އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ އެއްވެސް މީހެއްގެބައި ތަޙްޤީޤް ނުކުރުމަށް އަންގާފައެއް ނުވާނެ: ޕީޖީ

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެބައި ތަޙްޤީޤް ނުކުރުމަށް ނުވަތަ އެއޮފީހަށް ބަލައި ނުގަތުމަށްވެސް އަންގާފައި ނުވާނެކަމަށް ފީޖީއޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިކަން ހާމަކުރައްވައިފައި ވަނީ"އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައިފި" ކަމަށް ބުނެ "ދިޔަރެސް" ގައި ލިޔެފައިވާ ޚަބަރު ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްވެސް އިރަކު، އެއްވެސް މީހަކަށް ވިއަސް އިދާރާއަކަށްވިޔަސް އަންގައި އިރުޝާދުދެއްވާފައެއް ވެސް ނުވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

"މިހާތަނަށް، އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ހުށަހެޅި އެއްވެސް މައްސަލައެއްގައި މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ނުކުރަން ނިންމާފައެއްވެސް ނުވެއެވެ. މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ އެންމެހައި ނިންމުންތަކާއި، މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ އިރުޝާދުތަކަކީ ލިޔުމުން ފެންނަންހުންނާނެ ކަންކަމެވެ. އެފަދަ ކަމެއް އޮތްނަމަ، އެކަމެއް އޮންނާނީ ލިޔުމުންނެވެ. ސޮއިކޮށްފައެވެ."  ނޫސް ބަޔާނުގައި އިތުރަށް ސާފުކޮށްދީފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތައް ތަރުތީބުވެފައިވާ ގޮތުން، ތަޙްޤީޤީ އިދާރާތަކަކީ ޤާނޫނުގައި ކަ ނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތަކާއެއްގޮތަށް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ތަޙްޤީޤްކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކެއްކަމަށް ޕީޖީގެ ނޫސްބަޔާނުގައި ފާހަގަ ކުރައްވައިފައި ވެއެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާމެދު ގޮތް ނިންމުމާއި، ތަޙްޤީޤް ނުކުރުމަށް ނިންމުންފަދަ ނިންމުންތަކަކީ ތަޙްޤީޤީ އިދާރާތަކުގެ ބާރުގެ ދާއިރާގެތެރޭގައި ހިމެނޭ ކަންކަން ކަމަށް ފާހަގަ ކުރައްވައި އެއީ ޕްރޮސިކިއުޓަރ ޖެނެރަލް ކުރައްވާ ކަމެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ.

ދިޔަރެސް އިން ޚަބަރު ލިޔުނުއިރު ޕީޖީ އޮފީހުގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި އަދި ބަހެއް ހޯދުމަށް މަސައްކަތްކޮށްފައިވެސް ނުވާކަމަށް ވަނީ  ފާހަގަ ކޮށްފައެވެ. އަދި އެމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ވެސް ޕީޖީ އޮފީހުގެ ނޫސް ބަޔާނުގައި ވެއެވެ.

"މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލާގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް" އޮތް ލިޔުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކައެއްކަމަށް ޕީޖީ އޮފީހުގެ ނޫސްބަޔާނުގައި ވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް މަޤާމުގެ ޙައިސިއްޔަތުން ނިންމަވާ ނިންމެވުންތަކަކީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާއި،  ދިވެހިރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން އޭގެ ހަޤީޤީ މާނައިގައި ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި ނިންމަވާ ނިންމެވުންތަކެއްކަމުގެ ކަށަވަރުކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށ ވެސް ނޫސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

"އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ ޤައުމީ މަސްލަޙަތު ހިމެނޭ ޖިނާއީ ބޮޑު މައްސަލައެއްކަމުން، މިމައްސަލާގައި ޢަދުލު އިންޞާފު ކަށަވަރުކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް އެއްވެސް އިސްތިސްނާއެއް ނެތި، ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." ޕީޖީ އޮފީހުގެ ނޫސް ބަޔާން ނިންމާލަމުން ވިދާޅުވެފައިވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.