ޝާފިޔާގެ އެދުރު އަށި: ކޮމްޕީޓެންސް ބޭސްޑް ޓީޗިން ނުވަތަ ގާބިލިއްޔަތަށް އަމާޒުކޮށްގެން ކިޔަވައިދިނުން

މިއަދުގެ ކޮލަމުގައި ވާހަކަ ދައްކާލަން މިގަސްދު ކުރަނީ ދިވެހިރާއްޖޭގެ ކަރިކިއުލަމުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަކާ ގުޅޭ ގޮތުންނެވެ. ގައުމީ މަންހަޖުގެ މައިގަނޑު ތަޞައްވުރަކީ "ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން" ކަމުގައި ސާފު ޢިބާރާތުން ލިޔެވިފައިވެއެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ގައުމީ  މަންހަޖު، 2014،ޞ.16). މާނައަކީ ދަރިވަރުންނަކީ ހަމައެކަނި މަޢުލޫމާތުތަކެއް ދަސްކޮށްގެން ނުކުންނަ ކުއްޖަކަށް ވުރެ ދިރިއުޅުމުގައި މުޖުތަމަޢުގެ ތެރޭގައި އުޅެންދަންނަން އެ ކަމުގެ ގާބިލުކަން ލިބިފައިވާ ކުއްޖަކަށް ވާންޖެހޭ ކަމެވެ. ދިވެހިރާއްޖޭގެ މަންހަޖު ފަރުމާ ކުރެވިފައިވަނީ މައިގަޑު 8 ގާބިލިއްޔަތަށް އަމާޒުކޮށްގެންނެވެ. އެގާބިލިއްޔަތުތަކަކީ (1) އިސްލާމުދީނަށް ޢަމަލުކުރުން، (2) އުފެއްދުންތެރި އަދި ބިނާކުރަނިވި ގޮތުގައި ވިސްނުން، (3) ދުޅަހެޔޮ ދިރިއުޅުމެއް އުޅުން، (4) ނަފުސު ދެނެގަތުމާއި ތަންޒީމު ކުރުން، (5) ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން، (6) އެހެން މީހުންނާ ގުޅިގެން އުޅުން، (7) ދޭހަވުމާ ދޭހަކޮށްކޮށްދިނުން، (8) ދެމެހެއްޓެނިވި ތަރައްގީއަށް ޢަމަލު ކުރުން މިއެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ގައުމީ މަންހަޖު، 2014). މިގޮތަށް މަންހަޖު ތަންފީޒު ކުރެވޭނަމަ މިގާބިލިއްޔަތުތައް ވާން ޖެހޭނީ ދަރިވަރުން ސްކޫލު ނިމޭއިރު ހަރުލެއްވިފައިވާ ކަންކަމަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިކަމަށް އަޅުގަނޑުމެންގެ މުދައްރިސުންނަށާއި އަދި މުޅި ސްކޫލު ނިޒާމަށް ފަރުވާތެރިވެވެނީ ކިހާ މިންވަރަކަށް ބާވައެވެ؟ މިއަދުގެ މައުޟޫޢަކީ ކޮމްޕީޓެންސް ބޭސްޑް އެޑިޔުކޭޝަން ނުވަތަ ގާބިލިއްޔަތަށް އަމާޒުކޮށްގެން ކިޔަވައިދިނުމެވެ. އާންމު މާނައަކަށް ވިސްނާލާއިރު ގާބިލިއްޔަތަށް އަމާޒުކޮށްގެން ކިޔަވައިދިނުމަކީ ދަރިވަރަށް ލިބިދޭން ޖެހޭ ހުނަރެއް ނުވަތަ ގާބިލުކަމެއް ހަރުލެއްވުމަށް ކިޔަވައިދިނުމެވެ. މާނައަކީ ވަކި ކަހަލަ ކަންތައްތަކެއް ކުރުމަށް ގާބިލު ބަޔަކަށް ދަރިވަރުން ހެދުމެވެ. މި މާނައިގައި ކިޔަވައިދިނުން ބޭނުންކުރާނަމަ، ކިޔަވައިދޭއިރު މާ ގިނަ މަޢުލޫމާތުތަކެއް ހިތުދަސްކުރުވާ އެ ބައިތައް އެނގޭ މިންވަރު ބަލައި ހެދުމުގެ ވިސްނުން ބަދަލު ކުރަންޖެހެއެވެ.

ކޮމްޕީޓެންސް ބޭސްޑް އެޑިޔުކޭޝަން ނުވަތަ ގާބިލިއްޔަތަށް އަމާޒުކޮށްގެން ކިޔަވައިދިނުމުގެ ޢިލްމީ ވިސްނުން

މީގެ އެތައް ސަތޭކަ އަހަރެއްގެ ވެސް ކުރިން، ބައެއް ލިޔުންތެރިން ލިޔުއްވާ ގޮތުގައި ކޮމްޕީޓެންސް ބޭސްޑް އެޑިޔުކޭޝަންއަކީ މަސައްކަތްތައް ދަސްކުރުމާ ގުޅުވައިގެން ކިޔަވައިދިނުން ފަރުމާ ކުރުމެވެ (ޓެއިލާރ، 1911). ޓެއިލާރގެ ލިޔުމުގައި ޚާއްޞަކޮށް ބާރު އެޅިފައިވަނީ ކުރެވޭ މަސައްކަތުގެ ޕާރފޯމަންސް (މިންވަރު) އިތުރު ކުރުމަށެވެ. އެހެން ޢިލުމުވެރިއެއް މި މަފުހޫމް މާނަކުރައްވާ ގޮތުގައި އެއީ ހުނަރުތަކަށް ނުވަތަ ލިބިގަންނަންވީ ގާބިލިއްޔަތުތަކަށް އަމާޒުކޮށްގެން ދަރިވަރުންގެ އުނގެނުމުގެ ކަންކަން ރޭވުމެވެ (ބާރންސް، ރިޗާރޑް، ކްލިންގސްޓެޑް، ލާރސް، 1973). މި ދެ ލިޔުމުގައި ވެސް ބޮޑަށް އިޝާރާތްކޮށްލެވެނީ ސީދާ ސްކޫލު ނިޒާމަށް ވުރެ ބޮޑަށް މަސައްކަތެއް ދަސްކުރުމާ ގުޅޭ ގޮތުންނެވެ. މަދަރުސީ ނިޒާމު ތެރޭގެ ކޮމްޕީޓެންސް ބޭސްޑްކޮށް އުނގެނުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވެން ފެށީ 2011 ވަނަ އަހަރުގައި ތަޢުލީމީ ނިޒާމުގެ ކަންކަން ކުރިއެރުވުމުގެ މަސައްކަތުގެ ތެރެއިން އެމެރިކާގައި ބޭއްވުނު ސަމިޓެއްގެ ތެރެއިންނެވެ (ސްޓަރގިސް، ޕެޓްރިކް، އަދި ޕިޓެންގަރ ، 2011). މި ސަމިޓްގައި ނިންމުނު ކަންކަމުގެ ތެރޭގައި ދަރިވަރުންގެ ގާބިލުކަން ވަކިވަކި ކަންކަމުގައި އިތުރުކޮށް ތަރައްގީކުރުމަށް ޓަކައި އުނގެނުން ރޭވޭ ގޮތުގެ މުޅި ނިޒާމަށް ބަދަލުގެންނަން ޖެހެއެވެ.

މިގޮތުން މަދަރުސީ ތަޢުލީމީ ނިޒާމުގައި ކޮމްޕީޓެންސް-ބޭސްޑް މާނަކުރެވެނީ ވަކިވަކި ހުނަރުތަކަށް ވުރެ މައިގަނޑު ގާބިލިއްޔަތުތަކެއް ތަރައްގީކުރުމަށެވެ. އޭގައި ޖުމުލަގޮތެއްގައި ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ޖެހޭ ސިފަތަކާއި ހުނަރާ ދެބައި އެކުލެވޭނެއެވެ. ކޮމްޕީޓެންސް-ބޭސްޑް އެޑިޔުކޭޝަން މާނަކުރުމަށް ދިރާސާވެރިން އާންމުކޮށް ބޭނުންކުރާ އަނެއް މަފުހޫމަކީ ކޮމްޕީޓެންސް ބޭސްޑް ލަރނިންގއެވެ. މިއީ ދަރިވަރުންނަށް މަޢުލޫމާތުތަކެއް ދަސްކޮށް ދިނުމަށް ކުރާ މަސައްކަތްތަކަށްވުރެ ކަންކަމަށް ގާބިލުވެ އަމިއްލައަށް ކަންކަން ކުރަން ފަރިތަކުރުވައި، ދިރިއުޅުމުގައި އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެން ދަސްކޮށްދެވޭ ގޮތަށް ކިޔަވައިދިނުން ރޭވޭނެހެން އުނގެނުމަށް ފުރުސަތު ދިނުމެވެ. މިގޮތަށް އުނގުންނުން ރޭވޭއިރު ބައެއްފަހަރު ވަކިވަކި ހުނަރުތައް ދަސްކުރުމަށާ އަދި ޖުމުލަ ގޮތެއްގައި ތަފާތު ކަންކަމަށް ދަރިވަރުން ގާބިލުކުރުމަށް ކިޔަވައިދިނުން ރޭވެން ޖެހޭނެއެވެ. ގާބިލިއްޔަތަށް އަމާޒުކޮށްގެން ކިޔަވައިދޭއިރު އެންމެ ބޮޑަށް ބެލެވެނީ، ކަމެއް ކުރުމަށް ބޭނުންވާ މަޢުލޫމާތު އެނގުމާ އެކު އެމަޢުލޫމާތު ބޭނުންކޮށްގެން ކަންކަން ކުރުމާ އަދި ހުނަރުތައް ތަރައްގީކޮށް، ގާބިލިއްޔަތު އިތުރުކުރެވޭނެ ގޮތްތައް ވެސް ލިބިގަތުމަށެވެ (ލެވިން އަދި ޕެޓްރިކް، 2019). މީގެ އިތުރުން ޖުރެޝްކާ (2019) ހާމަކުރައްވާ ގޮތުގައި ގާބިލިއްޔަތަށް އަމާޒުކޮށްގެން އުނގެނުން ރޭވޭ ނިޒާމެއްގައި ހިމެނެންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަ ކުރެވެއެވެ. އެއީ:

  1. ދަރިވަރުން އުނގެނުމުގައި ބާރުވެރިކުރުވުމެވެ. މާނައަކީ އަމިއްލައަށް މަޢުލޫމާތު އުފައްދާ، ބޭނުންކޮށް، އެއާއި ގުޅޭ ހުނަރުތައް ތަރައްގީކުރަން ވެސް ދެނެގަތުމަށެވެ.
  2. ދަރިވަރުންނަށް އުނގެނުމުގައި ބޭނުންވާ އެހީތެރިކަމަކީ ގާބިލިއްޔަތުތައް އިތުރުކުރުމަށް ބޭނުންޖެހޭ ވަގުތުގައި ލިބޭނެފަދަ ގޮތަކަށް ކަންކަން ރޭވުމެވެ.
  3. ދަރިވަރުންގެ އުނގެނުން ވަޒަން ކުރެވެން ޖެހެނީ ދަސްކޮށްލާ އެއްޗަކަށް ބަރޯސާވުމަށްވުރެ، ލިބޭ ގާބިލުކަންކަން ބެލޭ އަދި އެކަންކަމުގެ ހުނަރު ވަޒަންކުރެވި އިތުރަށް ތަރައްގީކުރުމަށް ލިބޭ ފުރުސަތުތަކެއް ގޮތުގައެވެ.
  4. ދަރިވަރުންގެ ގާބިލުކަން ކުރިއަރަމުންދާ މިންވަރު ބެލެންޖެހޭނީ އެކި ދަރިވަރުންނަށް ވަކިވަކިންނެވެ. އެއް ކުއްޖަކާ އަނެއް ކުއްޖަކާ އަޅައިކިޔާ އުސޫލަކުންނެއް ނޫނެވެ. އަދި ހަމައެއާ އެކު ދަރިވަރުންގެ ފަރުދީކަންކަމަށް/ބޭނުންތަކަށް ރިޢާޔަތްކޮށްގެން ގާބިލިއްޔަތުތައް ތަރައްގީކުރުމަށް އެހީތެރިކަން ދޭން ޖެހޭނެއެވެ.
  5. ދަރިވަރުންގެ ގާބިލުކަން ބެލެންޖެހެނީ އެނގޭ މަޢުލޫމާތާއި ސިފައާއި ހުނަރު ތިން ބައި ވެސް އެކުލެވޭ ކަމެއް ގޮތަށެވެ.

ފާހަގަކޮށްލުން މުހިންމު ނުކުތާއަކީ އިސްވެދިޔަ ގޮތްތައް ހިމަނައިގެން ކިޔަވައިދޭއިރު ދަރިވަރުންނަށް މަޢުލޫމާތުތަކެއް ކިޔައިދީ ދަސްކުރުވައިގެން މަގުސަދު ހާސިލު ނުވާނެކަމެވެ. ގާބިލުކަން އިތުރުކުރުމަކީ މަޢުލޫމާތެއް އެނގޭ މިންވަރު ބެލުމެއް ނޫނެވެ. އެނގޭ މަޢުލޫމާތެއްގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެން ކަމެއް ކުރަން އެނގުމާ އެކު އެ ކަމުގެ ގާބިލުކަން އިތުރުކުރަން ވެސް އެނގުމެވެ. މިހާ ހިސާބުން އުފެދިދާނެ މުހިންމު ސުވާލަކަށް އިޝާރާތްކޮށްލާނަމެވެ. އާންމު ކިޔަވައިދިނުމާއި ކޮމްޕީޓެންސް ބޭސްޑް އެޑިޔުކޭޝަން ނުވަތަ ލަރނިންގްއާ ތަފާތު ވަނީ ކިހިނެއް ހެއްޔެވެ؟ އާންމުކޮށް ކިޔަވައިދޭ ނިޒާމެއްގައި ކޮންމެ ގުރޭޑެއް ނިމުމުން އެ ގްރޭޑެއްގައި ކަނޑައެޅިފައިވާ މުގައްރަރުތައް ނިންމުމުން، ދެވޭ އިމުތިހާނަކުން ފާސްވުމަށްފަހު ނުވަތަ އެ އަހަރު ނިމުމުން އެއް މަރުހަލާއިން އަނެއް މަރުހާލާއަށް ދެވެއެވެ. ކޮންމެހެން އެ ލިބެންޖެހޭ ހުރިހާ ގާބިލިއްޔަތުތައް ފުރިހަމަ ނުވި ނަމަވެސް މެއެވެ. ދަރިވަރުންގެ ޢުމުރާ އެކު ކޮންމެ މަރުހަލާއެއް ދާނީ ފުރިހަމަ ވަމުންނެވެ. މިގޮތަށް ގެންދެވޭ ނިޒާމުގައި ބޮޑަށް ބެލެވެނީ އެ އަހަރެއްގެ މުގައްރަރުން ދަރިވަރުންނަށް ހާސިލުވި މިންވަރަށެވެ. މިއާ ޚިލާފަށް ކޮމްޕީޓެންސް-ބޭސްޑް އުނގަންނައިދިނުމުގެ ނިޒާމެއްގައި ބަލަންޖެހެނީ ދަރިވަރުން ދަސްކުރަންޖެހޭ ހުނަރުތަކެއް ލިބިގަންނަންޖެހޭ ގާބިލިއްޔަތުތަކެއް ކުރިއަރާ މިންވަރެވެ. ފުރިހަމަކުރަން ޖެހޭ މުގައްރަރެއްގެ ވެސް މައިގަނޑު އުނގެނުމުގެ ކަންކަން އޮންނާނީ ދަރިވަރުން ލިބިގަންނަންޖެހޭ ހުނަރުތަކަށް އަމާޒުކޮށް، އެހުނަރުތައް ކުރިއަރުވައި ތަރައްގީކުރުމަށެވެ. ކޮންމެ އަހަރަކު ދަރިވަރުން އެއް ކުލާހުން އަނެއްކުލާހަށް ބަދަލުވި ނަމަވެސް ވަކިވަކި ގާބިލިއްޔަތުތަކުން ދަރިވަރުންގެ ފެންވަރު ބެލި އެގާބިލިއްޔަތުތައް ތަރައްގީކުރުމަށް އިތުރު މަސައްކަތްތަކާއި ކަންކަން އުނގެނުމުގެ ތެރޭގައި ރޭވޭނެއެވެ. އާންމު ކިޔަވައިދިނުމާއި ގާބިލިއްޔަތަށް އަމާޒުކޮށްގެން ކިޔަވައިދޭ ކިޔަވައިދިނުމުން ފާހަގަކުރެވޭނެ ތަފާތުތައް ހޫލަ 1ގައި ބަޔާންވެފައި އެވަނީއެވެ.

ހޫލަ 1. ޢާއްމު ކިޔަވައިދިނުމާ ކޮމްޕީޓެންސް ބޭސްޑްކޮށް ކިޔަވައިދިނުމުގެ ތަފާތު

 ގާބިލިއްޔަތަށް އަމާޒުކޮށްގެން ކިޔަވައިދިނުމަކީ، އަޅުގަނޑުމެންގެ މަދަރުސީ މާހައުލުގައި ސަމާލުކަން ނުދެވޭ ދާއިރާއެކޭ ވެސް ދެންނެވިދާނެއެވެ. އެހެނީ، ކިޔަވައިދޭ މުގައްރަރުގެ ތެރެއިން ދަރިވަރުންނަށް ލިބިދޭންޖެހޭ ގާބިލިއްޔަތު ހާސިލުވީ ކިހާ މިންވަރަކަށްތޯ ވަޒަން ނުކުރެވެއެވެ. އެއާ ޚިލާފަށް މުދައްރިސުންގެ ކިޔަވައިދިނުން ބަރޯސާވެފައި އޮންނަނީ ކިޔަވައިދޭން ހަމަޖައްސާފައި އޮންނަ ދެލިކޮޕީ (މުގައްރަރުގައިވާ މަޢުލޫމާތު) އެނގެނީ ކިހާ މިންވަރަކަށްތޯ ބެލުމުގެ ވިސްނުމަށް އެކަންޏެވެ. އުނގެނުމުގެ ނަތީޖާ ހާސިލުވިކަމަށް ބެލެވެނީ މުގައްރަރުގައިވާ މަޢުލޫމާތުތައް އެނގޭ މިންވަރުން ނުވަތަ ގްރޭޑް/ސްކޯރ ކުރުމުގެ ތެރެއިންނެވެ. މިހެންކަމުން ކިތަންމެ ރަނގަޅަކަށް އަޅުގަނޑުމެންގެ މަންހަޖު ކޮމްޕީޓެންސް ބޭސްޑްކޮށް ރޭވިފައިވީ ނަމަވެސް ދަރިވަރުންގެ ކިބައިގައި، މަންހަޖުގައި ބަޔާންވެފައިވާ 8 ގާބިލިއްޔަތު ހަރުލެއްވޭތޯ ނުވަތަ ނޫންތޯ ބެލޭ މިންވަރު ކުޑައެވެ.

ކޮމްޕީޓެންސް ބޭސްޑް ލަރނިންގ ތަންފީޒުކުރާނީ ކިހިނެއް؟

ކޮމްޕީޓެންސް-ބޭސްޑް ލަރނިންގ ތަންފީޒުކުރުމާ ގުޅޭ ގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ހެދޭ ދިރާސާތަކާއި ލިޔެވޭ ލިޔުންތައް މިހާރު ވަރަށް ގިނައެވެ. ޚާއްޞަކޮށް 21 ވަނަ ގަރުނުގެ ޖީލަށް އުނގަންނައިދިނުން ރޭވުމުގައި ކޮމްޕީޓެންސް ބޭސްޑް މުހިންމުވާ ގިނަ ސަބަބުތައް ހުރިކަން ފާހަގަކުރެވެއެވެ. މިގޮތުން މިޒަމާނަކީ މަޢުލޫމާތު ހޯދައި ހިއްސާކުރުމުގައި އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ދުވަސްވަރެކެވެ. ކޮންމެ ބާވަތެއްގެ މަޢުލޫމާތެއް ބޭނުން ޖެހޭ ހިނދެއްގައި އެ މައުޟޫޢު ގޫގުލުގައި ލިޔެލުމުން އެއާ ގުޅޭ އެތައް ހާސް ވެބްސައިޓްތަކެއް، ވީޑިއޯތަކެއް، ފޮޓޯތަކެއް، ބްލޮގްތަކެއް، ފޮތްތަކެއް، އަދި ދިރާސާތަކެއް ހިނދުކޮޅެއްގެ ތެރޭގައި އެއްތަންކޮށްލަ ދެއެވެ. މީގެ ސަބަބުން މަޢުލޫމާތު ހޯދުމުގައި މިހާރުގެ ޖީލުތަކުގެ ދަރިވަރުންނަށް މިވަނީ އެތައް ލުއިތަކެއް ފަހިވެފައެވެ. ޒަމާނެއްގައި މުދައްރިސް ކިޔައިނުދޭ ނުވަތަ ޝަރަޙަ ނުކުރާ އެއްޗެހި ނޭނގި އޮތް ނަމަވެސް މިހާރު މުދައްރިސް ކިޔައި ނުދޭ އެތައް ބައިތަކެއް އެއަށް ވުރެ މާ ފަސޭހަކޮށް ކިޔައިދޭ، ވީޑިއޯތަކާއި ތަސްވީރުތައް އަދި މާ ޝައުގުވެރިކޮށް ވެސް ދަސްކޮށްލެވޭ ގޮތްތައް އިންޓަރނެޓް މެދުވެރިކޮށް ފަހިވެފައި ހުރެއެވެ. މިކަންކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ކޮޅެއް ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯއަށް ފިއްތަވާލައްވާށެވެ. އިސްވެ ބަޔާންކުރެވިދިޔަ ސަބަބަށް ޓަކައި ކުލާހުގައި ދަރިވަރުން ހޭދަ ކުރާ ވަގުތުތަކުގައި މުދައްރިސުން މަޢުލޫމާތުތައް ޝަރަޙަކޮށްދޭ ދިނުމުގެ ބޭނުންތެރިކަން ކުރިޔަށްވުރެ މާބޮޑަށް ވެސް ކުޑައެވެ. ހަގީގަތަކީ އެފަދަ ޝަރަޙަތައް އަޑު އަހަން ތިބުމުގެ ޝައުގުވެރިކަމެއް ވެސް މިހާރުގެ ދަރިވަރުންގެ ކިބަޔަކު ނުހުރެއެވެ. ހަމައެކަނި ކުލާހުގެ ކުރިމަތީގައި ހުރެ އަނގަ ހުއްޓައި ނުލާ ޝަރަހަކޮށް މިސާލުތައް ކިޔައިދީ ގަނޑި ނިންމާލުމުން ދަރިވަރުންނަށް އެއިން އެނގުނު އެއްޗެއްގެ މާ ބޮޑު ފައިދާއެއް ނުކުރެއެވެ. މިއީ އެއްވެސް ގޮތަކުން ބަލާއިރު މިޒަމާނުގެ ޖީލުތަކާ ގުޅޭ އުނގަންނާދިނުމުގެ ގޮތެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިނޫން އެހެންގޮތަކަށް ދަރިވަރުން ކުލާހުގައި ހޭދަކުރާ ވަގުތަކީ ބޭނުންތެރި ގޮތަކަށް ހަދަން ޖެހެއެވެ. ޚާއްޞަކޮށް ދަރިވަރުންގެ ކިބައިގައި ހަރުލައްވަންޖެހޭ ގާބިލިއްޔތުތަކަކަށް އަމާޒު ކޮށްގެން ރޭވޭ އުނގެނުމުގެ ކަންތައްތަކަކަށް ވުން މިހާރުގެ ގައުމީ މަންހަޖު ވެސް ލާޒިމުކުރެއެވެ.  

މީގެ އިތުރުން ބައެއް ޢިލުމުވެރިންގެ ވިސްނުމަށް ބަލާލާއިރު، މިޒަމާނުގެ އުނގަންނާދިނުމުގައި ކޮންމެހެން ހިމެނެންޖެހޭ ތަފާތު ހުނަރުތަކެއް ވެސް ފާހަގަކުރެވެއެވެ. ރާޔަން ޖުރެޝްކާ (2019) ބަޔާންކުރައްވާގޮތުގައި ކޮމްޕީޓެންސް ބޭސްޑް ލަރނިންގ ތަންފީޒުކުރުމުގައި މިޒަމާނުގެ ކުދިންނަށް ބޭނުންވާ 6 ހުނަރެއް ތަރައްގީ ކުރަންޖެހެއެވެ. އެއީ (1) ކޮމިޔުނިކޭޝަން/މުއާޞަލާތުކުރުން، (2) ކުރިއޭޓިވް ތިންކިން/އުފެއްދުންތެރިކޮށް ވިސްނުން، (3) ކްރިޓިކަލް ތިންކިން/ބިނާކުރަނިވިގޮތްގޮތަށް ވިސްނުން، (4) ސޯޝަލް ރެސްޕޮންސިބިލިޓީ/އިޖުތިމާޢީ ޒިންމާ، (5) ޕޮޒިޓިވް ޕަރސަނަލް އެންޑް ކަލްޗަރަލް އައިޑެންޓިޓީ/ ފައްސި، ޒާތީ/އަމިއްލަ އަދި ސަގާފީ ސަގާޝަޚުޞިއްޔަތު ދެނެގަތުން، އަދި (6) ޕާރސަނަލް އެވެއަރނެސް އެންޑް ރެސްޕޮންސިބިލިޓީ/ޒާތީ/އަމިއްލަ ހެލުންތެރިކަމާއި ޒިންމާ ދެނެގަތުމެވެ (ޖުރެޝްކާ، 2019).  ޚާއްޞަކޮށް މިޒާމާނުގެ ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކަކީ ވަކިން ބޮޑަށް ސަމާލުކަންދީގެން ތަރައްގީކުރަންޖެހޭ ހުނަރުތަކެއްކަމަށް ވެސް އެލިޔުންތެރިޔާ އިޝާރާތް ކުރައްވައެވެ. މި ބަޔާން ކުރެވުނު 6 ހުނަރުގެ ތެރެއިން މިސާލަކަށް، ދޭދޭ މުވާޞަލާތުކުރުމުގެ ހުނަރަށް ބަލާލަމާތޯއެވެ. މި ހުނަރަކީ ތަފާތު މީޑިއާތައް މެދުވެރިކޮށް، ފޭސްޓުފޭސް/ގާތުން ގާތަށް، ޑިސްޓެންސްޑް/ދުރުން، ދުރަށް، އަދި ތަފާތު މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން މުޢާމަލާތު ކުރުމާ އެކު، އެމީޑިއާތަކުން ލިބޭ މަޢުލޫމާތުތައް ދޭހަކުރުމާއި، މާނަކުރުމާއި، ދެނެގަތުމާއި، ލިބިގަތުމާއި، ހިއްސާކުރުމާއި، ބޭނުންކުރުމުގެ އެތައް ކަމެއް މިޒަމާނުގެ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމާ ގުޅިފައިވާ ކަމެކެވެ. ސަބަބަކީ އިންޓަރނެޓްގައިވާ ކޮންމެ މަޢުލޫމާތަކީ އޭގެ ޞައްހަކަން ދެނެގަންނަން ފަސޭހަ އެއްޗެއް ނޫނެވެ. އަދި ހަމައެއާއެކު ލިބެން ހުންނަ ކޮންމެ މަޢުލޫމާތެއް ބޭނުންކުރުމުގައި ހުދޫދުތަކާއި މިންތައް ވެސް މި ޒަމާނުގައި ކަނޑައެޅިފައިވެއެވެ. މިފަދަ ހުރިހާ ކަންކަމަކީ މިޒަމާނުގެ ދަރިވަރުންނަށް މަދަރުސީ ނިޒާމުގެތެރެއިން އަހަލުވެރި ކުރުވި، ގާބިލުކަން ލިބިދޭން ޖެހޭ ކަންކަމެވެ. ކޮމްޕީޓެންސް ބޭސްޑްކޮށް އުނގެނުން މަދަރުސީ މާހައުލުގައި ތަންފީޒު ކުރެވޭއިރު އުފެދިދާނެ އެހެން ބައެއް ސުވާލާއި އޭގެ ޖަވާބު މިތާގައި ކުރުކޮށް ހިމަނާލާނަމެވެ.

  1. ކޮމްޕީޓެންސް ބޭސްޑްކޮށް ކިޔަވައިދޭއިރު ވަޒަންކުރަންޖެހެނީ ކިހިނެއް؟

ކޮމްޕީޓެންސް ބޭސްޑްކޮށް ކިޔަވައިދޭއިރު ވަޒަންކުރަންޖެހެނީ ދަރިވަރުންނަށް އޭގެ ސަބަބުން ކިޔަވާ ބައިތައް ބޭނުންކޮށްގެން ހުނަރު/ގާބިލިއްޔަތު ތަރައްގީކުރަން ފުރުސަތު ފަހިވާނެ ފަދަ މާނަ ހުރިގޮތަކަށެވެ. މާނަހުރި ވަޒަންކުރުމޭ ބުނެވެނީ އުނގެނުމަށް ފަހިވާގޮތަށް، ހުނަރު އަދި ގާބިލިއްޔަތު ތަރައްގީވުމަށް އެހީތެރިވެދޭ ގޮތަށް ދެވޭ ފީޑްބެކްގެ ތެރެއިން ދަރިވަރުންގެ އުނގެނުން ވަޒަން ކުރުމަށެވެ.

  1. ކޮމްޕީޓެންސް ބޭސްޑްކޮށް ކިޔަވައިދޭއިރު އެކިއެކި ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ރިޢާޔަތް ކުރާނީ ކިހިނެއް؟

ދަރިވަރުންގެ ގާބިލުކަން ކުރިއަރުވާއިރު އެއް ކުއްޖަކު އަނެއްކުއްޖަކާ އަޅައިކިޔާ ސްޓޭންޑަރޑް ނަތީޖާތަކަކަށް ބެލުމަށްވުރެ އެ ކުއްޖަކަށް ހާސިލުވާ މިންވަރު ބަލައިގެން ގާބިލުކަން ކުރިއަރުވަން މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެކެވެ. މިގޮތުން ދަރިވަރުގެ ފަރާތުން ފާހަގަކުރެވޭ ޝައުގުވެރިކަން، ކުޅެދުންތައް، ނުކުޅެދުންތައް، މޮޅުކަންކަން، ގަޔާވާ ކަންކަމާއި، ފަސޭހައިން ވިސްނޭގޮތްތަކާއި، އެ ކުއްޖަކަށް ހާސިލްވާ މިންވަރުގެ ސްޕީޑާއި މި ހުރިހާ ކަމަކީ ވަކިވަކިން ފަރުވާތެރިވާން ޖެހޭ ކަންކަމެވެ.

  1. ކޮމްޕީޓެންސް ބޭސްޑްކޮށް ކިޔަވައިދޭއިރު އުނގެނުމުގެ ފުރުސަތު ފަހި ކޮށްދެވެނީ ކިހިނެއް؟

ކޮންމެ ދަރިވަރެއްގެ ވެސް ލެވެލް ބެލެނީ އެކުއްޖަކަށް ހާސިލުވާ މިންވަރުން ކަމަށް ވެފައި އިތުރަށް ތަރައްގީ ކުރަން ދެވޭ ވަގުތާއި ކުރަން ހަވާލު ކުރެވޭ މަސައްކަތުގެ ވައްތަރާއި ގޮތް ވެސް ދަރިވަރުންގެ ފަރުދީ ކަންކަމާ ގުޅުވައިގެން އުނގަންނައިދިނުން މުހިންމެވެ.

  1. ކޮންޕީޓެންސް ބޭސްޑްކޮށް ކިޔަވައިދޭއިރު އުނގެންނައިދެވޭ މަޢުލޫމާތު، ބޭނުންކުރެވޭ އެއްޗަކަށް ހަދާނީ ކިހިނެއް؟

ކޮމްޕީޓެންސް ބޭސްޑްކޮށް ކިޔަވައިދޭ މަޢުލޫމާތަކީ އެއްވެސް ހާލެއްގައި، ދަސްކޮށް އިމުތިހާނެއް ހަދަންޖެހޭ އެއްޗަކަށް ނުހެދުމަށް ސަމާލުކަންދިނުން މުހިންމެވެ. މިގޮތުން ކިޔަވައިދޭއިރު ދަސްކޮށްދެވޭ ތަފާތު ވިސްނުމުގެ ހުނަރުތަކަކީ އޭގެ ބޭނުންކުރަން ޖެހޭ ކަންކަމެވެ. މިސާލަކަށް މައްސަލަ ހައްލުކުރުން، ބިނާކުރަނިވި ވިސްނުން ބޭނުންކޮށްގެން ކަންކަން ކުރުން، ދަރިވަރުން އެކުގައި ބައިވެރިވެ މަސައްކަތްކުރުން، ދޭދޭ މުޢާމަލާތްކުރުން، މުއާޞަލާތުކުރުން، މަޢުލޫމާތު ބޭނުންކޮށްގެން ކަންކަން ކުރުން، މިފަދަ ކޮންމެ ކަމަކީ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ކުރިއަރުވަން ޖެހޭނެ ކަންކަމެވެ. ވީމާ އުނގަންނައިދިނުމުގެ ހަރަކާތްތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމަނައިގެން ހަރަކާތްތައް ރޭވުން މުހިންމެވެ.

  1. ކޮމްޕީޓެންސް ބޭސްޑްކޮށް ކިޔަވައިދޭއިރު ހުނަރު/ގާބިލިއްޔަތު ތަރައްގީވި ކަން އެނގޭނީ ކިހިނެއް؟

ދަރިވަރުން ކުރާ މަސައްކަތްތަކުގައި، ކުލާހުގައި ހަވާލުކުރެވޭ ތަފާތު އުނގެނުމުގެ ހަރަކާތްތަކުގައި ތަރައްގީކުރަން ބޭނުންވާ ގާބިލިއްޔަތުތައް ބޭނުންކުރެވޭ ގޮތަށް އުނގެނުން ރާވައި އޭގެ ތެރެއިން ގާބިލިއްޔަތު ކުރިއަރާ މިންވަރު ބެލޭނެއެވެ. މިސާލަކަށް ކުލާހުގައި ދެވޭ ޕްރޮޖެކްޓް މަސައްކަތެއްގައި ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ވިސްނުން ދަރިވަރުންން ގެންގުޅެނީ ކިހާ މިންވަރަކަށްތޯ ބަލާ އެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އިރުޝާދުދީ މަގުދެއްކިދާނެއެވެ.

މިއަދުވެސް މިހުށަހަޅާ ލެވުނީ ކިޔަވައިދިނުމުގައި ސަމާލުކަން ދެވިދާނެ މުހިންމު ކަމަކާ ގުޅޭ ބޭނުންތެރި މަޢުލޫމާތުކޮޅެކެވެ. ދިވެހިރާއްޖޭގެ ގައުމީ މަންހަޖަކީ ވަރަށް ފުރިހަމައަށް ފަރުމާކުރެވިފައިވާ މަންހަޖަކަށް ވިޔަސް، އެ މަންހަޖު ތަންފީޒު ކުރުމުގައި ގެންގުޅެންވާ ގޮތްތަކާއި، ކިޔަވައިދިނުމުގައި ސަމާލުކަންދޭންވީ އުސޫލުތަކަށް މުދައްރިސުން އަހުލުވެރި ނުވެ އެމަންހަޖުގެ އެދެވޭ ފައިދާ ޖީލުތަކުން ފެނުމަކީ ދުރުކަމެކެވެ. މިފަދަ ކަންކަމަށް ދުރާލައި ވިސްނައި މަންހަޖު ތަންފީޒުކުރުމުގައި ހަމައެކަނި މަޢުލޫމާތު  ވަޒަންކުރެވޭ ގޮތަށް، ކިޔަވައިދިނުމުގެ މައިގަނޑު ފިލޯސަފީ/ވިސްނުމަށް ގެނެވިދާނެ ބަދަލުތަކާ މެދު ފުންކޮށް ވިސްނައި ރިވެލިކުރުމުން، މަންހަޖު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތައް ހޯދިދާނެއެވެ. މިފަދަ ކަންކަމާ މެދު ޚިޔާލުކޮށް މަޝްވަރާކުރާ ބަޔަކަށް މުދައްރިސުން ވުމަކީ އަޅުގަޑުގެ އުއްމީދެކެވެ.    

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.