ޗައިނާއަށް ދާ ޑަބްލިޔުއެޗްއޯގެ ޓީމަށް ހުއްދަނުދޭތީ ޑިރެކްޓަރ ޖެނެރަލް ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވައިފި

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ވަބާ، ކޮވިޑް-19 ޖައްސާ ނޮވެލް ކޮރޯނާވައިރަސް ޗައިނާގައި ފެތުރެން ފެށިގޮތް ހޯދުމުގެ މަސައްކަތަށް ޗައިނާއަށް ދާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޓީމު އެ ގައުމަށް ވަނުމުގެ ހުއްދަ އަދި ނުދޭތީ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

"ދެ މެންބަރަކު މިހާރު އެމީހުންގެ ދަތުރުފަށާއި ވަނިކޮށް މިހެން ވުމުން، އަދި ފަހު ވަގުތު އެހެން މީހުންނަށް ދަތުރުކުރެވޭ ގޮތް ނުވުމުން އަހަރެން މިހީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި." ޑަބްލިޔުއެޗްއޯއިން ދެ ހަފުތާއިން އެއް ހަފުތާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގެބްރަޔޭސަސް ވިދާޅުވިއެވެ.

"މިއަދު އަހަރެންނަށް އެނގުނީ އެ ޓީމު ޗައިނާއަށް ދިއުމަށް ބޭނުންވާ ހުއްދަތަކާ ބެހޭ ކަންކަން އަދި ޗައިނާއިން ނިންމާފައި ނުވާކަން." ޑިރެކްޓަރ ޖެނެރަލް އިތުރަށް ވިދާޅުވިއެވެ.

ޖަނަވާރުގެ އެއްވަތުން އަނެއް ވައްތަރަށް އަރާ ބަލިތަކާ ބެހޭ ޑަބްލިޔުއެޗްއޯގެ ތަޖުރިބާކާރު ޕީޓާ ބޮބް އެމްބަރެކްގެ އިސްކޮށް ހުންނެވި ޓީމު ޒިޔާރަތްކުރަން ނިންމާފައި އޮތީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ނޮވެލް ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީއަށެވެ. ބޭނުމަކީ އެ ރަށުގެ މީހުންނާއި ޖަނަވާރުގެ "އެޕިޑެމިއޮލޮޖިކް، ވައިރޮލޮޖިކް އަދި ސީރިއޮލޮޖިކް" ތަފްސީލީ ދިރާސާއެއް ކުރުމެވެ. ވައިރަސް ފުރަތަމަ ފެތުރެން ފެށީ ކޮން އެއްޗަކުން ކަން ދެނެގަތުމަށްޓަކައެވެ.

ވޫހާން ސިޓީން ދުނިޔެއަށް ފެތުރި މިހާރު އާލަމީ ވަބާއަކަށް ވެފައިވާ ކޮވިޑް-19 އަށް މިހާރު ދުނިޔޭގެ 86.2 މިލިއަން މީހުން ޕޮޒިޓިވްވެފައި ވާއިރު އެ ބަލީގައި 1.89 މިލިއަން މީހުން ވަނީ މަރުވެފައެވެ.

"އަހަރުމެން އުއްމީދުކުރާ ގޮތުގައި މި ދިމާވީ ލޮޖިސްޓިކް އަދި އިދާރީ މައްސަލައެއް. އެކަން ވަރަށް އަވަހަށް ހައްލުކުރެވިދާނެ ގެބްރަޔޭސަސް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.