ޝާފިޔާގެ އެދުރު އަށި: ދިގު ފުރަބަންދަކަށްފަހު ދަރިވަރުންގެ އުނގެނުމުގެ ޝައުޤު އިޢާދަކުރުން

މިއަދުގެ ލިޔުން މި ޚާއްޞަކޮށްލަނީ އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން، ދިގު ފުރަބަންދަކަށްފަހު އަލުން ސްކޫލަށް ދާއިރު މުދައްރިސުން ސަމާލުވާންޖެހޭ ދެތިން ކަމަކަށް އަލިއަޅުވާލުމަށެވެ. މި މައުޟޫޢަކީ ވަކިން ޚާއްޞަކޮށް ދަރިވަރުންގެ އުނގެނުމުގެ ޝައުޤު އިޢާދަކޮށްދިނުމަށް މުދައްރިސުން ތައްޔާރުވުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް ލިޔެވޭ ލިޔުންކޮޅެކެވެ. މި ފެށޭ ހަފުތާގެ އާދީއްތަ ދުވަހު ހުރިހާ ދަރިވަރުންގެ އެންމެ ބޮޑު އުންމީދަކަށް  ވާނީ އެ ކުދިން ސްކޫލަށް ގޮސް ރައްޓެހި ރަހުމަތްތެރި ކުދިންނާ ބައްދަލުވެ، މުދައްރިސުންގެ އޯގާތެރި ލޯތްބާއި ކުޅުނުވެރި މަރުޙަބާތައް އަޑު އިވުމެވެ. އާދެ، މި ދުވަހުގެ ފެށުން ވާންޖެހެނީ ދަރިވަރުންގެ ހިތްތަކަށް އުފާވެރި އިޙުސާސްތަކެއް ގެނުވާ މަޖާކަންތައްތަކެއް ހިމެނޭ ވަގުތުކޮޅަކަށެވެ. އާދޭހެވެ! އެތައް ދުވަހެއް ވަންދެން އެ ކުދިންގެ ހިތްތަކުގައި އުފެދިފައިވާ ގިނަގުނަ އިޙުސާސްތައް ހިއްސާކޮށްލަން ފުރުސަތުތަކެއް ފަހިކޮށްދެވޭ ދުވަހަކަށެވެ.

ފުރަބަންދުގެ ތެރޭގައި ދުވަސްތަކާއި މަސްތައް ފާއިތުވެފައިވާއިރު، އުނގެނުމުގެ ވައްޓަފާޅިއާއި، އުނގެނުމުގެ އިހުސާސްތަކާއި، އުނގެނުމަށް ކުރަންޖެހޭ ތަފާތު ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެ ދަރިވަރުން ތަފާތު ތަޖުރިބާތައް ކޮށްފައެވެ. ބައެއް ތަޖުރިބާތަކުގެ ސަބަބުން އުނގެނުން ދެކެ ފޫހިވެފައި ތިބި ކުދިން ވެސް ތިބެދާނެ ކަމަށް ބަލަން ޖެހޭނެއެވެ. ހަމައެހެންމެ ބައެއް ތަޖުރިބާތަކުގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބަދަލު އައިސްފައިވާ ދަރިވަރުން ތިބެދާނެ ކަމަށް ސަމާލުވާން ޖެހޭނެއެވެ.  ދިރިއުޅުމުގައި ދަތި ހާލަތުތައް ތަހައްމަލު ކޮށްފައިވާ ދަރިވަރުން ވެސް ތިބޭނެ ކަމަށް ވިސްނަން ޖެހޭނެއެވެ. މައިންފައިންނާއި ގޭތެރޭގެ މާހައުލަކީ އެހާ އަމާންތަނަކަށް ނުވާ ހާލަތްތަކުގައި ތިބި ކުދިން ވެސް ތިބެދާނެކަން އިތުރަށް ސަމާލުވާން ޖެހޭނެއެވެ. މިއިން ކޮންމެ ހާލަތެއްގައި ތިބި ދަރިވަރުންނަށް ވެސް ސްކޫލު ފެށޭ ދުވަހަކީ އުއްމީދުތަކުން ފުރިގެންވާ ވަގުތުތަކެކެވެ.

އުނގެނުމަކީ ދަރިވަރުންގެ ޖަޒުބާތުތަކާއި އިހުސާސްތަކާއި ގުޅިލާމެހިފައިވާ ކަމެކެވެ. އުނގެނުމުގެ ޝައުޤަކީ ދަރިވަރުންގެ ގަޔާވުންތަކާ އެކު ޖަޒުބާތުތަކެއް އެކުލެވިގެން އުފެދޭ ކަމެކެވެ. މިކަމަށް ޓަކައި މުދައްރިސުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ދަރިވަރުންގެ ހިތްތައް އުނގެނުމަށް ހުޅުވާލުމުގައި ލޯތްބާއި، ކުޅުނާއި، ގާތްކަމާއި، އޯގާވެރިކަމާއި، އަޅާލުމާއި މިފަދަ ގިނަ ގުނަ އިހުސާސްތައް ކުރެވޭފަދަ މާހައުލެއް ސްކޫލުގެ ތެރޭގައި އުފެއްދުމެވެ. ޖޯ ރުލް (2015) އޭނާގެ ޓެޑްޓޯލކްގައި އިޝާރާތްކުރައްވާ ގޮތުން އެފަދަ އުނގެނުމުގެ މާހައުލެއް ފަހިކޮށްދިނުމަށް ޓަކައި މުދައްރިސުންގެ ކިބައިގައި ދެ ބާވަތެއް ލޯބި އެކުލެވެންޖެހެއެވެ. އެއްކަމަކީ ކިޔަވައިދިނުމަށާއި ކިޔަވައިދޭ މާއްދާއަށް އޮންނަ ލޯތްބެވެ. ދެވަނަ ކަމަކީ ކިޔަވައިދޭ ދަރިވަރުންނަށް އޮންނަ ލޯތްބެވެ. މީގެ ތެރެއިން ޚާއްޞަކޮށް ދެވަނަ ބާވަތުގެ ލޯތްބަކީ ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށާއި އުންގަންނައިދިނުމަށް ޓަކައި ކޮންމެ ހެން ލާޒިމު ވައްތަރެއްގެ ލޯތްބެކެވެ. މި ލޯތްބަކީ ސީދާސީދާ ޖަޒުބާތީ ލޯތްބެއް ނޫނެވެ. މިއީ އަމިއްލަ ޢާއިލާއާއި ދަރިންނާއި، ފިރިންނާއި، ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި ރަހުމަތްތެރިންނަށް އޮންނަ ލޯތްބާއި ވަރަށް ތަފާތު ލޯތްބެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއަށް ވުރެ މާ ޚާއްޞަ ލޯތްބެކެވެ. ޖޯ ރުލް (2015) މި ލޯބި ސިފަކުރައްވާފައިވާ ގޮތުގައި އެއީ މުހިންމު ތިން ކަމެއް އެކުލެވޭ ޚާއްޞަ ލޯތްބެކެވެ. އެންމެ ފުރަމަތަ އެއީ ވަރަށް ނިޔަތް ޚާލިޞް (ޖެނުއިން) ލޯތްކެކެވެ. ދެވަނަ ކަމަކީ ޑިޒިޝަނަލް (ވަކިގޮތްތަކެއް ނިންމާ، ވަކި ކަންތައްތަކެއް ހާސިލުކުރުމަށް) ވެވޭ ލޯތްބެކެވެ. ތިންވަނަ ކަމަކީ ސެކްރިފިޝަލް (ގުރުބާންވެ، އަނެކާގެ މަޞްލަހަތަށް ބަލާ) ބާވަތެއްގެ ލޯތްބެކެވެ. މި ތިން ބާވަތުގެ ތެރެއިން ވެސް މުދައްރިސުންގެ ހިތުގައި ދަރިވަރުންނަށް އޮންނަ ލޯބީގެ އެންމެ ޚާއްޞަކަމަކީ، މުދައްރިސުގެ އަމިއްލަ ހުރިހާ ކަމަށްވުރެ، ދަރިވަރުންގެ މަޞްލަހަތު އިސްކޮށް އެކުދިންގެ އުނގެނުން ކުރިއެރުވުމަށް ވެވޭ ސެކްރިފިޝަލް ލޯތްބެވެ (ރޫލް، 2015). ޖޯ ރޫލްގެ ވާހަކަކޮޅު ޓެޑްޓޯލކުން ބައްލަވާލެއްވުމަށް ދެވިފައިވާ ލިންކަށް ފިއްތަވާލައްވާށެވެ.

އުނގެނުމުގެ މާހައުލެއްގައި މުދައްރިސުންނާ ދަރިވަރުންނާ އޮންނަ ގާތް ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވާ މަޝްހޫރު އެއް ބޭފުޅަކީ ރީޓާ ޕިއާރސަން އެވެ. އޭނާ ފާހަގަ ކުރައްވާ ގޮތުގައި ދަރިވަރުންނާ އެކު ގާތް ގުޅުމެއް ނެތި އުނގަންނައިދޭން އުދަނގުވާނެއެވެ. އަދި ހަމައެހެންމެ ކިޔަވައިދޭ މުދައްރިސާ ދަރިވަރުން ގަޔާނުވާ ނަމަ އެ ކުދިންގެ އުނގެނުމަށް ވެސް ބުރޫ އަރާނެއެވެ. ޚާއްޞަކޮށް ޕިއަރސަން އިޝާރާތްކުރައްވާ ގޮތުގައި ގަޔާވުމެއް ނެތި ގުޅުމެއް ވެސް ނުއުފެދޭނެއެވެ. ހަމައެހެންމެ ގުޅުމެއް ނެތި އުނގެނެން ވެސް ދަތިވާނެއެވެ (ޕިއަރސަން، 2015). މިދެންނެވުނު ވާހަކަ ކޮޅުގެ މާނައަކީ އުގެނުމުގެ މާހައުލެއްގައި އެންމެ ބޮޑަށް އަސަރު ކުރާ އެއް ކަމަކީ ދަރިވަރުން އުނގެނުމުގައި ބައިވެރިވުމާއި އެ މީހުންގެ ޝައުޤުވެރިކަމާއި ގަޔާވުން ފަދަ ކަންކަމެވެ. މިއިން އެއްވެސް ކަމެއް ހިނގާނީ ދަރިވަރު މުދައްރިސާ ވެސް ގަޔާވެ ސީދާސީދާކޮށް ގާތްގުޅުމެއް ގާއިމުވެގެންނެވެ.

ދަރިވަރުންގެ ޝައުޤު، އުނގެނުމަށް އަލުން އިޢާދަކުރުމަށް ޓަކައި ތިރީގައި ބަޔާންކޮށްލެވިފައިވާ ދެ ކަމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެވިދާނެއެވެ. އެއީ:

(1) ގާތުން، ދަރިވަރުން ދެނެގަތުން: މި ކަމަކީ ޚާއްޞަކޮށް ދަރިވަރުންގެ ޢާއިލީ ފަތްފުއްތަކާއި، ހާލަތު ދެނެގަތުމެވެ. މިކަން ކުރުމަށް ޓަކައި:

* ވަކިވަކިދަރިވަރުންނާ ވާހަކަދައްކައި، ގާތްކަން އުފެއްދުމަށް ދުވަހުގެ ވަގުތުކޮޅެއް ރޭވިފައި އޮތުން.

* ދަރިވަރުންގެ ހުންނަ ޚާއްޞަ ހުނަރުތަކާއި، ކުޅެދުންތަކާއި، ނުކުޅެދުންތައް، ފަދަ ކަންކަން ދެނެގަތުން

* ބެލެނިވެރިންނާ އެކު ގާތް ގުޅުމެއް ގާއިމު ކުރުން.

(2) އުނގެނޭ މާހައުލަކީ ސީދާ ދަރިވަރަށް އަމާޒުކޮށްގެން ކަންކަން ރޭވޭ ތަނަކަށް ހެދުން، މިކަން ކުރުމަށް ޓަކައި:

* ވީ ވަރަކުން ދަރިވަރުން އުނގެނެން ބޭނުންވާ ގޮތްތަކުގެ ތަފާތު އިޚްތިޔާރީ ކަންތައްތަކާއި އެކުދިންގެ ސީދާ ދިރިއުޅުމާއި ގުޅޭ ކަންކަން ގިނަކުރުން.

* ދަރިވަރުންނާ އެކު ގާތް ގުޅުމެއް ގާއިމު ކުރުން.

މަތީގައި ބަޔާންވެދިޔަ ކޮންމެ ކަމަކީ ވެސް އެއިން އެދެވޭ އަސަރުތަކެއް ދަރިވަރުންގެ އުނގެނުމުގެ ޝައުޤަށް ކުރާނެ ކަންކަމެވެ. އުނގެނުމަކީ ދަރިވަރުންގެ ޝައުޤާއި ގާޔާވުމާއި އެކުއެކީގައި ހިނގާ ކަމެކެވެ. އެހެންކަމުން، ފުރަބަންދަށްފަހު ސްކޫލުތައް ހުޅުވޭއިރު، ދަރިވަރުންގެ ހިތްތަކުގައި އުނގެނުމުގެ ޝައުޤުވެރިންކަން އާލާކޮށް އިތުރުކުރުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ގިނަދުވަސްތަކެއް ވަންދެން ދަރިވަރުން ތިބީ، އުނގެނުމުގެ އާންމު ހާލަތާ ދުރުގައެވެ. އުނގެނުމުގެ ދުވަހީ ރޫޓީންސް/އާދަތަކުން ދަރިވަރުން ތިބީ މަހުރޫމުވެފައެވެ.  ޓެލެ-ކިލާސްތަކާއި އޮންލައިން ކިލާސްތައް ރޭވުނު ނަމަވެސް އޭގައި އެކުލެވޭ ތަފާތު ގޮންޖެހުންތަކާ އެކު އެންމެ އެދެވޭ ގޮތަކަށް ދަރިވަރުންގެ އުނގެނުމުގެ ކަންކަން ނުރޭވޭ ކަން އެންމެން ގަބޫލުކުރެއެވެ. ގޮންޖެހުންތަކާއެކު ވެސް ސްކޫލުތަކުން ނުހަނު ގިނަ ކަންތައްތައް ކުރިއެވެ. ނަމަވެސް ދަރިވަރުންގެ އުނގެނުން ޢާއްމު ސްކޫލު މާހުއުލާ އެކު ގެންދާ ފަދައިން ގެންދެވެން ނޯންނާނެކަމީ އިންކާރު ކުރެވެން ނެތް ހަޤީޤަތެކެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ގައުމެއްގައި އިންޓަރނެޓްގެ ކަންކަން އެހޭ ފަސޭހައިން ހުރިހާ ކުދިންނަށް ލިބެން ނެތް އިރު، އޮންލައިން ކިލާސް ކިތަންމެ ބޮޑަކަށް ރޭވި ނަމަވެސް އެކަން ކުރަންޖެހޭ އެންމެ އެކަށޭނަ ގޮތަށް ކުރުމުގައި ގިނަގުނަ ދަތިތައް ހުރިކަން ވެސް މިއީ އެންމެން ހެން އެއްބަސް ވާ ހަގީގަތެކެވެ. އަދި ހަމަމިފަދައިން ޓެލެކިލާސްތައް ފަދަ ކަންކަން ރޭވުނު ނަމަވެސް އެއީ ދަރިވަރު ޓީވީއެއްގެ ކުރިމަތީގައި އިނދެ ބަލަންޖެހޭ ނުވަތަ އަޑު އަހަންޖެހޭ އެއްޗަކަށް ވުމުން އެއީ މުޅިއަކުން ސްކޫލުގެ މާހައުލުގައި ދަރިވަރުން އުނގެނޭ މިންވަރާއި އެއް މިނަކުން އެއްވެސް ހާލެއްގައި މިންކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ ބައެއް ހާލަތްތަކުގައި މައިންބަފައިން ދަރިންނަށް މަޖުބޫރު ކޮށްގެން ނަމަވެސް ޓީވީ ކުރިމަތީގައި ބައިތިއްބަފާނެއެވެ. ނަމަވެސް ހަޤީޤީ އުނގެނުން ހިނގިކަން، އުނުގެނުމުގެ ތަޖުރިބާތައް ދިޔައީ ކިހިނެއްކަން، އުނގެނުމުން ހާސިލުވީ ކިހާ މިންވަރަކަށް ކަން އަންދާޒާ ކުރުން ދައްޗެވެ. މިއަށް ވުރެ ވެސް ބޮޑަށް ވިސްނާލުން މުހިންމު ނުކުތާއަކީ އެފަދަ ގޮތަކަށް އުނގެނެން ޖެހުމުން ދަރިވަރުން އުނގެނުމަށް އޮތް ޝައުޤާއި ގަޔާވުމަށް ބަދަލު އައިތޯ ނުވަތަ ނޫންތޯ، ނުވަތަ އެ ކުދިންގެ އިހުސާސްތަކަކީ ކޮބައިތޯ، މިފަދަ އެއްވެސް ކަމެއްގައި މާބޮޑަކަށް އަޅުގަނޑުމެންނަށް ހެއްކާ އެކު ގޮތްތަކެއް ނިންމޭކަން ނެތެވެ. މުޅި ދުވަހުގެ ބޮޑުބައިގައި ގޭމާއި، ޓީވީއާ އެކު ގިނަ ވަގުތު ހޭދަވެގެން ދިޔަކަން އެއީވެސް ވަރަށް ގިނަ ބެލެނިވެރިން އިޢުތިރާފު ވާ ކަންކަމެވެ. މިފަދަ ބޮޑު ކަންތައްތަކަކަށްފަހު، އެކަމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް އަސަރު ކޮށްފައިވަނީ ކިހާ މިންވަރަކަށްތޯ ޔަގީންކަމާ އެކު އަދި ބެލިފައެއް ވެސް ނެތެވެ. މި ބަޔާންވެ ދިޔައީ ފުރަބަންދުގެ ހާލަތުގައި އަޅުގަނޑުމެން ދަރިވަރުންގެ އުންގެނުން ކުރިޔަށް ގެންދިޔަ ގޮތާމެދު ވިސްނާލުމުން ފާހަގަ ވާން ހުރި ކަންކަމެވެ.

ދަރިވަރުންގެ އުނގެނުމުގެ ޝައުޤާއި އަދި އެޝައުޤު ދެމެހެއްޓެނިވި ގޮތަކަށް އަލުން އިޢާދަ ކުރުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މިފަދަ ހާލަތަކަށްފަހު ސްކޫލުތައް ހުޅުވާއިރު ވިސްނާލުން މުހިންމެވެ.  ކެލާރ (1987، 1983) ދެ ކަރުދާހެއްގައި އިޝާރާތް ކުރައްވާ ގޮތުގައި ދަރިވަރުންގެ ޝައުޤު ދެމެހެއްޓުމަށްޓަކައި 4 ކަމެއް މުދައްރިސުންނަށް ރިޢާޔަތް ކުރެވިދާނެއެވެ. އެއީ:

(1) ސަމާލުކަންހޯދުން: މި ކަމަކީ ދަރިވަރުންގެ ކުލާހުގައި، ސްކޫލުގެ ގޯތިތެރޭގައި، އުނގެނުމުގެ ހަރަކާތްތައް ފުރިހަމަކުރަމުން ދާއިރު އަދި ޢާއްމުކޮށް ހަވާލުކުރާ ކޮންމެ ކަމެއްގައި ވެސް މުދައްރިސުން ކުރަންޖެހޭ ކަމެކެވެ. ކަމެއް ކުރުމަށް ދަރިވަރުންނަށް އެހީތެރިވެދިނުމަށް ޓަކައި ވެސް މުދައްރިސުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، އެ ކުރާ ކަމެއް ކުރުމުގައި ދެމި ތިބުމަށް ދަރިވަރުންގެ ސަމާލުކަން ހޯދުމެވެ. އެހެން ނޫނީ ދާދި އަވަހަށް، ދަރިވަރުން، އެ ކުރަން އުޅުނު ކަމެއް ނުވެގެން ނުވަތަ އުދަނގޫ ކަމުން ފޫހިވެ ހުއްޓާލުން ގާތެވެ.

(2) ރެލެވަންސް (ބޭނުންހާމަކޮށްދިނުން): ވަކި އެއްޗެއް ކިޔަވައިދެނީ، ވަކި ކަމެއް ކުރަން ހަވާލުކުރަނީ، ވަކީ ބާވަތެއްގެ ކަމެއް ކުރަން ބުނަނީ ކީއްވެގެންކަން، ކޮން ބޭނުމެއްގައިކަން، ދަރިވަރަށް އެއިން ވާނީ ކޮންފައިދާއެއްކަން، ދަރިވަރުގެ ދިރިއުޅުމާއި އެކަން ގުޅިގެންދަނީ ކިހިނެއްކަން ސީދާ ދަރިވަރަށް ހާމަކޮށްދޭން ޖެހެއެވެ. މީގެ ސަބަބުން އެ ކުރަން އުޅޭ ކަމެއްގައި ދެމިހުރެ އަދި އެކަން ކުރުމުގެ ރޫހު އިތުރުވާނެއެވެ.

(3) ޔަގީންކަން ހޯދާދިނުން: މިކަމަކީ ދަރިވަރުންގެ އުނގެނުން ކުރިޔަށް ގެންދިޔުމުގައި ނުހަނު ބޭނުންތެރިކަމެކެވެ. ކުރަން ހަމަޖައްސާ ކަމެއް ކުރެވޭނެކަމުގެ ޔަގީންކަން ދަރިވަރަށް ހޯދައިދިނުމަކީ އެ ކަމެއް ފުރިހަމަ ކުރުމަށް ލިބޭނެ ހިތްވަރެކެވެ. މިގޮތުން ހިތްވަރު ދިނުމުގައި ކުރެވޭނެކަން، ވާނެކަން، މި އިހުސާސް ދަރިވަރުންނަށް ހޯދައި ދިނުމަކީ އުނގެނުން ރޭވޭ ގޮތްތަކުގެ ތެރޭގައި ހިމަނައިލެވިދާނެ ކަންކަމެވެ. ދަރިވަރުން ކުރާ މަސައްކަތްތަކަށް ފީޑްބެކް ދީ ހަދާއިރު ވެސް ކަމެއް ކުރަންވާ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ދަތިވާ ދަރިވަރުންނަށް ވެސް ހިތްވަރުދީގެން އޭނާއަށް އެކަން ވާނެ ކަމުގެ އިހުސާސް ކޮށްދެވިދާނެއެވެ.

(4) ސެޓިސްފެކްޝަން (ކާމިޔާބުވި ކަމުގެ އިހުސާސް): މިއީ ދަރިވަރުންގެ އުނގެނުން ރޭވުމުގެ ތެރެއިން ހަވާލު ކުރެވޭ ތަފާތު މަސައްކަތްތައް ނިންމާލެވުނުކަމުގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސްކޮށްދިނުމެވެ. ކަންކަމުގައި ބޭނުންވާ ކާމިޔާބީއާ ހަމައަށް ދެވިއްޖެކަމުގެ އިހުސާސާއި ހިތްހަމަޖެހުން ހޯދައިދިނުމަށް އެހީތެރިވެދިނުމެވެ.

އިސްވެދިޔަ ވާހަކަކޮޅުގައި އިޝާރާތް މިކޮށްލެވުނީ ދަރިވަރުންގެ ޝައުޤު އުނގެނުން އިތުރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ދެތިން ކަމަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން މުދައްރިސުންގެ ހިތުގައި ދަރިވަރުންނަށް ދެވިފައިވާ ޖާގައާއި ލޯބީގެ ވައްތަރުތަކާ ބެހޭގޮތުން ގޮތުންވެސް ކޮންމެވެސް ވަރަށް އަލި އަޅުވާލެވިއްޖެއެވެ.  ހަމައެހެންމެ ދަރިވަރުންގެ އުގެނުމުގެ ކަންކަން ގާތުންބަލައި، ބެލެނިވެރިންނާ އެކު ގާތް ގުޅުމެއް ގާއިމުކޮށް އެ މީހުންގެ ބައިވެރިވުން ހޯދަމުން އުނގެނުމުގެ ކަންކަން ރޭވުމަކީ ވެސް މުދައްރިސުންނަށް ޚާއްޞަކޮށް ސަމާލުކަން ދެވިދާނެ ކަމެކެވެ.

ފުރަބަންދަށްފަހު ސްކޫލުތައް ހުޅުވުމުން، ދަރިވަރުންގެ ކިޔެވުމުގެ ރޫހު އަލުން އާ ފެށުމަކުން ބިނާކުރަން ޖެހިދާނެ ވަރަށް ގިނަ ހާލަތު ހުރެދާނެއެވެ. ދަތި ހާލަތެއްގައި، ނުވަތަ އަރައިގަންނަން އުދަގު ތަޖުރިބާތަކެއް ކުރެވިފައިވާ ދަރިވަރުންނަށް ވެސް އެންމެ ބޮޑަށް ބޭނުންޖެހޭނީ އިސްވެ ބަޔާންވި ހަތަރު ކަމަށް ރިޢާޔަތްކޮށްގެން އުނގެނުމުގެ މާހައުލާއި ކަންކަން ރޭވުމެވެ. އަޅުގަނޑުގެ އުއްމީދަކީ ކޮންމެ މުދައްރިސެއްގެ ހިތުގައި،  ޚާލިސް  ނިޔަތަކާ އެކު، އިޚުލާޞްތެރި ފުން ލޯތްބެއް ދަރިވަރުންނަށް ޓަކައި ޚާއްޞަވެފައިއޮތުމެވެ. ލޯތްބާއި ކުޅުނު ދަރިވަރުންނަށް އިހުސާސްކޮށްދެވޭނަމަ، ދަރިވަރުންގެ ކިބައިގައި އުނގެނުމުގެ ޝައުޤުވެރިކަން އިތުރުވެ އުނގެނުމުގައި ކާމިޔާބު ހޯދުމަށް ހިތްވަރުލިބޭނެއެވެ. އެހެނީ، މުދައްރިސުންގެ ލޯތްބާއި އަޅާލުމަކީ ދަރިވަރުންގެ އުގެނނުމުގެ ތަޅުދަނޑިއެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.