"ނޫ ރާއްޖެ" ޕްރޮގްރާމްގެ ދަށުން ގިނަ ތަމްރީނުތަކެއް ރޭވިފައިވޭ

"ނޫ ރާއްޖެ" ޕްރޮގަރާމްގެ ދަށުން ގިނަ ތަމްރީނުތަކެއް ރޭވިފައިވާކަމަށް ފިޝަރީޒް އެންޑް  މެރިން ރިސޯސަސް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިކަން ހާމަކުރައްވައިފައި ވަނީ "ނޫ ރާއްޖެ " ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައެވެ.  ކޯސްތަކަށް އިއުލާން ކުރުން ވިހާވެސް ގިނަ ޒިުވާނުން އެކަމަށް ތަރުހީބު ދެއްވައި ކޯސްތަކުގައި ބައިވެރިވުމަށް ވެސް މިނިސްޓަރ ޒަހާ އެދި ވަޑައިގެންނެވިއެވެ. 

މި ތަމްރީނު ޕްރޮގަރާމްތަކާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް މެރިން ރިސާރޗް އިންސިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރު ވިދާޅުވީ  މި ކުދި ކޯސްތައް ފަރުމާ ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ކަމާބެހޭ އިންސްޓިޓިއުޓަކާ  ގުޅިގެން ކަމަށެވެ. އަދި ކޯސްތަކަކީ އެ ދައިރާތަކުން މަތީ ތައުލީމަށް ދިއުމަށް ވެސް މަގުފަހިވާނެ އެކްރެޑިޓް ކޯސްތަކަކަށް ވާނެކަމުގެ ޔަގީންކަން ހަނާ ދެއްވިއެވެ. 

"ކިޔަވައި ދެއްވާނީ ހަމަ އެކަނި  ފަރަކަށް ގޮސް ސާރވޭ ކުރާނެ ގޮތެއް ނޫން. ފަރުތަކުން ލިބޭ މައުލޫމާތިު ބެނުން ކޮށްގެން އެނަލިސިސް ހަދައިގެން އެ ރިޕޯޓު ލިޔާނެ ގޮތާ ހުރިހާ އެއްޗެއްވެސް  ކިޔަވައި ދެވޭނެ." ހަނާ  ވިދާޅުވިއެވެ. 

ރާއްޖެއަކީ ފުދޭ ވަރަކަށް ގިނަ ޑައިވަރުން އުޅޭ ގައުމަކަށް ވާއިރު މި ތަމްރީނުތަކުގައި ޑައިވަރުން ބައިވެރިވެ ކެޕޭސިޓީ އިތުރުކުރުމުގެ މުހިންމުކަން ވެސް ހަނާ ފާހަގަ ކުރެއްވިއެވެ.

ކަނޑުފަޅާއި ފަރުތަކުގެ  ރިސާރޗާ ބެހޭ ކޯސްތަކުގެ އިތުރުން ބުލޫ އިކޮނޮމީ ނުވަތަ ކަނޑުފަޅުފަރުން ހޯދޭނެ އިގްތިސާދީ ފައިދާއާ ގުޅުން ހުރި ކޯސްތައްވެސް ފަރުމާ ކުރުމަށް ރޭވިފައިވާކަމަށް ހަނާ ވިދާޅުވިއެވެ. 

 "ނޫ ރާއްޖެ " ޕްރޮގްރާމަކީ  ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް  ފަސް އަހަރު ދުވަހަށް ކުރިއަށް ގެންދެވުމަށް ރާވައިފައިވާ  ޕްރޮގްރާމަކެވެ.  

"ނޫ ރާއްޖެ" ]ޕްރޮގްރާމް ކުރިއަށް ގެންދެވުމަށް ރާވާފައިވަނީ  ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެންނެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިގްތިސާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ވިއުގައެކެވެ.

"ނޫ ރާއްޖެ" އިފްތިތާހު ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވައިލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމުގައި ވިދާޅުވިއެވެ. ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ގައުމުގެ އިގްތިސާދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.