އިނގިރޭސި ބޮޑުވަޒީރަށް، އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ކޮވިޑް-19އަށް ޕޮޒިޓިވްވެ އެބައްޔަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ބޮޑުވަޒީރަށް މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖު ރައީސް ފޮނުއްވީ އިއްޔެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަފައިވެއެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މީގެ 11 ދުވަސްކުރިންނެވެ. އަދި ބަލީގެ ސަބަބުން އިތުރު ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އެހެންނަމަވެސް ރޭގެ ވަގުތެއްގައި ބޮޑުވަޒީރުގެ ބަލި ހާލު އިތުރަށް ގޯސްވުމުން ވަނީ އައިސީޔޫއަށް ބަދަލުކޮށް އެތަނުގައި ފަރުވާދޭން ފަށައިފައެވެ.

މި މެސެޖުގައި އިނގިރޭސި ބޮޑުވަޒީރުގެ ބަލިހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފައިވެއެވެ. އޭގެ އިތުރުން، ކޮވިޑް-19 ހުއްޓުވުމަށް މުޅި ދުނިޔޭގައި މިހާރު ވަކިވަކި ފަރުދުންނާއި އަދި މުޖުތަމަޢުތައް އެކުގައި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމި އޮތުމަށް އެދިވަޑައިގަންނަވަމުން ކަމަށް ރައީސް އޮފީހުން ވިދާޅެވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.