ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ޢަދާލަތުޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް މިރޭ ފަށައިފިއެވެ.
ކެމްޕޭން ފެށުމުގެ ޖަލްސާ ބާއްވައިފައިވަނީ އެޕާޓީގެ ހަމައެކަނި މަޖިލިސް މެމްނަރު އަނާރާ ނަޢީމްގެ ރަށް ހދ. މަކުނުދޫގައެވެ. މިފަހަރު ވެސް އަނާރާ ވަނީ އެދާއިރާއަށް ކުރިމަތި ލައްވައިފައެވެ.
މި އަހަރު އެޕްރީން 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ޢަދާލަތުޕާޓީން ވާދަ ކުރައްވަނީ 8 ދާއިރާ ނުވަތަ 8 ގޮނޑިއަށެވެ.
މިޖަލްސާގައި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރ އަޙުމަދު ޒާހިރާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނަޢީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވީ ކުރިން 13 ދާއިރާއަކަށް ވާދަކުރައްވަން ނިންމެވުމަށްފަހު އެ ޢަދަދު 8 އަށް މަދުކުރީ އެޕާޓިއަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވެފައި ސަރުކާރަށް ފަހި ފުރުސަތުތަކެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން ޢަދާލަތު ޕާޓީއާއި އެމްޑީޕީން ވަނީ ވަރަށް ފަހުން މަޝްވަރާ ކޮށްފައެވެ. އެ މަޝްވަރާއަށްފަހު އެމްޑީޕީން ވަނީ އެޕާޓީގެ ނުރަސްމީ ޤައުމީ މަޖިލީސް ބާއްވައިފައެވެ. އެއަށްފަހު ވާހަކަ ދެކެވުނީ އެމްޑީޕީ ވާދަކުރައްވާ 86 ދާއިރާގެ ތެރެއިން ޢަދާލަތަށް 6 ދާއިރާ ދޫކޮށްލުމަށެވެ. އެހެންނަމަވެސް އޭރު އެމްޑީޕީން ވަނީ އެޕާޓީން ވާދަކުރައްވާކެންޑިޑޭޓުންނަށް ޓިކެޓް ވެސް ޙަވާލުކުރައްވައިފައެވެ. އެހެން ކަމުން އެއްވެސް ކެންޑިޑޭޓަކު ޓިކެޓް ދޫކޮށްލަވަން ބޭނުމެއް ނުވިއެވެ. އެންމެފަހުން ގޮނޑިތައް ދޫކުރަން މިޖެހުނީ ޢަދާލަތު ޕާޓީއަށެވެ.
މިރޭގެ ޖަލްސާގައި އިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީއަކީ ހިފަންޖެހޭ ތަންތާގައި ރަނގަޅަށް ހިފައި ދޫދޭންޖެހޭ ތަންތަނުގައި ދޫދޭނެ ޕާޓީއެއް ކަމަށެވެ. އިމްރާން ވިދާޅުވީ ސަރުކާރު ނަގަހައްޓައި ދެމެހެއްޓުމަށް ޢަދާލަތަށް ކުރެވެން އޮތްހާވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ސަރުކާރަށް އެހީވުމަށް އެޕާޓީ ދެމި އޮންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.