ތިންމަހެއްހާ ދުވަސްތެރޭ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވޭނެ: މިފްކޯ

ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސް: ފޮޓޯ ސޯޝަލް މީޑިއާ

ކުރިއަށްއޮތް ތިން މަހެއްހާ ދުވަސްތެރޭގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގެ ނުނިމިހުރި މަސައްކަތް ނިންމައި ޚިދުމަތްދޭން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން ވާހަކަ ދެއްކެވި އިބްރާހީމް ޚަލީލް ވިދާޅުވީ އެތަނުގައި މިހާރު ކުރިއަށްދަނީ ކަރަންޓުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ޙަވާލުކޮށްފައިވަނީ ލަންކާ ބަޔަކާއެވެ. އެހެންނަމަވެސް އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު ހަމަވެގެން ދިޔައިރުވެސް އެމީހުންނަށް އެކަން ނިންމައި ނުލެވުނު ކަމަށް ޚަލީލް ވިދާޅުވިއެވެ. އެހެން ކަމުން މިފްކޯއިން މިހާރުވަނީ އެމީހުންނާއެކު ވެފައިވާ އެއްބަސްވުން އުވާލައި އަމިއްލައަށް އެމަސައްކަތް ކުރަން ނިންމަވައިފައެވެ.

ޚަލީލް ވިދާޅުވީ އެތަނުގެ އޮޕަރޭޝަންސް ނުފެށި މިހާރު ލަސްވަމުންދަނީ ވެސް އެމައްސަލައިގެ ސަބަބުން ކަމަށެވެ. "އެ މަސައްކަތް ޙަވާލުކޮށްފައިވާ ލަންކާ ކުންފުންޏަށް އެމަސައްކަތް ނުކުރެވި ލަސްވެގެން ދިޔުމުގެ ސަބަބުން މަސައްކަތް ނުފެށިގެން އުޅެނީ. އެމީހުންހުރީ ވަގުތީ ކަރަންޓެއް ދީފައި. އެ ކަރަންޓު ދާއިމީ ކަރަންޓަށް ބަދަލުކޮށްގެން ފަށަން ވެގެން މަސައްކަތް ލަސްވަނީ. އެކަމަކު އެމަސައްކަތް ނުކުރާ ކަމަށްވާނަމަ އެއްބަސްވުން ބާތިލްކޮށްފައި ބާކީ ހުރި މަސައްކަތް މިފްކޯ އަމިއްލައަށް ކުރާގޮތަށް ނިންމައި އެކަން ކުރަމުން މިދަނީ. ކުރިއަށްއޮތް ތިންމަހެއްހާ ދުވަސް ތެރޭގައި އެމަސައްކަތް ނިންމާލައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޮޕަރޭޝަނަށް އަންނާނެ،" ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުވިއިރުވެސް "އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް" ގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އެ މަސައްކަތް ނިމިފައި ނުވާތީ މަސައްކަތް ކުރަމުންދިޔަ މައި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ވަނީ އުވާލައިފައެވެ. އެ އެއްބަސްވުން ބާތިލް ކުރުމަށްފަހު ބާކީހުރި މަސައްކަތުގެ އެއްބައި މިފްކޯ އަމިއްލައަށް ކުރަން ފެށިއެވެ. އޭރު ރެފްރިޖަރޭޝަން ބެހެއްޓުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. "އޭރު އެއްވެސް ވަރަކަށް ނުފަށައި އޮތް ބަޔަކީ ރެފްރިޖަރޭޝަން އިންސްޓޯލޭޝަންގެ މަސައްކަތް. ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ސިރާ ޔޫތު ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެން އެކަން ވަނީ ނިންމާފައި. ޓެސްޓަށް މަސްއަޅާފައި ޓެސްޓްކޮށްފައި ހުރިހާ ކަމެއް ނިމިފައިހުރީ،" ޚަލީލް ވިދާޅުވިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ހުންނާނެއެވެ. އަދި ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވޭނެ ވަސީލަތް ހުންނާނެއެވެ. އޭގެ އިތުރަށް 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.