ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން، ދިއުމަށް ދެކޮޅުހަދާ 85 މީހަކު ފެސިލިޓީތަކަށް ނުގެންދެވިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިއަދުގެ ފަހެއް ޖެހުމާ ހަމައަށް 24 ގަޑިއިރު ތެރޭގައި ބަލިޖެހިގެން ފެސިލިޓީތަކަށް ގެންދަން ޖެހިފައި ވަނީ 138 މީހެއްކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ 359 މީހުން ފެސިލިޓީތަކަށް ނުގެންދެވި ތިބިކަން ޑޮކްޓަރ އަފްޒަލް ފާހަގަ ކުރެއްވިއެވެ. އަދި 15 މީހަކު އާއިލާގެ އެހެން މީހުންގެ ނަތީޖާ ލިބުމުން ނޫނީ ނުދާން ތިބިކަން ފާހަގަކުރެއްވިއެވެ. ފޯނަށް ޖަވާބު ނުދީގެން 14 މީހަކު ފެސިލިޓީތަކަށް ނުގެންދެވި ތިބިކަން ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. އެޗްއީއޯސީގެ ފަރާތުން ނުގެންދެވި ޕެންޑިންގގައި ތިބީ ހަޤީޤަތުގައި 22 މީހުން ކަމަށް ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.
ބަލި ޖެހިފައިވާ މީހުން އަމިއްލަ ގޭގައި އައިސޮލޭޓް ވުމާމެދުވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.
"އެއީވެސް އޮޕްޝަނެއް. އެހެން ޤައުމުތަކުންވެސް ގޮސްފައި ހުރި އޮޕްޝަނެއް. އެގޮތަށްވެސް މަޝްވަރާ ކުރެވެމުން ދަނީ. އެހެންނަމަވެސް ބައެއް ކަހަލަ އިތުރު ކަންތައްތަކެއްވެސް ނިންމަން ޖެހޭ ޕޮލިސީއެއް ގޮތުން އެކަހަލަ ނިންމުމެއް ނިންމާއިރު." ޑރ. ނަޒްލާ ވިދާޅުވިއެވެ.
އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ނުވަ ރިސޯޓެއް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ޕޮޒިޓިވް ކޭސް އިތުރުވާ ވަރަކަށް އައިސޮލޭޓް ކުރަން ޖެހޭ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. މިމަސް ފެށުނު ފަހުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް އުޅެނީ 100 އިން މަތީގައެވެ.