ޝާފިޔާގެ އެދުރު އަށި: ދަރިވަރުންގެ އުނގެނުމުގައި ބެލެނިވެރިންގެ ބައިވެރިވުން ހިމަނާނީ ކިހިނެއް؟

މިއަދު ލިޔެލަން ގަސްދުކޮށްފައި މިވާ މައުޟޫޢަކީ ދަރިވަރުންގެ އުނގެނުމުގައި މުހިންމު ރޯލެއް އަދާކުރާ ބެލެނިވެރިންގެ ހިއްސާ އުނގެނުމާއި އުންގަންނާދިނުމުގައި ހިމަނާނެ ގޮތާ ބެހޭގޮތުންނެވެ. ތަޢުލީމީ ނިޒާމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން ދިރާސާތަކާއި ޢިލުމީ އެކި ލިޔުންތަކުގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާ ބަހުސުކުރެވެއެވެ. ބެލެނިވެރިންނަކީ ދަރިވަރުންގެ ތަޢުލީމީ ހަޔާތުގައި އެންމެ ތުއްތު އިރުއްސުރެ މަދަރުސީ ހަޔާތް ނިމި އަދި ޔުނިވަރސިޓީ ތަޢުލީމުގެ ދުވަސްވަރު ވެސް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ނަމަވެސް އެކި މަރުހަލާގައި ދަރިވަރުންނަށް ބެލެނިވެރިންގެ ހިއްސާ ބޭނުންވާ މިންވަރު ތަފާތު ވާނެއެވެ. އެންމެ ތުއްތު އިރު ދަރިންގެ މުޅި ތަރުބިއްޔަތުގެ އަސާސީ ދައުރެއް އަދާކުރަނީ މުދައްރިސުންނަށް ވުރެ ވެސް ބޮޑަށް ބެލެނިވެރިންނެވެ. ހަގީގަތުގައި އުނގެނުމުގެ ބިންގާ އެޅި އެބިންގާ ކުރިޔަށް ދަނީ އެންމެ ރަގަޅަށްތޯ އެންމެ ގާތުން ބަލާ މޮނިޓަރކޮށް ބަލަހައްޓާ ފަރާތަކީ ވެސް ބެލެނިވެރިންނެވެ (ކެމްބެލް، 1995؛ ރަސިންކީ އަދި ފްރެޑްރިކް، 1998؛ ޒެންގ އަދި ކެރެސްކުއިލޯ، 1995).

ބެލެނިވެރިންގެ ބައިވެރިވުން ނުވަތަ ހިއްސާ މާނަކުރެވެނީ ސްކޫލުން ދަރިވަރުންނާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރާގޮތް ބެލުމާއި، މުދައްރިސާއެކު މުވާޞަލާތުކޮށް ދަރިވަރުގެ ކިޔެވުމާއި ގުޅޭ ގޮތުން ވާހަކަދެއްކުމާއި، ގޭތެރޭގައި ދަރިވަރުގެ ކިޔެވުމުގައި ގެންގުޅޭ ގޮތްތަކާއި އުޅޭ ގޮތާއި، މުދައްރިސަށް ބޭނުންވާ އަދި ބޭނުންވެދާނެ އުނގަންނާދިނުމުގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނެވެ (ކނައިސްލީ، 2011). މީގެ އިތުރުން، ޚާޖެޕޯރ އަދ ޣަޒްވިނި (2011) ފާހަގަކުރައްވަނީ ސްކޫލުގެ ކަންކަމުގައި ދަރުމައަށް މަސައްކަތްކުރުމާއި، ދަރިވަރުންގެ އުނގެނުމުގެ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، ގަވާއިދުން ސްކޫލުގައި އޮންނަ ބައްދަލުވުންތަކަށް ހާޟިރުވުމާއި، މުދައްރިސުންނާއެކު ގާތްކަން ބޭއްވުން ފަދަކަންކަމަކީ ދަރިވަރުންގެ އުނގެނުމުގައި ބެލެނިވެރިންނަށް އަދާކުރެވިދާނެ މުހިންމު ރޯލުތަކެވެ. މި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން ކޮންމެ ކަމަކީވެސް އެކަމެއް ވަގުތުގައި ބޭނުންޖެހޭ ހިނދު ދަރިވަރުންގެ އުނގެނުން ރަގަޅަށް ތަރުތީބުކޮށް ރާވައި ކުރިއަށް ގެންދިޔުމަށް ޓަކައި ބެލެނިވެރިންގެ މުހިންމު ހިއްސާއެކެވެ. އާރޑްނާރ އަދި ނިއޮޕެލް (2018) ހާމަކުރައްވާގޮތުގައި ބެލެނިވެރިންގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހާލަތާއި ފެންވަރު އަދި އެމީހުންގެ ތަޢުލީމީ ހުނަރުތަކާއި ގާބިލިއްޔަތުތައް ދަރިންގެ ތަޢުލީމީ ހަޔާތުގައި ފުރިހަމައަށް ބައިވެރިވުމުގައި ބޮޑު ދައުރެއް އަދާކުރެއެވެ. މިގޮތުން ތަޢުލީމީ އަދި ހުނަރުވެރި ބެލެނިވެރިންގެ ހެޔޮ އަސަރު އެމީހުންގެ ދަރިންގެ އުނގެނުމަށް ކުރުވާކަމަށް ތަފާތު ދިރާސީ ހެކިތަކާއި އެކު ޚާޖެޕޯރ އަދ ޣަޒްވިނި (2011) ގެ ތުރުކީގައި ހަދާފައިވާ ދިރާސާއެއްގައި ވެސް ހާމަކޮށްފައިވެއެވެ. ޚާއްޞަކޮށް އިސްވެ ބަޔާންކުރި ހުރިހާ ޢިލުމުވެރިން ވެސް އެއްބަސް ވެލައްވާގޮތުގައި ދަރިވަރުންގެ ތަޢުލީމީ ހަޔާތުގައި ބެލެނިވެރިންގެ އަޅާލުމާއި، ބައިވެރިވުމާއި، ދަރިވަރުންގެ އުނގެނުން ގާތުން ބަލަހައްޓައި މޮނިޓަރކުރާނަމަ އެކުދިންގެ އުނގެނުމުގެ ނަތީޖާ ރަގަޅުވެ ތަޢުލީމީ ކާމިޔާބީތައް އިތުރުވެއެވެ. މިފަދަ ލިޔުންތަކުން ހާމަކޮށްދެނީ ދަރިވަރުންގެ ތައުލީމީ ހަޔާތަށް ބެލެނިވެރިންގެ ހިއްސާގެ މުހިންމު ކަމެވެ. ނަމަވެސް ބެލެނިވެރިންގެ ހިއްސާ ހިމެނުމަށް ކަން ކުރަންވީ ގޮތާއި، ބެލެނިވެރިންގެ ފަރާތުން މުދައްރިސުން އުއްމީދުކުރާ ކަންކަމަކީ ކޮބައިކަމާއި، އަދި އެކަންކަން ފުރިހަމަ ކުރަންވީ ގޮތާއި ބެހޭގޮތުން ގިނަ ބެލެނިވެރިންނަށް އޮންނަނީ ސާފުކޮށް ނޭނގިކަމަށް ސްޕޭން، ކޮހލަރ، ސޮއެންކްސަން (2003) ހާމަކުރައްވައެވެ. މާނައަކީ ބައެއް ބެލެނިވެރިންނަށް ދަރިންގެ އުނގެނުމުގައި ބައިވެރިވާންވީ ގޮތާއި، ސްކޫލަށް އެހީތެރިކަން ފޯރުކޮށްދޭންވީ ގޮތާއި ބެހޭގޮތުން އިރުޝާދުދީ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވެސް ބޭނުންތެރިކަމެއް ކަމެވެ. ކުރުކޮށް ދަންނަވާނަމަ، ބެލެނިވެރިންގެ ބައިވެރިވުން ދަރިންގެ އުނގެނުމުގައި ދޭނީ ކިހިނެއްތޯ ބެލެނިވެރިންވެސް ތަމުރީނުކޮށް އަހުލުވެރިކުރުވަން ޖެހެއެވެ. މިކަމަކީ ޚާއްޞަކޮށް އަޅުގަނޑުމެން ފަދަ ކުދި ކުދި މުޖުތަމަޢުތަކުގައި މާބޮޑަށް ވެސް ސަމާލުކަންދޭން ޖެހޭ ކަމެއްގޮތުގައި ފާހަގަ ކުރެވެއެވެ. އެހެނީ ކޮންމެ ބެލެނިވެރިޔަކީ އެންމެ މައްޗަށް ތަޢުލީމު ހާޞިލުކޮށްފައިވާ ތަޢުލީމީ ނިޒާމުގެ ކަންކަމަށް އެންމެ ބޮޑަށް ހޭލުންތެރި މީހުންނަށް ނުވުމެވެ. ނަމަވެސް މަދަރުސީ ނިޒާމުގެ ތެރޭގައި ބެލެނިވެރިން ވާނީ ކޮންމެ ލެވެލެއްގެ ބެލެނިވެރިއެއް ނަމަވެސް އެއްދަރަޖައަކުން ބެލޭ ބަޔަކަށެވެ. އެންމެން ތިބީ މައްޗަށް ކިޔަވާފައިތޯ ނުވަތަ ނޫންތޯ ފަރަގުކުރާކަށް ނުޖެހެއެވެ. ހުރިހާ ބެލެނިވެރިންނަށް ވެސް އެއްހަމައަކުން އޭނާގެ ދަރިންގެ ކިޔެވުމުގައި ހިއްސާ ފޯރުކޮށްދޭން ޖެހޭ ގޮތުގެ އިރުޝާދު ދެވެން ޖެހޭނެއެވެ. މިއީ ސްކޫލު ނިޒާމުގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަމެކެވެ. މިތާގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ އަޅުގަނޑުމެންގެ މުދައްރިސުން ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރަން ޢަމަލީކޮށް ކުރައްވަނީ ކީއްތޯއެވެ؟ ނުވަތަ ސްކޫލުން ޢާއްމުކޮށް މިކަން ފަހި ކުރުމަށް ހަމަޖައްސަވަނީ ކޮން ކަމެއްތޯއެވެ؟ އިސްވެ ބަޔާންކުރެވުނު ހުރިހާ ޢިލުމުވެރިން ހާމަކުރައްވާގޮތުގައި ކޮންމެ ދަރަޖައެއް ނުވަތަ ފަންތިއެއްގެ ބެލެނިވެރިން ނަމަވެސް އެމީހުންގެ ބައިވެރިވުން ދަރިވަރުންގެ އުނގެނުމަށް ނުހަނު ބޭނުންތެރިއެވެ. އެހެންކަމަށްވާނަމަ އެކަމަށް މަގުފަހިކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ސްކޫލުގެ އިސްވެރިންނާއި މުދައްރިސުން ބައިވެރިވެގެން ބެލެނިވެރިންނާއެކު ހަމަޖައްސަން ޖެހެއެވެ. މިތާގައި މިހުށަހަޅާލާ ބައެއް ޚިޔާލުތަކަކީ ސްކޫލް-ޕަބްލިކް ރިލޭޝަންގެ ސްޕެޝަލިސްޓެއް ކަމަށްވާ ޖޭ ކޫޕަރ (2016) އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ވަރަށް ބޭނުންތެރި 6 ކަމެއްގެ ތެރެއިން އަލިއަޅުވާލެވިފައިވާ ޚިޔާލުތަކެކެވެ.

(1) ސްކޫލުގެ ފަރާތުން އޮންލައިން އިރުޝާދު ވީޑިއޯ ހެދުން

ދަރިވަރުންގެ އުނގެނުމުގެ މަސައްކަތްތަކުގައި ބެލެނިވެރިންގެ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތާއި ގުޅޭ ޢަމަލީ މިސާލުތަކާއި ވާހަކަތައް/ އެކި އެކި މަޢުލޫމާތު ހިމެނޭ އޮންލައިން ވީޑިއޯ ހަދާ ސްކޫލުގެ ވެބްސައިޓުގައި ހިމެނުމަކީ ވަރަށް ގިނަ ބެލެނިވެރިންނަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ހަމައެހެންމެ ދަރިވަރުންނަށް އުނގެނުމުގައި އެހީތެރިވެދޭނެ ގޮތްތަކާއި ބެހޭގޮތުން ބެލެނިވެރިން އަހުލުވެރި ކުރުވޭނެ ގޮތެކެވެ. ބައެއްފަހަރު ކޮންމެ ކަމަކާ ބެހޭގޮތުން ސުވާލުކުރުމަކީ އާންމުކޮށް ފަސޭހަކަމެއް ނޫނެވެ. މިފަދަ ކުދި ކުދި ވީޑިއޯތައް ހަދާފައި ހުރިހާ ބެލެނިވެރިންނަށް ވެސް ފަސޭހައިން ބަލާލެވޭ ގޮތަށް ބެހެއްޓުމަކީ ވަރަށް ފައިދާ ހުރި ގޮތަކަށްވާނެއެވެ.

(2) ބެލެނިވެރިންނަށް ޚާއްޞަ ބްލޮގެއް އަދި އޮންލައިން ކަލެއންޑަރ ސްކޫލުގެ ފަރާތުން ކުރިޔަށް ގެންދިޔުން

ގިނަ ފަހަރަށް ބެލެނިވެރިންނަކީ ވަރަށް އަވަދި ނެތި ދިރިއުޅުމުގެ މަސައްކަތުގައި އުޅޭ ބައެކެވެ. މިފަދަ އޮންލައިން މަންސައެއް ބެލެނިވެރިންނަށް ޚައްޞަކޮށް ހެދުމަކީ އެމީހުންގެ ބައިވެރިވުން ގެންދަން ޖެހޭ ގޮތާ ބެހޭގޮތުން މަޢުލޫމާތު މުއްސަނދި ކޮށް ދިރިއުޅުމުގެ އެހެނިހެން ކަންކަމާއެކު ދަރިންގެ އުނގެނުމުގެ މަސައްކަތް ރޭވުމަށް އެހީތެރިވެދޭނެ ގޮތެކެވެ. މިއީ ތަފާތު ކަންކަމުގައި ބައިވެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި، ޢިލުމީ ޚިޔާލުތަކާއި، ދުވަހީ އެކި އެކި ކަންކަމުގެ ސަމާލުވާންވީ ކަންތައްތަކާ ގުޅޭ ގޮތުން އިރުޝާދު ފަދަ ބައިތައް ހިމަނާލެވިދާނެ ގޮތެކެވެ. އޭގެ ސަބަބުން އަބަދުމެ ސުވާލުކޮށް އޮޅުންފިލުވަން ޖެހޭ ގިނަ ކަންތައްތައް ފަސޭހައިން ލިބޭނެ ތަނަކަށް އެމަންސަ ވެގެންދާނެއެވެ. މީގެ އިތުރުން މިފަދަ ބްލޮގެއްގައި، އެކި ބެލެނިވެރިންގެ ތަޖުރިބާ ތަކާއި، ސުވާލު ޖަވާބު، ކޮމެންޓްފަދަ ބައިތައް ހުރުމުންވެސް އެއީ ބެލެނިވެރިންނަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެއެވެ. ބްލޮގްގެ އިތުރުން އޮންލައިން ކަލެންޑަރގައި ދުވަހީ ހަރަކާތްތަކައި، ކުރިޔަށް ރޭވިފައިވާ ހުންނަގޮތާއި ހަރަކާތްތަކާއި ބެހޭ މަޢުލޫމާތު އިނގޭ ގޮތަށް ބެލެނިވެރިންނާއި ހިއްސާ ކުރެވިފައިވާނަމަ ސްކޫލުގެ ކަންކަމުގައި ބައިވެރިވުމަށް ވަގުތު ހުސްކޮށް  ސްކޫލާއެކު ބޭއްވޭ ބެލެނިވެރިންގެ ގުޅުން އިތުރުވާނެއެވެ. މީގެ އިތުރުން ސްކޫލުގައި ހިންގާ ކަންތައްތަކާއި، ހިންގޭ ހަރަކާތްތަކުގެ ޕްލޭންއާއި އެއްގޮތަށް ބެލެނިވެރިންގެ އާންމު ދިރިއުޅުމުގެ ކަންކަންވެސް ރޭވުމަށް އެހީތެރިވެދޭނެއެވެ.

(3) ސްކޫލުގެ ސޯޝަލް މީޑިއާ އަކީ ބެލެނިވެރިންނާއި ސްކޫލާއި ގުޅުން ބަދަހިކުރެވޭ ތަނަކަށް ހެދުން

މިހާރުވެސް ވަރަށް ގިނަ ސްކޫލުތަކުގައި އެސްކޫލެއްގެ ވެބްސައިޓް ނުވަތަ ފޭސްބްކް ޕޭޖް ހެދިފައި ހުރެއެވެ. މިފަދަ މަންސަތަކުން ބެލެނިވެރިންނަށް ސްކޫލުގައި ހިނގާ ކަންތައްތަކާއި، އަދި ބެލެނިވެރިން ބޭނުންވާ ސުވާލުތަކާއި ކޮމެންޓްސް ހުށަހެޅޭގޮތް ވެސް އޮންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މިހާރު ހެދިފައިވާ ސްކޫލުގެ ފޭސްބްކް ޕޭޖްތަކާއި އެހެނިހެން މަންސަތަކުގައި ބޭނުންވަނީ އަދި ވެސް ބެލެނިވެރިންގެ ބައިވެރިވުން ބޮޑަށް ހިމެނުމަށެވެ. މިހެން މިދެންނެވީ މިހާރު ފޭސްބްކް ޕޭޖްގައިވެސް ބޮޑަށް އޮންނަނީ ސީދާ ސްކޫލުން އެއަށް އަޕްލޯޑްކުރާ ނުވަތަ ހިމަނާ ބައިތަކެވެ. މީގެ އިތުރުން ބެލެނިވެރިންގެ ވަކި މަންސައެއް/ބްލޮގެއް ލިޔެވޭނަމަ ސްކޫލުގެ ސޯޝަލް މީޑިއާ އާއެކު އިތުރަށް ގުޅުން ހަރުދަނާވެގެންދާނެއެވެ.

(4) މުދައްރިސުން ގޭގެއަށް ޒިޔާރަތްކުރުން އަދި ސްކޫލުގައިވެސް ބެލެނިވެރިންގެ ބައްދަލުވުން ބޭއްވުން

މިހާރުވެސް ހުރިހާ ސްކޫލެއްގައިމެ ބެލެނިވެރިންގެ ބައްދަލުވުން އެކި ޓާރމްތަކުގައި ބޭއްވެއެވެ. ނަމަވެސް އެކަން ގެންދެވޭ ގޮތުން އެއިން ދަރިވަރުންގެ އުނގެނުމަށް އެންމެ އެކަށޭނަގޮތަށް ބެލެނިވެރިންނަށް އެހީތެރިވެދެވޭ ކަމެއް ކަށަވަރުކޮށް ދަންނަވަން ދައްޗެވެ. ބެލެނިވެރިންގެ ބައްދަލުވުން ގިނަފަހަރަށް ބޭއްވެނީ ދަރިވަރުންގެ ޔުނިޓްޓެސްޓްތަކާއި އިމުތިހާނުތަކުގެ ނަތީޖާތައް ކިޔާލައިދޭން ހެން ބައެއް ފަހަރު ހީވެއެވެ. އެއާޚިލާފަށް ހަގީގަތުގައި ބެލެނިވެރިންގެ ބައްދަލުވުން އަމާޒުކުރަންވީ ދަރިވަރުންގެ އާންމު އުނގެނުން ކުރިއެރުވުމަށެވެ. މިހެން މިދެންނެވީ ވަކި މާއްދާއެއްގެ މާކްސް މަޝްވަރާކުރަން ނުޖެހޭނެއެކޭ ނޫނެވެ. ނަމަވެސް ކޮންމެހެން އިމުތިހާނަކާއި، ނުވަތަ ޔުނިޓް ޓެސްޓްތަކެއް ހެދުމާ ގުޅިގެން ނޫނަސް ޢާންމުކޮށް ކަލެންޑަރ ކުރެވި ބެލެނިވެރިންގެ މީޓިންތައް ބޭއްވެން ޖެހެއެވެ. މީގެ އިތުރުން މުދައްރިސުން ޝެޑިއުލްކޮށްގެން ދަރިވަރުންގެ ގޭގެއަށް ޒިޔާރަތްކުރުންވެސް މުހިންމެވެ. ދަރިވަރުން ދިރިއުޅޭ ގޮތާއި، އާންމު ހާލަތްތައް ދެނެގަތުން މުހިންމެވެ. ދަރިވަރުންގެ ގޭގެ މާހައުލު ގާތުން ބަލާލުމުގެ ފުރުސަތު ލިބިދެނީ ހަމައެކަނި މިފަދަ ޒިޔާރަތްކުރުމުގެ ތެރެއިންނެވެ. މިއީ ހަމައެކަނި މައްސަލައެއް ދިމާވާ ދަރިވަރަށް ބޭނުންވާ ޒިޔާރަތެއް ނޫނެވެ. ކޮންމެ ދަރިވަރެއްގެ ގެއަށް ގޮސް ޢާއިލާގެ މެމްބަރުންނާއި ބައްދަލުކޮށްލުމަކީ މުހިންމު ކަމެކެވެ. ފަހަރުގައި މިކަން ތަންފީޒުކުރުމަށް އެހާ ފަސޭހަ ނުވެދާނެއެވެ. ނަމަވެސް ތަންފީޒުކުރަން އުނދަގޫ ކަންކަމަކީ އޭގައި ފަސޭހަކުރެވިދާނެ ގޮތްތައް ވިސްނާ ތަންޒީމުކުރެވި ތަރުތީބުކުރެވޭ ގޮތުން ހަމަޖެއްސިދާނެ ކަންކަމެވެ. މިސާލަކަށް ޓާރމަކު އެއްފަހަރު ކޮންމެ މުދައްރިސަކަށް ހުރިހާ ދަރިވަރުންގެ ގެއަށް ޒިޔާރަތް ނުކުރެވުނު ނަމަވެސް، ސްކޫލުގެ ހުރިހާ މުދައްރިސުންނަށް ޝެޑިއުލުކުރެވި/ދަރިވަރުންގެ ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ހަމަޖެއްސިދާނެއެވެ. އަދި އެ ޒިޔާރަތަށްފަހު ކޮންމެ ކުއްޖެއްގެ ދިރިއުޅުމުގެ ހާލަތާއި ޕްރޮފައިލްތައް އެއްކޮށް ހެދުމަކީ މުހިންމު ކަމެކެވެ. އަހަރަކު އެއްފަހަރު މިޕްރޮގްރާމު ހަމަޖެއްސިގެން ޝެޑިޔުލް ކުރެވި ކުރާނެ ކަންތައްތަކަކާއި ބެލެނިވެރިންނާ ދައްކާނެ ވާހަކަތަކުގެ ޕްލޭނެއްވެސް ހެދިދާނެއެވެ. މިފަދަ ކަންކަމަކީ ރަނގަޅަށް ރޭވިއްޖެނަމަ ދަރިވަރުންގެ އެކި ބޭނުންތަކާއި، ހާލަތްތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ބައްޓަންކޮށް ފަރުމާކުރުމަށް މުދައްރިސުންނަށް ނުހަނު ބޮޑަށް އެހިތެރިވެދޭނެ ކަމެކެވެ.

(5) ޢާއިލީ ބައްދަލުވުން

ޖޭ ކޫޕަރ ފާހަގަކޮށްފައިވާ ޢާއިލީ ބައްދަލުވުމަކީ އާންމުކޮށް ވަރަށް ގިނަ ގައުމުތަކުގައި ރޭގަނޑު ހަމަޖެއްސޭ ބައްދަލުވުން ތަކެކެވެ. މި ބައްދަލުވުންތަކަށް އެމީހުން އާންމުކޮށް ކިޔަނީވެސް 'ފެމިލީ ނައިޓްސް' މިހެންނެވެ. މިގޮތަށް ރޭވޭ ބައްދަލުވުންތަކުގައި ޢާއިލާގެ ހުރިހާ ބައިވެރިން ނުވަތަ ގިނަ ޢަދަދެއްގެ މެމްބަރުން ސްކޫލަށް ދެއެވެ. އަދި ދަރިންގެ މުދައްރިސުންނާއި ބައްދަލުކޮށް ވަރަށް އާންމު މާހައުލެއްގައި ވާހަކަ ދެކެވި، އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވެނީ ހުޅުވާލެވިފައިވާ މާހައުލެއްގައެވެ. މާބޮޑު ރަސްމީ ސިފައެއްގައެއް ނޫނެވެ. ވަރަށް ގިނަފަހަރަށް މިފަދަ ބައްދަލުވުމުގައި ކޮންމެސް ވަރެއްގެ ލުއިބުއިންތަކާއި އަނގަމީރުކުރުން ވެސް ހިމެނެއެވެ. މިގޮތުން މިފަދަ ބައްދަލުވުންތަކުގައި އެކި ގުރޭޑްތަކަށް 'ފެމެލީ ނައިޓްސް' ހަމަޖައްސަނީ ވަކިންނެވެ.

(6) ސްކޫލުގެ ދަރުމަވެރި މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން

މިއީ ރާއްޖޭގައިވެސް މިހާރު ވެސް ރޭވޭ ކަންކަމެވެ. ބެލެނިވެރިންނަށް ސްކޫލުގެ ތަފާތު ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ހުޅުވާލެވިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ސްކޫލުން ރާވާ ހިންގާ ހަރަކާތްތަކާއި މުޖުތަމަޢަށް ދޭ ތަފާތު ޚިދުމަތްތަކުގައި ބެލެނިވެރިން ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކުރެވެއެވެ.

އިސްވެ ހުށަހަޅާލެވުނު ކަންކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އާންމު ކަންކަމެވެ. ބަޔާންވެދިޔަ ބައެއް ކަންތައްތަކަކީ އަޅުގަނޑުމެންގެ މަދަރުސީ ނިޒާމުގެ ތެރޭގައި އަދި ނުކުރެވޭ ނަމަވެސް ކުރުމަށް މާބޮޑު ދަތިކަމެއް ހުރި ކަންކަމެއް ނޫނެވެ. ހަމައެކަނި ބޭނުންވަނީ މިފަދަ މަސައްކަތްތައް ކުރުމުގެ ރޫހަކާއެކު ސްކޫލުގެ ނިޒާމުގެ ތެރެއިން ޢަމަލީކޮށް މިކަންކަން ކުރުމަށް ހަމަޖެއްސުމެވެ. މިސާލަކަށް ސްކޫލް ބްލޮގް، ސްކޫލްގެ އޮންލައިން ކަލެންޑަރ، ޢާއިލީ ބައްދަލުވުން، އޮންލައިން ވީޑިއޯ ހެދުން ފަދަ ކަންކަމަކީ މާބޮޑު އުނދަގުލަކާއި ނުލައި ވެސް ހަމަޖެއްސިދާނެ ކަންކަމެވެ.

ކާމިޔާބު ސްކޫލުތަކަކީ އެތާގެ ދަރިވަރުންގެ ބެލެނިވެރިންގެ ބޮޑު ހިއްސާއަކާއި ޒިންމާ އިހުސާސްވާ ފަދަ ގޮތަކަށް ހިންގޭ ތަންތަނެވެ. އޭގެ ސަބަބުން ސްކޫލަކީ އެއާއިލާތަކުގެ ލޯތްބާއި ގަދަރު ދެވިފައިވާ ތަނަކަށް ހެދެއެވެ. ކޮންމެ ސްކޫލަކީވެސް ކާމިޔާބު ސްކޫލަކަށް ހެދުމަށް މަތީގައި ދަންނަވާލެވުނު ޚިޔާލުތަކުގެ އިތުރުން އަޅުގަނޑުގެ ދެތިން ޚިޔާލެއް ހިމަނާލާނަމެވެ.

(1) ދަރިވަރުންގެ އުނގެނުމަކީ ދެބައިމީހުންގެ ޒިންމާއެއްކަން އިހުސާސްކުރެވި އެކަމުގައި ބައިވެރިވެ މަސައްކަތްކުރެވޭ ފަދަ ރޫހާއި މާހައުލު ސްކޫލުގައި އުފެއްދުން.

(2) ސްކޫލާއި ބެލެނިވެރިން އެކުގައި ބައިވެރިވެގެން ކުރެވޭ މަސައްކަތްތައް ރޭވުން، މިގޮތުން ސްކޫލުން ނިންމާ ތަފާތު ކަންކަމާއި ޤަރާރުތަކުގައި ބެލެނިވެރިންގެ އަޑު ހިއްސާކުރެވޭ ފަދަ ގޮތްތައް ހަމަޖެއްސުން.

(3) މަދަރުސާ ތަމުސީލުކުރާ ތަފާތު މަޤާމުތަކަށް ބެލެނިވެރިންނަށް ފުރުސަތުދިނުން (މިސާލަކަށް ޓީވީ ޕްރޮގްރާމްތައް، ރޭޑިއޯ، ސޯޝަލް މީޑިއާ ގައިވެސް).

(4) ދަރިވަރުންގެ އުނގެނުމާއި އިޖުތިމާޢީ އެކިކަންކަން ހައްލުކުރުމުގައި ދެބައިމީހުންގެ ހިއްސާވާގޮތަށް މަސައްކަތް ކުރެވޭނެ ފަދަ ނިޒާމެއް ހަމަޖެއްސުން.

(5) ތަފާތު ހަރަކާތްތަކާއި ބައްދަލުވުންތައް ބެލެނިވެރިން އަމިއްލައަށްވެސް ރޭވުމަށް ހަވާލުކުރުން.

(6) އުނގެނުމާއި ގުޅޭ ތަފާތު ވާހަކަތަކާއި މަޝްވަރާތައް ގިނައިން ބާއްވާ ބެލެނިވެރިންނަކީ ދަރިންގެ އުނގެނުމުގައި މުހިންމު ދައުރެއް އަދާކުރަން ޖެހޭ ބައެއްގޮތަށް ޒިންމާ ހަވާލުކުރުން.

(7) ދަރިންގެ އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭގޮތުން ތަފާތު މަޝްވަރާ ބައްދަލުވުންތައް ބޭއްވުން.

(8) މުޅި މަންހަޖުގެ ކޮމްޕީޓެންސީތައް/ގާބިލިއްޔަތުތައް ހާސިލުކުރުމަށް މުދައްރިސުންނާއެކު ބެލެނިވެރިން ކުރަންވީ މަސައްކަތްތަކުގެ ގައިޑެއް/އިރުޝާދުފޮތެއް ތައްޔާރުކޮށް އެއަށް ބެލެނިވެރިން އަހުލުވެރި ކުރުވުން. މިއީ ޚާއްޞަކޮށް ބެލެނިވެރިންގެ ބައިވެރިވުން އިތުރުކޮށް އެކި އުމުރުފުރާގެ ދަރިވަރުންގެ ޖުމުލަ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކަންތައްތަކެއް ހިމެނޭ ގޮތަށް އެކުލަވާލެވޭ އެއްޗަކަށް ވާންޖެހޭނެއެވެ.

މިއަދު މިހުށަހަޅާ ލެވުނީ ހަމައެކަނި މުދައްރިސުންނާއި ގުޅޭ ވާހަކަ ކޮޅެއް ނޫނެވެ. ބެލެނިވެރިންނަށް ވެސް އެހާނމެ ބޭނުންތެރި ޚިޔާލުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ ތަޢުލީމުދިނުމުގެ މަސައްކަތަކީ ސްކޫލާއި ބެލެނިވެރިން އަތުގުޅައިގެން ކުރެވޭ މަސައްކަތަކަށް ވުމެވެ. ދަރިންގެ ތަޢުލީމީ ހަޔާތުގައި ބެލެނިވެރިންގެ ހިއްސާ އޮންނަން ޖެހެނީ ހަމައެކަނި ދަރިފުޅު އަތުގައި ހިފައިގެން ސްކޫލަށް ގެންގޮސް ގެނައުމާއި ނުވަތަ ސްކޫލަށް ބޭނުންވާ ތަކެތި ގަނެދީ ކިޔަވާށޭ، ނުވަތަ ކިޔަވަންބޭއްދުން އެކަންޏެއްވެސް ނޫނެވެ. އެކި އެކި އުމުރުފުރައިގެ ކުދިންގެ އުނގެނުމުގެ އެހީތެރިވެދޭނެ ގޮތް ދެނެގަތުމާއި، ސްކޫލާއެކު ގާތް ގުޅުމެއް ބޭއްވުމާއި، މަންހަޖުގައި ކަނޑައަޅައިފައިވާ ތަޞައްވުރާއި، ގާބިލިއްޔަތުތަކާއި، އެކި އެކި ކަންކަން ހާސިލުކުރުމަށް ސީދާ ކޮށް އަދި ނުސީދާކޮށް ސްކޫލާއެކު މަސައްކަތް ކުރުންވެސް މެއެވެ. ސްކޫލާއި މުދައްރިސުންނާއެކު ބައިވެރިވެގެން ދަރިވަރުންގެ އުނގެނުމުގައި އެހީތެރިވެދޭނެ ގޮތްތަކަށް ބެލެނިވެރިން އަހުލުވެރިކުރުވުމަކީ ސްކޫލުތަކުން ތަންޒީމުކޮށް ހަމަޖެއްސުން މުހިންމު ކަމެކެވެ.


ހަވާލާދޭ ލިޔުންތައް

Campbell, J. (1995). Raising your child to be gifted. Cambridge, Ma: Brookline Books.

Erdener, M.A., & Knoeppel, R.C. (2018). Parents’ perceptions of their involvement in schooling. International Journal of Research in Education and Science (IJRES), 4(1), 1-13. DOI:10.21890/ijres.369197

Khajehpour, M., & Ghazvini, S. D. (2011). The role of parental involvement affects in children's academic performance. Procedia-Social and Behavioral Sciences, 15, 1204-1208.

Knisely, K. (2011). Literature Review: How much does parental involvement really affect the student’s success? Retrieved from http://kniselymtt.pbworks.com/f/EDCI6300_kknisely_LiteratureReview.pdf

Rasinki, T. V., & Fredricks, A. (1988). Sharing Literacy: Guiding principles and practices for parents’involvement. Reading Teachers, 41, 508-513

Spann, S. J., Kohler, F. W., & Soenksen, D. (2003). Examining parents' involvement in and perceptions of special education services: An interview with families in a parent support group. Focus on autism and other developmental disabilities, 18(4), 228-237.

Zang, S. Y., & Carrasquillo, A. L. (1995). Chinese Parents’ influence on Academic Performance .New York State Association for Bilingual  Education journal, 10, 46- 53.

 

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.