ޝާފިޔާގެ އެދުރު އަށި: ރެސިޕްރޯކަލް ޓީޗިން/ރޯލްބަދަލުކޮށް ކިޔަވައިދިނުން

މިފަހަރު ލިޔެލަން މިގަސްދުކުރަނީ ކިޔަވައިދިނުމުގެ ވައްތަރުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ޢާއްމުކޮށް ފެންނަ ކިޔަވައިދިނުމުގެ ގޮތެއް ނޫނެވެ. ނަމަވެސް މި ގޮތަކީ ދުނިޔޭގެ ގިނަގައުމުތަކުގައި ކާމިޔާބުކަމާއެކު ބޭނުންކުރެވޭ އަދި އޭގެ ކާމިޔާބުކަމާ ގުޅޭ ގޮތުން ގިނަ ދިރާސާތައް ޝާއިޢުވެސް ކުރެވިފައިވާ ކިޔަވައިދިނުމުގެ ގޮތެކެވެ. އާދެ، ރިސްޕްރޯކަލް ޓީޗިން، މިމަފުހޫމަކީ އަޅުގަނޑުމެންގެ ދިވެހިބަހުން ލިޔެއުޅޭ ލިޔުންތަކުން މާބޮޑަށް ފެންނަ މަފުހޫމެއް ވެސް ނޫނެވެ. އެހެންކަމުން މިބަސް މާނަ ކުރާނެ ގޮތަކާ މެދު އަޅުގަނޑުގެ ހިތުގައިވެސް ތަފާތު ޚޔާލުތައް ކުރެވުނެވެ. ފުރަތަމަ ބަލާލެވުނީ ރެސިޕްރޮކަލް މިބަހުގެ މާނަ ދިވެހިބަހުން ކުރާނީ ކިހިނެއްތޯއެވެ. އިގިރޭސިބަހުގައި މިބަސް ޢާއްމުކޮށް ބޭނުންކުރެވެނީ ދެފަރާތެއް ނުވަތަ އެއަށް ވުރެ ގިނަ ބައެއްގެ މެދުގައި ދޭދޭ ކަމެއް ގުޅިގެން ހިނގާގޮތް މާނަ ކުރުމުގެ ގޮތުންނެވެ. މިސާލަކަށް، ދެފަރާތަކުން ދާދި އެއްވަރެއްގެ ރޯލެއް އަދާކުރަން ޖެހޭ ކަންކަމުގައިވެސް ރެސިޕްރޮކަލް މިބަސް ބޭނުންކުރެވެއެވެ. މިދެންނެވުނު ދެމާނައިގައިވެސް ހާމަވާ އެއްގޮތްކަމަކީ ދޭދޭ ކަންތައްތަކެއް އޭގައި އެކުލެވުމެވެ. މިގޮތަށް މާނަކުރާނަމަ އެއީ ދޭދޭކަންތައްތަކެއްގެ ތެރެއިން ރޯލްބަދަލުކޮށްގެން ރޭވޭ ކިޔަވައިދިނުމުގެ ވައްތަރެކޭ ވެސް ދެންނެވިދާނެއެވެ. އުސޫލެއްގެ ގޮތުން ބަލާއިރު، ރެސިޕްރޮކަލް ޓީޗިން މާނަކުރެވެނީ ދަރިވަރުން އެކި ގުރޫޕްގައި މުދައްރިސުގެ ރޯލް އަދާކުރަން ހަވާލުކުރެވޭ ތަފާތު އެކި ޓާސްކްތަކުގެ ހިމެނިގެން ގެންދެވޭ ކިޔަވައިދިނުމުގެ ހަރަކާތަކަށް ނުވަތަ ގޮތަކަށެވެ. އެންމެ ފުރަތަމަ ކަންކުރަންވާ ގޮތް މުދައްރިސު ނަމޫނާ ދެއްކުމަށްފަހު ދަރިވަރުން އެކަމަށް ތަމުރީނު ކުރުވާފައި އެކުދިންގެ އުނގެނުން ގެންދަންވީގޮތް ކިޔައިދީފައި ޓާސްކް ހަވާލު ކުރަނީއެވެ. މިގޮތުން ބަލާއިރު ކިޔަވައިދިނުމުގައި ކަން ހިނގާގޮތަށް ވިސްނާއިރު ދިވެހިބަހުން މިކިޔަވައިދިނުމުގެ ގޮތަށް 'ރޯލްބަދަލުކޮށް ކިޔަވައިދިނުން' ކިއިދާނެކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. ނަމަވެސް މީގެ މާނައަކީ ރެސިޕްރޮކަލް ޓީޗިން މިބަސް މާނަކުރެވޭނެ މިއީ ހަމައެކަނި ގޮތެކޭ ނޫނެވެ.

ރެސިޕްރޮކަލް ޓީޗިން އަކީ ދަރިވަރުންނަށް ހަވާލުކުރެވޭ ރީޑިން/ކިޔުންތައް ބޮޑަށް ދޭހަކުރުމަށާއި ދަރިވަރުންނަށް މާނަހުރި އެއްޗަކަށް އެކިޔުންތައް ހެދުމަށްޓަކައި މުދައްރިސު ހަވާލުކުރާ ގުރޫޕް ހަރަކާތެކެވެ. މިއީ ޢާއްމުކޮށް ކިޔުންތައް ދޭހަކުރުމަށް އެހީތެރިވެދިނުމަށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތެކެވެ. އެހެންކަމުން މިއީ ކިޔުމުގެ ހުނަރުތައް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތެކޭ ވެސް ދެންނެވިދާނެއެވެ. ނަމަވެސް ތަފާތު ބަސްތައް ކިޔަވައިދޭއިރު އަދި ތަފާތު ކޮންޓެންޓް މާއްދާތައް ކިޔަވައިދޭން ރެސިޕްރޮކަލް ޓިޗިން ވަރަށް އެކަށޭނަގޮތަށް ބޭނުންކުރެވިދާނެއެވެ. ބައެއް ޢިލުމުވރިން ރެސިޕްރޮކަލް ޓީޗިން ސިފަކުރައްވަނީ ކިޔުމުގެ ދޭހަ ކިޔަވައިދޭން ބޭނުންކުރެވޭ ގިނަވައްތަރުތަކެއްގެ އުކުޅުތައް ހިމެނޭ ކިޔަވައިދިނުމުގެ ގޮތެއްގޮތުގައެވެ. ޕެލިންކްސާރ (1986) ދެކިލައްވާގޮތުގައި ރެސިޕްރޮކަލް ޓީޗިންގެ މައިގަނޑު މަގުސަދަކީ ގުރޫޕް ހަރަކާތެއް ރާވައިގެން ކިޔުން ދޭހަކުރުމަށް އެހީވެދިނުމަށާއި ކިއަން ހަވާލުކުރެވޭ އެއްޗެއްގެ މާނަ ހޯދުމަށާއި ދަރިވަރުންނަށް އެކިޔުމަކާ ގުޅޭގޮތުން ވިސްނަން ފަހިކޮށްދެވޭ ފުރުޞަތު ތަކެކެވެ. އެއީ ދަރިވަރާއި މުދައްރިސްގެ ރޯލް ބަދަލުކޮށް އެކި ކުދިން އެކި ފަހަރު ތަފާތު ރޯލްތަކުގައި އުނގެނުން ކުރިޔަށް ގެންދާ ގޮތެކެވެ (ޑެވިއްލަރ އަދި ފެލްޓިސް، 1991). މިގޮތަށް ކިޔަވައިދޭއިރު މައިގަނޑުގޮތެއްގައި ބޭނުންކުރެވޭ 4 އުކުޅެއް ހިމެނެއެވެ. އެއީ ޕްރިޑިކްޓިން (ލަފާކުރުން)، ކްލެރިފައިން (އޮޅުންފިލުވުން)، ކުއެސްޗަނިން (ސުވާލުކުރުން)، އަދި ސަމަރައިޒިން (ޚުލާޞާކުރުން) މިއެވެ (ޕެލިންކްސަރ އަދި ބްރައުން، 1984). މިއީ ގާތްގަޑަކަށް ހުރިހާ ގުރޭޑްތަކަށްވެސް ނުހަނު އެކަށޭނަ ކޮށް ބޭނުންކުރެވޭ މި ކިޔަވައިދިނުމުގެ ގޮތެކެވެ. އޭގެ އިތުރުން ދަރިވަރުންގެ ކިޔުމުގެ ހުނަރުތައް ތަރައްގީކުރެވޭ އޭގެ ސަބަބުން އެހެން މާއްދާތަކުގައި ކިޔަވާ ބައިތައްވެސް ބޮޑަށް ދެނެގަނެ، ދޭހަވުމަށް އެހީތެރިވެދޭ ހުނަރުތަކެއް ވެސް ދަރިވަރުންނަށް ދަސްކޮށްދެވޭ ގޮތެކެވެ. ޕެލިންކްސަރ އަދި ބްރައުން (1984) ފާހަގަކުރައްވާގޮތުގައި ރެސިޕްރޮކަލް ޓީޗިންގެ އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުންނަކީ މޮޅަށް ކިޔަންދަންނަ ކުދިންނަށް ހެދިދާނެއެވެ. އަދި ކިޔަން ހަވާލުކުރެވޭ ބައިތައް ރަގަޅަށް ފަހުމު ކުރެވިދާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދެވުމުގެ އިތުރުން ކިޔުން މޮޅު ކުދިންނާއި ކިޔުން ދަށް ކުދިންގެ ފަރަގުވެސް މިފަދަ ގޮތްތައް ބޭނުންކުރުމުން ކުޑަކުރެވޭނެއެވެ (ޕެލިންކްސަރ އަދި ބްރައުން، 1984). މިދަންނަވާލެވުނު ކުރު ތަޢާރަފުން ފާހަގަ ކުރެވޭގޮތުގައި މިއީ މާބޮޑު ޓެކްނިކަލް އުދަގޫ ގޮތްތަކެއް ބޭނުންކޮށްގެން ރޭވޭ ކިޔަވައިދިނުމުގެ ގޮތެއް ނޫނެވެ. އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭކަމަކީ ދަރިވަރުންނަށް ކަންކުރާނެގޮތް ތަމުރީނު ކުރުވާ އެގޮތަށް އެކަން ދޭތޯ ބަލާ މުދައްރިސު މޮނިޓަރކޮށް އެހީތެރިވެ ދިނުމެވެ.

ރެސިޕްރޮކަލްކޮށް ކިޔަވައިދިނުން ގެންދަނީ ކީއްވެ؟

ރެސިޕްރޮކަލްކޮށް ކިޔަވައިދޭ އުކުޅުތައް ބޭނުންކުރުމުން:

* ދަރިވަރުންނަށް ވިސްނަން ދަސްކޮށްދެވި އެމީހުންގެ އަމިއްލަ ވިސްނުންތަކާއި ޚިޔާލުތަކާމެދު އަލުން ވިސްނަން އެހީތެރިވެދެވެއެވެ.

* އުނގެނުމުގެ ދަރިވަރުންގެ ދައުރު ވަރަށް ބޮޑުތަނުން އިތުރު ކުރެވި އެކްޓިވްކޮށް/ހަރަކާތްތެރިކޮށް އުނގެނެން ފުރުސަތު ދެވެއެވެ.

* ރަގަޅަށް ސުވާލުކުރަން ދަސްވެ، ވަކި އަމާޒަކާއެކު ވިސްނަން އެނގި ކިޔާބައިތަކާއި ގުޅޭގޮތުން ޚިޔާލުކުރަން ދަސްވެއެވެ.

ރެސިޕްރޮކަލްކޮށް ކިޔަވައިދިނުން ރާވާނީ ކިހިނެއް؟

ރެސިޕްރޮކަލްކޮށް ކިޔަވައިދިނުން ރާވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދަރިވަރުންނަށް ރެސިޕްރޮކަލްކޮށް ވާހަކަތައް/މަޝްވަރާތައް ގެންދާނެ ގޮތުގެ ތަމުރިނުތައް ދިނުމެވެ. ޚާއްޞަކޮށް ކުރިން ބަޔާންވިފަދައިން މިގޮތަށް ކިޔަވައިދޭއިރު ބޭނުންކުރެވޭ 4 އުކުޅު (ލަފާކުރުން، އޮޅުންފިލުވުން، ސުވާލުކުރުން، ޚުލާޞާކުރުން) ގުރޫޕްގެ މަޝްވަރާތެރޭގައި ގެންދާނެ ގޮތް އޮޅުންފިލުވާދީ ފަރިތަކުރުވަން ޖެހޭނެއެވެ. މިގޮތަށް ކިޔަވައިދިނުން ކުރިޔަށް ގެންދާނެގޮތް ހަރުފަތްތަކާއެކު ކުރުކޮށް ލިޔެލާނަމެވެ.

(1) ދަރިވަރުން 4 ކުދިންގެ ގުރޫޕަށް ބަހާލާށެވެ.

(2) ގުރޫޕްގެ ކޮންމެ މެމްބަރަކަށް ނޯޓްކާޑެއް ހަވާލުކުރާށެވެ. އެކާޑުގައިވާނީ އެދަރިވަރަކާއި ހަވާލުކުރެވޭ ރޯލެވެ. މިސާލަކަށް،

* ޚުލާޞާކުރާ ދަރިވަރު

* ސުވާލުކުރާ ދަރިވަރު

* އޮޅުންފިލުވާ ދަރިވަރު

* ލަފާކުރާ ދަރިވަރު

(3) ދަރިވަރުންނާއި ކިޔަން ވަކި ވަކި ބައިބައި ހަވާލުކުރާށެވެ. ކިޔަން ހަވާލުކުރެވޭ ބައި ކިއުމަށްފަހު ކޮންމެ ދަރިވަރަކުވެސް އެދަރިވަރަކަށް ހަވާލުކުރެވޭ ރޯލާއި އެއްގޮތަށް ނޯޓްކޮށް އެކުއްޖެއްގެ ވާހަކަ ދެއްކުމުގެ ވަގުތު ޖެހެންދެން މަޑުކުރާނީއެވެ. ތަފާތު ރޯލުތަކުގައ ކުދިންގެ އެކި ބައި އަދާކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދާއެކު ކޮންމެ ރޯލެއް ވަކިވަކިން ކުރިޔަށް ގެންދާނީއެވެ. މިގޮތަށް އެއްބުރު ދެބުރު ތިން ބުރު ވެސް ހަވާލުކުރާ ކިއުމުގެ ދިގުމިނަށް ބަލާފައި ހެދިދާނެއެވެ. މިސާލަކަށް މުޅި ކިއުން ތިންބަޔަށް ބަހާލާފައި 3 ބުރަށް މުޅި އެކްޓިވިޓީ ރޭވޭނެއެވެ. ޢާއްމުކޮށް ކޮންމެ ރޯލެއްގައި ދަރިވަރުން ބޭނުންކުރަންވާ ޖުމުލައިގެ ވައްތަރުތައްވެސް އޮންނާނީ ހަވާލުކުރެވިފައެވެ. މިސާލަކަށް، ޕްރިޑިކްޓަރގެ ރޯލުނަމަ، އަހަރެންނަށް ލަފާކުރެވެނީ... އަހަރެންނަށް ހީވަނީ.. މިފަދަ ޢިބާރާތްތަކުގެ ޖުމުލަތަކުގެ ފެށުންތައް ދަރިވަރުންނަށް ހަވާލުކުރެވިފައިވާނެއެވެ. ހަމަ މިއުސޫލުން ކޮންމެ ރޯލެއްގައިވެސް ބޭނުންކުރާނެ ޖުމުލަތަކާއި، ވާހަކަ ފަށާނެ ގޮތާއި ސުވާލުކުރާއިރު، އޮޅުންފިލުވާއިރު ނުވަތަ ޚުލާޞާކުރާއިރު، ބޭނުންކުރާނެ ޢިބާރާތްތައް އޮންނަންޖެހޭނީ ދަރިވަރުންނަށް ގައިޑް ދެވިފައެވެ. މިފަދަ ނަމޫނާތައް  bookmark  worksheet   handout  ދެވިފައިވާ މިލިންކުތަކުން ބައްލަވާލައްވާށެވެ.

(4) ފުރަތަމަ ފަށަނީ ޢާއްމުކޮށް ޕްރިޑިކްޓަރ (ލަފާކުރާ ދަރިވަރު) ކަމަށްވާނަ، އެކިޔަން ހަވާލުކުރި އެއްޗެއްގެ ސުރުޚީ ބަލާއި އޭގައި އޭނައަށް ލަފާކުރެވޭގޮތް ހީވާގޮތަށް ވާހަކަ ދައްކާނީއެވެ.

(5) ޕްރިޑިކްޓަރ/ލަފާކުރާދަރިވަރު ބޮޑަށް ވާހަކަ ދައްކާނީ އެކިޔަން ހަވާލުކުރެވިފައިވާ ލިޔުމުގައި ވާ އެއްޗަކާއި ގުޅޭ ގޮތުން ދަރިވަރަށް ފުރަތަމަ ޚިޔާލުކުރެވުނު ގޮތާއި ހީވި ހީވުންތަކާއި ބެހޭގޮތުންނެވެ. ނަމަވެސް ކިއުމަށްފަހު ފަހު އެނގުނު ބައިތައް ކިޔާދޭންޖެހޭނެއެވެ. އަދި ހީވި ހީވުމެއް ތަފާތުވީނަމަ ނުވަތަ އެއްގޮތްވީނަމަ އެބައި ވެސް ދައްކާ ވާހަކައިގައި ހިމަނާލަން ޖެހޭނެއެވެ.

(6) ކްލެރިފަޔަރ/އޮޅުންފިލުވާ ދަރިވަރު ނަމަ ކިޔަން ހަވާލުކުރެވިފައިވާ ބައިން އޮޅުން އަރާ ބައިތަކުން ސުވާލުކުރާނީއެވެ. މިގޮތުން ކުރާއިރު އުނދަގޫ ލަފުޒުތަކުގެ މާނަ، ކުރިން އެނގިފައިވާ އެއްޗަކާ ގުޅޭ އެއްޗެއް ލިޔުމުގައިވާނަމަ، އަދި ގައުމެއްގެ ރަށެއް ނުވަތަ ނުދަންނަ ތަނެއްވާނަމަ އެއާބެހޭގޮތުން އިތުރަށް އޮޅުން ފިލުވަން ސުވާކުރެވިދާނެއެވެ.

(7) ކުއެސްޗަނިއަރ/ސުވާލުކުރާ ދަރިވަރު ކިޔަން ހަވާލުކުރެވިފައިވާ ކިޔުން ކިޔާއިރު ނޭގެ ސާފުކޮށް އިތުރަށް ބޭނުންވާ މަޢުލޫމާތާ ގުޅޭގޮތުން، ސީދާސީދާ އެނގިފައިވާ އެއްޗަކާ ގުޅޭ އެހެން މަޢުލޫމާތަކުން ފުށު އަރާގޮތްވާނަމަ އެއާ ބެހޭގޮތުން ސުވާލުކުރެވިދާނެއެވެ. އޮޅުންފިލުވާދަރިވަރުގެ ރޯލާއި ސުވާލުކުރާ ދަރިވަރުގެ ރޯލު ބައެއްފަހަރު ވަރަށް ގާތްކޮށް ފާހަގަ ކުރެވިދާނެއެވެ. ނަމަވެސް އޮޅުންފިލުވާ ދަރިވަރު ބޮޑަށް ސުވާލުކުރާނީ ކިޔަން ހަވާލުކުރެވިފައިވާ ބައިގައި ހުންނަ ތިލަ މަޢުލޫމާތު ތަކުންނެވެ. ނަމަވެސް ސުވާލުކުރާ ދަރިވަރުގެ ބައި ބޮޑަށް ގުޅޭނީ ސީދާ ސީދާ ސާފު ނުވާ ބައިތަކާއި، ފުށު އަރާ މަޢުލޫމާތާއި ތަފާތު ބޮޑެތި ކޮންސެޕްޓް/މަފުހޫމުތައް ފަދަ ބައިތަކާއެވެ.

(8) ސަމަރައިޒާ/ޚުލާޞާކުރާ ދަރިވަރުގެ ބައިގައި ދަރިވަރު ކިއި ބައިތަކުގެ ޚުލާޞާ ހުށަހަޅާ ހަވާލު ކުރެވުނު ކިއުމުގައި ހިމެނޭ މުހިންމު ޕޮއިންޓްސްތައް ވަކިކޮށް ކިޔައިދޭނީއެވެ.

(9) ހުރިހާ ރޯލެއް ފުރިހަމަކޮށް އެއްބުރު ހަމަވުމުން ދަރިވަރުންގެ ރޯލްތައް އަލުން ބަދަލުކުރާނީއެވެ. ދެން އަނެއްކާވެސް ކުރިން ފެށިގޮތަށް ކުރިއަށް ޚުލާޞާކުރާ ދަރިވަރާއި ހަމައަށް ބުރު ނިމެންދެން ގެންދާނީއެވެ. މިގޮތުން ކޮންމެ ބުރެއްގައި ވެސް ގުރޫޕްގެ ހަތަރު ކުދިންގެ ބައި ހިމެނި މުޅި ބުރު ނިންމަން ފުރުސަތު ދޭން ޖެހޭނެއެވެ.

(10) މުޅި އެކްޓިވިޓީގެ ތެރޭގައި މުދައްރިސުގެ ރޯލަކީ ދަރިވަރުންނަށް ގައިޑްކޮށްދީ ހަވާލުކުރެވޭ ރޯލު ފުރިހަމަ އަށް އަދާކުރުމަށް އެހީތެރިވެ ބައެއްފަހަރު ސުވާލުކޮށްލާ ވެސް ހެދުމެވެ. މިފަދަ ގޮތަކަށް ރެސިޕްރޮކަލް ކޮށް ކިޔަވައިދޭއިރު ދަރިވަރުން މިހުނަރުތަކަށް ފަރިތަވާ މިންވަރުން މުދައްރިސުގެ ދައުރު ކުޑަވަމުން ދާނެއެވެ. މިގޮތަށް ފިލާވަޅު ގެންދާއިރު، ކޮންމެ ދަރިވަރަކުވެސް މުޅި އެކްޓިވިޓީ ނިމޭއިރު ފުރިހަމަ ކުރަންޖެހޭ ވާރކްޝީޓެއް ދެވިފައިވާނެއެވެ. ގުރޫޕްގެ ވާހަކަ ދެކެވެމުންދާއިރު ކޮންމެ ކުއްޖަކުވެސް އެޝީޓް ދާނީ ފުރިހަމަ ކުރަމުންނެވެ.މިޝީޓްގެ ނަމޫނާއެއް މިލިންކުން ބައްލަވަލާއްވާށެވެ. މިފަދަ ގޮތަކަށް ކުލާސްރޫމު ރާވާނެ ގޮތާއި ދަރިވަރުންގެ މެދުގައި ރެސިޕްރޮކަލްކޮށް ކިޔަވައިދިނުން ތަންފީޒު ކުރާނެގޮތުގެ މިސާލެއް ދެވިފައވާ ޔޫޓީޔުބް ލިންކްވެސް ބައްލަވަލާއްވާށެވެ.

މިއަދު މި ލިޔެލެވުނު ވާހަކަ ކޮޅަކީވެސް ކިޔަވައިދިނުމުގައި ވަރަށް ކާމިޔާބު ކަމާއެކު ތަންފީޒުކުރެވޭ ކިޔަވައިދޭ ގޮތަކާ ބެހޭގޮތުންނެވެ. ރެސިޕްރޮކަލްކޮށް ކިޔަވައިދިނުން ޢާއްމުކޮށް ރާވަނީ ބަސް ކިޔަވައިދޭއިރު ކިޔުމުގެ ދޭހަގެ ބައި ގެންދިއުމަށް ބޭނުންކުރާ އުކުޅުތަކެއް ގޮތަށެވެ. ނަމަވެސް ތަފާތު އެހެން މާއްދާތަކުގެވެސް ހަވާލުކުރެވޭ ކިއުންތައް ދަރިވަރުން ލައްވާ ކިއުއްވާ އެކުދިންނަށް ފިލާވަޅުގެ ބައިތައް ފަހުމުވުމަށް މިއުކުޅުތައް ބޭނުންކޮށްގެން އެހީތެރިވެދޭނެއެވެ. އަދި ހަމަ އެހެންމެ، މިފަދަ ހަރަކާތްތަކުން ދަރިވަރުންނަށް ދަސްކޮށްދެވޭ ޚާއްޞަ ހުނަރުތަކުގެ ތެރޭގައި ވިސްނައިގެން ސުވާލުކުރަން އެނގުން، ވިސްނަން ދަސްވުން، ލަފާކޮށް ޚިޔާލުކުރަން ދަސްވުން، އެހެންމީހުންގެ ރައުޔުތައް ބަލައިގަތުން، އެހެން މީހުންގެ ވިސްނުންތައް އަމިއްލަ ސިކުނޑިއަށް ނަގައިގަތުން ހިމެނެއެވެ. މިނޫނަސް އަޑު އެހުމުގެ ހުނަރުތަކާއި، ވާހަކަ ދެއްކުމުގެ ހުނަރާއި، ކިއުމުގެ ހުނަރު، ޚުލާޞާކުރުމުގެ ހުނަރު ފަދަ ކަންކަމަކީ ފަސޭހައިން ދަރިވަރުންގެ ތަރައްގީކުރެވޭ ހުނަރުތަކެއް ނޫނެވެ. މިފަދަ ގޮތަކަށް ކިޔަވައިދިނުން ފަރުމާކުރާނަމަ މިހުރިހާ ކަމެއް ފިލާވަޅުތަކުގެ ތެރެއިން ހާސިލުވަމުންދާނެއެވެ. ކުދިންގެ އަމިއްލަ ނަފުސުގެ އިތުބާރު ބޮޑުވެ، ސާފުކޮށް އެއްޗެހި ހުށަހަޅަން އެނގުމާއި ސާބިތުކަމާއެކު ޚިޔާލު ހުށަހެޅުންފަދަ އެތަށް ކަމެއް ދަރިވަރުންނަށް ފަރިތަވަމުންދާނެއެވެ. އަޅުގަނޑުގެ އުއްމީދަކީ މިއަދުވެސް މިހުށަހަޅާލެވުނު މަޢުލޫމާތު ކޮޅަކީ ވެސް މުދައްރިސުން އަޖުމަ ބަލާލާހިތްވާ ކަހަލަ އަދި ކިޔަވައިދިނުމުގެ ތެރޭގައި ތަޖުރިބާ ކޮށްލާ ފަދަ ގޮތްތަކެއް ކަމަށްވުމެވެ. މިފަދަ ކޮންމެ ކަމަކީވެސް އެކަންކަމާ މެދު ގާތުން ވިސްނައިލައްވާފިނަމަ އެތަށް ފައިދާތަކެއް ހާސިލުވެ ކިޔަވައިދިނުން ހަރުދަނާ ކުރެވޭނެ ގޮތްތަކެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.