ނިމިދޔަ އަހަރަކީ ކުރިމަގު ބައްޓަންކުރާން އަމާޒު ހިފަންވީ މިސްރާބު ސާފުވި އަހަރެއް: ރައީސް

ނިމިގެން ދިޔަ ވިހިވިއްސަކީ ރާއްޖޭގެ ހާލަތާ މެދު ވިސްނައި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވެގެން ދިޔަ އަހަރެއް ކަމުގައި ރއީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައު އަހަރު ފެށުމުގެ މުސާބަތުގައި ރައްޔިތުންނަށް ފޮނުއްވި ޚިތާބުގައެވެ. ނިމިދިޔަ އަހަރަކީ ކުރި ހުރިހާ އުއްމީދުތަކެއް ހަގީގަތަކަށް ނުވި އަހަރެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެން ތަޖުރިބާކުރަމުން މިދާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޤައުމު ފުރަބަންދުކުރަން ޖެހުމުން، އެންމެ ބޮޑަށް އިޙްސާސްކުރެވުނީ، ރާއްޖޭގެ އިޤްތިޞާދުގެ ނާޒުކު ކަމެވެ. ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން، ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކާއި، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދިޔަ މިންވަރު ވަޒަންކުރެވުނެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފެށުނު 2021 ވަނަ އަހަރާ ކުރިމަތިލަނީ ގައުމު އަލުން އާރާސްތުކުރުމުގެ އަޒުމާއި ހިތްވަރާއެކުގައި ކަމަށެވެ.

"ވަކިން ޚާއްޞަކޮށް، އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ ޢަޒުމާ އެކުގައެވެ. އިޤްތިޞާދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު މިހާރަށް ވުރެ ފުޅާކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒެވެ. ތަރައްޤީގެ މަޝްރޫޢުތައް ތިމާވެށްޓާ އެއްކީލިކުރުމަކީވެސް، މިއަހަރުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ ކަމެކެވެ. ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ތަރައްގީގެ މަޝްރުއުތައް ފުރިހަމަވެގެން ދާއިރު ރައްޔިތުންނަށް އުފާވެރިކަމައި ހިތްހަމަޖެހުން ލިބޭނީ އިޖްތިމާއީ މައްސަލަތައް ހައްލުކުރެވިގެން ކަންވެސް ރައީސްގެ ޚިތާޞުގައި ފާހަގަކުރައްވާފައި ވެއެވެ. އެހެންކަމުން މަސްތުވާ ތަކެތީގެ މައްސަލަތަކާއި، ކުދަކުދިންނާއި އަންހެނުންނަށް ކުރާ ނޭދެވޭ އަނިޔާ އާއި ގަނާ ހުއްޓުވުމަށް އަމަލީ ގޮތުން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރައްވާފައިވެއެވެ. އުފާވެރިކަމާއި ހަމަޖެހުން ގާއިމުކުރެވޭނީ ކުޑަކުދިންނާއި އަންހެނުންނަކި އެންމެންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅު ބަޔަކު ކަމުގައި ހަދައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޯވިޑްގެ ސަބަބުން އެތައް އާއިލާއަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ވެސް ރައީސްގެ ޚިތާބުގައި އަލިއަޅުވާފައި ވެއެވެ. އެގޮތުން ވަޒީފާ ނެތް ޒުވާޏުންނާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަަބަބުން އާއިލާތަކާއި ވަކިވަކި ފަރުދުން އުފުލަންޖެހޭ ތަކުލީފުތައް އެތައް ގުނައެއް ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ ހާސިލުކުރުމަށްޓަކައި އާއިލާގެ ތެރޭގައްޔާއި ފަރުދީ ފެންވަރުގައި އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

"ކޯވިޑްގެ ވެކްސިނާއެކު، މިބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އައުވަމުން އަންނައިރު، ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި، ޤައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި، މުޅި ޤައުމު އެކުގައި އެއް ޢަޒުމެއްގައި ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ." ރައީސް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.