ޖެނުއަރީ10 ގައި މާލެއާއި އަތޮޅު ތަކުގައިވެސް ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދަވާނީ ގައިދުރު ކަމާއި އެނޫންވެސް ކޯވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކުގައެވެ.
ޕިއެސްއެމްގެ "ރާއްޖެ މިއަދު" ގައި އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބް އަޙްމަދު މުޖާހިދު ވިދާޅުވީ ސްކޫލުތަކުގެ ކިޔެވުން ފަށްޓަވާއިރު ކޮންމެ ރަށެއްގެ ހާލަތަށް ވެސް ވަަކިވަކިން ބައްލަވާނެކަމަށެވެ. އަންނަ ޖެނުއަރީގައި ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު އުސޫލުތައް ކަނޑައަޅައިފައިވާނީ ވެސް ސަރުކާރުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް މަޝްވަރާ ކުރެއް ވުމަށްފަހު ކަމަށް މުޖާހިދު ފާހަގަކުރެއްވިއެވެ.
ސްކޫލު ތަކުގެ ކިޔެވުން ފެށްޓެވި ކަމުގައި ވިއަސް މާލެ ފަދަ ދަރިވަރުންގެ އަދަދު ގިނަ ތޮއްޖެހުން ބޮޑުތަނެއްގައި ކޮންމެ ދުވަހު ކުދިން ސްކޫލަށް ގެންގޮސް ކިޔަވައި ނުދެވޭ ސްކޫލުތަކުގައި އޮންލައިިން ކްލާސްތަކާއި ޓެލެކަލާސްތައް ވެސް ކުރިއަށް ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވިއެވެ.
ތިން ކެޓަގަރީއަކަށް ބަހައި ލައިގެން ކިޔަވައި ދިނުން ކުރިއަށް ގެންދެވުމަށް ނިންމެވި ނަމަވެސް ވަކިވަކި ކީ ސްޓޭޖް ތަކުގައި މާއްދާތައް ކިޔަވައިދޭންވީ ވަރު ބަޔާންކޮށްފައިވާނެކަމަށް މުޖާހިދު ފާހަގަކުރެއްވިއެވެ. ސްކޫލަށް ގޮސްގެން ގަޑިތައް ކަވަރުކުރެވޭ ކަމަށްވާނަމަ، އޮންލައިން ކްލާސްތައް ކުރިއަށް ނުގެންދަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅިވިއެވެ. އެނޫން ހާލަތްތަކުގައި އޮންލައިން ކްލާސްތަކާއި ޓެލެ ކްލާސްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ގައިދުރުކަމާއެކު ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ފެށިގެން ދާނެކަމަށް ވިދާޅުވިއެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު އިތުރު ހެޔޮ ބަދަލުތަކާއެކު ނާސްތާ ޕްރޮގަރާމް ވެސް ފެށްޓެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. ނާސްތާ ޕްރޮގަރާމަކީ ވަރަށް ކާމިޔާބު ޕްރޮގަރާމެއްކަމަށް އެޑިޔުކޭޝަނުން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.
ސްކޫލުތަކުގެ ދިރާސީ އާ އަހަރު ފެށޭނީ އަންނަ އަހަރުގެ އޯގަސްޓް މަހުގައެވެ. ޖެނުއަރީ 10 ގައި ފެށޭނީ މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމެވެ.