އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނިންމާ ނުލެވުމުން ރުކުމާ އަލީގެ ފާޑުކިޔުން ސަރުކާރަށް

ދެ އަހަރު ވީއިރުވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނިންމާ ނުލެވުމުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ، ކުރީގެ އެމްޑިޕީ މެންބަރު ރުކުމާ އަލީގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މަސައްކަތާ ބެހޭގޮތުން ރާއްޖެ އެމްވީ އިން ލިޔެފައިވާ ޚަބަރަކާ ގުޅިގެން ކުރީގެ މެންބަރު ރުކުމާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ހުޅުމީދޫގައި 95 އިންސައްތަ މަސައްކަތް ނިމިފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބާކީ ފަސް އިންސައްތަ މަސައްކަތް މިވެރިކަމަށް ދެ އަހަރުވީއިރުވެސް ނިންމާނުލާ ބޭއްވުމަކީ އައްޑޫއާއި ދެކުނު މަސްވެރިންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

ކުރީ ސަރުކާރުން ގާއިމުކުރި ފިޝަރީޒް ކޮމްޕްލެކްސްގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭނެއެވެ. އަދި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާކުރެވޭނެ ގޮތަށް ވަނީ ޑިޒައިންކޮށްފަ އެވެ.

މިފްކޯގެ މިހާރުގެ ސީއޯއީ އިސްމާޢީލް ފައުޒީ ވިދާޅުވެފައި ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޚިދުމަތް ފެށުމަށް އަދި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެ ތަނުގައި ބަނދަރެއް ނެތުމުން މިހާރު ހަތްދިޔަ މިލިއަން ރުފިޔާއަށް އެތަނުގައި ބަނދަރެއް ހެދުމުގެ މަސައްކަތް އެމްޓީޓީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ބަނދަރުގެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ވެސް މިފްކޯގެ އެމްޑީ ވަނީ ވިދާޅުވެފައެވެ. ތަނުގެ ޚިދުމަތް ފެށޭނީ އޭގެފަހުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް މަސް ރައްކާކުރަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގޭދޮށު މަސް ފެކްޓްރީ ތަރައްގީކުރުމުގެ މަސައްކަތް ފަށްޓަވައިފައެވެ. ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އެމަޝްރޫޢުތައް ނިމޭނެކަމަށް ވެސް ވަނީ ބުނެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.