ޤާނޫނުއަސާސީގައިވާ މުއްދަތެއް އާއްމުޤާނޫނަކުން ބަދަލު ކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއް: މެމްބަރ އުޝާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤާނޫނުއަސާސީގައި ލިޔެ ބަޔާން ކޮށްފައިވާ މުއްދަތެއް ޤާނޫނުއަސާސީ އިޞްލާޙުނުކޮށް އާއްމުޤާނޫނަކުން ބަދަލު ކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއްކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރ އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މެމްބަރ އުޝާމް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މެމްބަރ ޙަޞަން ލަޠީފް  މިއަދު މަޖިލިހަށް ހުށަހަޅުއްވައި ފުރަތަމަ ކިޔުން އިއްވި ބިލާ ބެހޭގޮތުން މެމްބަރ އުޝާމް ވިދާޅުވީ، މިބިލްގެ  މަޤްޞަދަކީ  ޤާނޫނު އަސާސީ އިޞްލާޙް ނުކޮށް ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ މިހާރުގެ ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު އިތުރުކުރުން ކަމަށެވެ. ނަމަވެސް އެއީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއްކަމަށެވެ.

މެމްބަރ ޙަސަން ހުށަހެޅުއްވި ބިލްގައި މިހާރު ހިންގަމުންދާ ކައުންސިލްތައް ދެމި އޮތުމާ ގުޅޭ ގޮތުން ބުނެފައި ވަނީ އެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ކައުންސިލްތަކަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކަކަށް ވީނަމަވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން މެނުވީ ހިންގުމަކީ ޤާނޫނު އަސާސީގެ ނައްސުން މަނާކުރާ ކަމަކަށް ވީހިނދު، އަދި ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވެ އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތި ވެދާނެތީއާއި، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނޭ ގޮތެއް ޤާނޫނު އަސާސިގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވާތީ، ލޯކަލްކައުންސިލްތަކުގެ އިންތުޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތުޚާބުކުރެވޭ މެމްބަރުން މަޤާމާ ޙަވާލުދެން އެޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިންތިޚާބުކުރެވިފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެމީހުންގެ މަޤާމްގައި ދެމި ތިބޭނެ ކަމަށެވެ.

ޤާނޫނު އަސާސީއާއި ޤާނޫނުން ކައުސިލްތަކަށް ދީފައިވާ ޤާނޫނީ ޙައިޞިއްޔަތުވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ދައުރު ދެމިގެންދާ މުއްދަތަށް ކައުންސިލަތަކަށް ލިބިގެންދާނެކަމަށް ވެސް މެމްބަރ ޙަސަންލަތީފް ހުށަހެޅުއްވި ބިލްގައި ބަޔާންކޮށްފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.