ޢިމްރާން ޖަލުގައި އޮންނެވި އިރު އަދާލަތު ޕާޓީގެ އަޑު ނުކެނޑި އޮތީ ހިތްވަރުގަދަ ދެ އަންހެން ބޭފުޅުންގެ ސަބަބުން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ފާހަގަ ކުރެއްވި ދެ އަންހެން ބޭފުޅުންނަކީ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި މަޖިސް މެންބަރު އަނާރާ ނަޢީމް ކަމަށް ބެލެވެއެވެ. އެއީ ކޮން ދެބޭފުޅުންނެއް ކަމެއް ދިޔާނާ ހާމައެއް ނުކުރައްވައެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދަލަތު ޕާޓީގެ ރައީސަކަމަށް ޝިދާތާ ކިތަންމެހާވެސް ގާބިލު ކަމަށެވެ.
ޝިދާތާވެސް ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެނަކަށް ކުރިމަތި ލެވެން ޖެހޭނެކަމަށެވެ.
އަދާލަތު ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އަންހެނުންނަށް ޕާޓީގެ ރައީސް އަދި ނާއިބް ރައީސްގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. ރައީސް އަދި ނާއިބް ރައީސްކަމަށް ކުރިމަތި ލުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ފިރުހެނަކަށްވާން ޖެހޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދާލަތު ޕާޓީގެ ރައީސާއި ނާއިބް ރައީސް ކަމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެޕާޓީން ބުނެފައި ވަނީ ތިންވަނަ ދައުރަށް ޕާޓީގެ ރައީސާއި ނާއިބް ރައީސް ހޮވުމަށް ބާއްވާ، އެޕާޓީގެ ރިޔާސީ އިންތިހާބު މިމަހުގެ 23 ގައި ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.