޖްތަމަޢުތަކުގައި އެމީހުންގެ މުޤައްދަސް ފޮތާމެދު ޝައްކު އުފައްދައި ފިލްމުތައް ވެސް ވަނީ ހަދައިފައެވެ. އެ ފަދަ ފިލްމުތަކުގެ ތެރޭގައި Wrote the Bible އާއި The Lost Gospels ވެއެވެ.
މި ތަޢާރުޟުގެ ސަބަބަކީ ކޮބާ؟
ޢިލްމީ ޙަޤީޤަތްތަކާ ތަޢާރުޟުވާ ކަންތައްތައް އަހްލު ކިތާބީންގެ ފޮތްތަކުން ފެނުމުގެ ސަބަބަކީ އެފޮތްތަކަކީ، މޫސާގެފާނާއި ޢީސާގެފާނު އަވަހާރަވިތާ އެތައްސައްތަ އަހަރެއް ފަހުން ބަޔަކު އެކުލަވައިލި ފޮތްތަކަކަށްވުމެވެ. އިސްވެ ބުނި ފަދައިން ، މާތްﷲ ބާވައިލެއްވި ތަވްރާތާއި އިންޖީލުގެ އަސަރު އެ ފޮތްތަކުން ފެންނަންހުރީ ވަރަށް ކުޑަކޮންނެވެ. މޫސާގެފާނަށް ނިސްބަތްކުރެވޭ [އަލްޢަހްދުލް ޤަދީމު] ގެ ފަސްފޮތުގެ ތަންތަންކޮޅާއި، ޢީސާގެފާނުގެ ސީރަތްކަމަށް ބެލެވޭ ހަތަރު އިންޖީލުން ތަންތަންކޮޅު މެނުވީ އެފޮތްތަކުގައެއްނެތެވެ. މީގެ އިތުރަށް، އަޞްލު ފޮތްތައް ތަރްޖަމާކުރުމުގައިވެސް ބޮޑެތި ކުށްތަކެއް ހެދިފައިވާކަން ފާހަގަކުރެވެއެވެ.
މޮރިސްބޮކައި ވިދާޅުވާގޮތުގައި، ޤުރްއާނަކީ ޖިބްރީލުގެފާނު މެދުވެރިކުރައްވައި މާތްﷲ ބާވައިލެއްވި ވަޙީއެވެ. އޭގެ އާޔަތެއް ނުވަތަ އާޔަތްތަކެއް ނުވަތަ ސޫރަތެއް ހަމަ ބާވައިލައްވާ އިރަށް ލިޔުއްވިއެވެ. އަދި އެކަލާގެފާނުގެ އަޞްޙާބުން ހިތްޕުޅުން ދަސްކުރެއްވިއެވެ. އަދި މުއުމިނުން ހިތުން އެދަސްކޮށް ކިޔަވަމުން ދިޔައެވެ. ޤުރްއާނުގެ ސޫރަތްތައް ތަރްތީބު ކުރެވިފައިވަނީ މުޙައްމަދުގެފާނުގެ އަމުރުފުޅަށެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމުން މިޤުރްއާން ފޮތެއްގެ ސިފައިގައި ޖަމާކުރެވިއްޖެއެވެ. މި ޒަމާނުގައި ފެންނަން މި އޮތްގޮތަށް ޤުރްއާން މުޞްޙަފެއްގެ ސިފައިގައި ލިޔުއްވީ ޢުޘްމާނުގެފާނެވެ. އެއީ މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަންތާ ސައުވީހަކަށް އަހަރުގެ ތެރޭގައެވެ.
މިއާޚިލާފަށް މަސީޙީންގެ މުޤައްދަސް ފޮތްތައް ބަރޯސާ ވެގެންވަނީ އެތައްއެތައް އިންސާނުންތަކެއްގެ ހެކިބަހުގެ މައްޗަށެވެ. މަސީޙީންގެ ގިނަބަޔަކު ދެކޭގޮތާ ޚިލާފަށް ޢިސާގެފާނުގެ ޙަޔާތްޕުޅު ދެކެފައިވާ އެއްވެސްމީހެއްގެ ހެކިބަހެއް އެބައިމީހުންނަށް ލިބިގެނެއް ނުވެއެވެ.
މޮރިސް ބޮކައި ވިދާޅުވާ ގޮތުގައި ސައެންސްގެ ކުރިއެރުންތަކުގެ ކުރިމަތީގައި ތަވްރާތާއި އިންޖީލުގެ ބައެއް ނައްޞުތަކަށް ފައިތިލަ ސާބިތުކޮށްލެވެން ނެތްކަން، މިއަދު ޤަބޫލުކުރަން ޖެހެއެވެ. ތަވްރާތާއި އިންޖީލުގެ މުފައްސިރުން، ސައެންޓިސްޓުންނަށް ހަތުރުވެރިވަނީ މިހެންވެގެންނެވެ. އޭނާ ވިދާޅުވާ ގޮތުގައި، އިލާހީ ރިސާލަތެއް ކަމަށް ބުނެވޭ އެއްވެސް ނައްޞެއް ޙަޤީޤަތާ ޚިލާފުވެދާނެ ކަމަށް ޤަބޫލެއް ނުކުރެވޭނެއެވެ. އެހެންކަމުން ތަވްރާތުގައި ހުރި ނައްޞުތަކުގެ ތެރެއިން ސައެންސުގެ ޙަޤީޤަތްތަކާ އަރާރުންވާ ނައްޞުތައް ޤަބޫލެއް ނުކުރެވޭނެއެވެ. މިއާ ޚިލާފަށް ޤުރްއާނުގެ ނައްޞުތައް މިޒަމާނުގެ ސައެންސްގެ ޙަޤީޤަތްތަކުގެ ކުރިމަތީގައި މުރާޖަޢާކުރަން ޖެހިފައިވާ ތަނެއް ނުފެނެއެވެ. ޤުރްއާނުގައި ޢިލްމީ އެތައް ނައްޞުތަކެއް އެބަހުއްޓެވެ. ޤުރްއާނުގެ އެއްވެސް ނައްޞެއް މިޒަމާނުގެ ޢިލްމީ ހޯދުންތަކާ އަރާރުންވެފައިވާ ތަނެއް ނުފެނެއެވެ.
ޢިލްމީ ޙަޤީޤަތްތަކޭ މިބުނާ ބުނުމުގެ މާނައަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި މިހާތަނަށް ކަށަވަރުވެ އެނގިފައިވާ ޙަޤީޤަތްތަކެވެ. މިހެންބުނުމުން ތިޔަރީތަކާއި ބަހަނާތައް އެއިން ބޭރުވެގެންދެއެވެ. މިސާލެއްގެ ގޮތުން، މޮރިސް ބޮކައި ވިދާޅުވާގޮތުގައި މި ބިމުގައި އިންސާނާ ފާޅުވި ތާރީޚަށް ބަލައިއިރު، މި ބިމުން ފެނިފައިވާ އިންސާނީ އާސާރުތަކަށް ބަލައި އިރު، ޢީސާގެފާނުގެ ދިހަހާސް އަހަރުކުރިން އިންސާނުން މިބިމުގައި އުޅެފައިވާކަން ކަށަވަރުވެއެވެ. އެހެންކަމުން ސިފްރުއްތަކްވީނުގައި އާދަމުގެފާނު ހައްދަވައިފައިވަނީ ޢީސާގެފާނުގެ 37 ސައްތަ އަހަރު ކުރިން ކަމަށް ބުނާބުނުން ޤަބޫލެއް ނުކުރެވޭނެއެވެ. ޢިބްރީ ތާރީޚު (1975ގައި) ބުނާގޮތުގައި އިންސާނާ މިބިމުގައި ފާޅުވީ 5736 އަހަރު ކުރިންނެވެ. އެހެންކަމުން ބުނެވޭނީ އިނސާނާގެ ވުޖޫދާ ބެހޭގޮތުން ތަވްރާތުގައިވާ މައުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ނޫނެވެ.
[1] - البقرة : 174
[2] - الأنعام : 91
[3] - آل عمران : 93
[4] - އޯލްޑް ޓެސްޓަމެންޓާއި ނިވް ޓެސްޓަމެންޓަކީ ކޮބައިކަން ފަހުން ބަޔާންކުރެވޭތޯ ބަލާނަމެވެ.
[5] - مختصرإظهار الحق ص : 23 ބަލާ!
[6] - مختصرإظهار الحق ص : 6 ން 10 ށް ބަލާ!
[7]- ލިޔެފައިވަނީ އިސްލާމްދީން އައުމުގެ ދެހާސް އަހަރު ކުރިންނެވެ.
[8]- سفر التكوين إصحاح 1ـ 19
[9]- ق: 38
[10]-الأعراف: الآية :54
[11]- الحج :47
[12]- المعارج : 4
[13]- އެކަމަކު ޢިލްމީ ގޮތުން ކަށަވަރުވާ ގޮތުގައި މި ކައުނުގެ އަލިކަމުގެ މަޞްދަރަކީ ތަރިތަކެވެ.
[14]- ސައެންސް ކަށަވަރުކޮށްދޭ ގޮތުގައި ރޭގަނޑާއި ދުވާލު މިވަނީ ބިމާއި ހަނދުގެ ދައުރު ކުރުމުގެ ސަބަބުންނެވެ. އިރާ ހަނދު ހެއްދެވުމުގެ ކުރިން ރޭގަނޑާއި ދުވާލެއް ނޯންނާނެއެވެ.
[15]- It is he who sits above the circle of the earth
[16] - އެއީ ޤުރްއާނުގެ ބަހުންނަމަ ޔޫނުސްގެފާނެވެ.