މިއަދު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި ގާތްގަޑަކަށް 71 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއްވި ގޮތުގައި މަސްތުވާތަކެތި ހުރީ ދެ ގޯންޏާއި ދެ ލަގޭޖުގައެވެ. މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މީޑިއާއިން ކުރިން ވިދާޅުވެފައި ވަނީ ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައ ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު 10 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި ކަނޑުމަތީގެ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓާއި މެރިން ފުލުހުން ގުޅިގެންކަމަށެވެ.
ޕޮލިސް ކޮމިޝަނާ މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކަނޑާއި އެއްގަމުގައި މި އޮޕަރޭޝަން ކުރިއަށް ގެންދާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. މިއޮޕަރޭޝަންގައި މިއަދު ހެނދުނުން ފެށިގެން މިހާތަނަށް އެތައް ތަނެއް ބަލައި ފާސްކޮށް މަސްތުވާތަކެތީގެ ވަގުފާރީގައި ބައިވެރިވާކަމަށް ޝައްކު ކުރެވޭ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.