ޓެސްޓުކުރި ދެހާހަށް ވުރެ ގިނަ ސާމްޕަލުން ކޯވިޑަށް އަލަށް ޕޮޒިޓިވްވީ އެންމެ 10 މީހުން

ކޯވިޑް 19 އަށް ޓެސްޓްކުރި 2297 ސާމްޕަލްގެ ތެރެއިން  އަލަށް ޕޮޒިޓިވްވީ އެންމެ  ދިހަ މީހުންނެވެ. މިއީ ރެކޯޑު އަދަދަކަށް އަލަށް ކޯވިޑް ޖެހުނު މީހުން ދަށަށް ދިޔަ ދުވަހެކެވެ. 

ބަލި ޖެހުނު މީހުންގެ އަދަދު، ކުރިން  އެއްދުވަހު އެންމެ ދަށަށް ގޮސްފައި ވަނީ 11 އަށެވެ. އެއީ ޓެސްޓްކުރި 1854 މީހުންގެ ތެރެއިންނެވެ. އެއީ މިމަހުގެ 14 ވަނަ ދުވަހު އަލަށް ޕޮޒިޓިވްވި އަދަދެވެ. އިއްޔެ އަލަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 13 އެވެ. އެއީ ޓެސްޓްކުރި 2754 ސާމްޕަލްގެ ތެރެއިންނެވެ. 

 މީހާރު ކޯވިޑަށް ޓެސްޓް ކުރެވޭ އަދަދާ އަޅާބަލާއިރު ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. 

މިއަދު އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަޙައްދުންނެވެ. އަނެއް ތިން މީހުންގެ ތެރެއިން ދެމީހަކު ރިސޯޓުން ޕަޮޒިޓިވްވެފައިވާއިރު އެކަކު ޕޮޒިޓިވް ވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ  ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރު ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދަކީ 561 އެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ 54 މީހުންނަށެވެ. މިހާރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 13402 އެވެ. ބަލިން ރަނގަޅު ވެފައިވަނީ 12786 މީހުންނެވެ. މި ބަލީގައި މަރުވެފައި ވަނީ 48 މީހުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.