ހަރުކަށި ފިކުރާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމަށް ދިވެހި މީޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންފި 

ހަރުކަށި ފިކުރާއި، ހައްދުފަހަނައަޅައިދިއުމާ ގުޅޭގޮތުން މީޑިޔާ ހޭލުންތެރިކޮށް ބާރުވެރިކުރުމަށް ބާއްވާ އެއްދުވަހުގެ ވެބިނާރެއް ހޯމް މިނިސްޓްރީން ފަށްޓަވައިފިއެވެ.

ހޯމް މިނިސްޓްރީން އިސްނަންގަވައިގެން ރާވާ އެއް ދުވަހުގެ މި ވެބިނާރަކީ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާއި، އެފަދަ ކަންކަމާ ގުޅޭ ޚަބަރާއި މަޢުލޫމާތު މުވާސަލާތުކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ގެންގުޅޭ އުޞޫލުތަކަށް ދިވެހި މީޑިއާ އަހުލުވެރިކޮށް، ބާރުވެރިކުރުވުމަށް ބާއްވާ ވެބިނާރެކެވެ. މި ވެބިނާރުގެ އަމާޒަކީ، ނޫސްވެރިކަމުގެ ސުލޫކާއި އުޞޫލުތަކަށް އަހައްމިއްޔަތުކަން ދިނުމާއެކު، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ސަމާލުކަންދޭން ޖެހޭ މުހިއްމު ކަންކަމަށް އަހުލުވެރިކުރުވުން ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މިވެބިނާރު ފެށްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރު ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ ހިސާބުތަކުން ފެންނަގޮތުގައި ޤައުމީ ބޮޑު މައްސަލައެއްކަމަށެވެ. މަސްތުވާތަކެތީގެ ވަބާއަކީ ކޮންމެ ގޭބިސީއަކާ ހަމަޔަށްވެސް ފޯރާފައިވާ ކަންބޮޑުވުމެއް ކަމަށެވެ. ވޭތުވެދިޔަ މާޒީގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ މުހިންމު އެއް އެޖެންޑާއަކީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުންކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމަޢުގެ ހަތަރުވަނަ ބާރުކަން ފާހަގަކުރައްވަމުން، ނަޒީރު ވިދާޅުވީ މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާ ކަމަށެވެ. ބައިނަލްއަޤުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށްވިޔަސް، ދާޚިލާ ސިޔާސީ ކަމަކަށްވިޔަށް، އިޤްތިސާދީ ކަމަކަށްވިޔަސް، ދީނީ ނުވަތަ އިޖުތިމާޢީ ކަމަކަށްވިޔަސް ސާފުކޮށް އެނގެން އޮތް ހަޤީގަތަކީ އެކަމަކާމެދު ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަންކަމަށެވެ. އެހެންކަމުން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާކަމުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. މި މައްސަލަ ޙައްލު ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވާ ދިވެހި މީޑިއާގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުމަށް އެދިވަޑައިގެންނެވިއެވެ.

"މިރާއްޖޭގެ އެއްވެސް މީޑިއާއަކުން ޤަސްދުގައި ހަރުކަށިފިކުރާއި ހައްދުފަހަނައަޅާދިއުމަށް ހިއްވަރު ނުދޭނެކަން އެއީ އަޅުގަނޑުމެން އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާކަމެއް. އެހެން ނަމަވެސް، މީޑިއާތަކުން ބައެއްފަހަރު ބައެއްކަހަލަ ޚަބަރުތައް ކަވަރުކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އަޅުގަނޑުމެން އެކަކުވެސް ނޭދޭ ހާލަތްތައް މެދުވެރިވާތަން އާދޭ. ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަލިބި ބާރުވެރިވާތަން އާދޭ. އަދި ބައެއްފަހަރު ހިނގަމުންދާ ތަހުގީގުތަކަށް ދަތިތައް ކުރިމަތިވާތަންވެސް އާދޭ."  ސްޓޭޓް މިނިސްޓްރ ނަޒީރު ވިދާޅުވިއެވެ.

އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މީޑިއާ އަކީ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޞުލްޙަވެރިކަމާއި އަމާންކަށް ކަށަވަރުކުރުމުގައި ހަމަހަމަކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތް ކަމަށެވެ. އެހެންކަމުން މީޑިއާގެ ފަރާތުން ގެނެސްދޭ ކޮންމެ މަޢުލޫމާތެއް ބިނާވާންވާނީ އޭގެ ސައްޙަކަން އެކުލެވިގެންވާ، މަޢުލޫމާތުތަކުގެ ސަބަބުން ރައްޔިތުންގެމެދުގައި އަމަންއަމާންކަމާއި އެކު ހޭލުންތެރިކަން އިތުރުކޮށް ހެޔޮމަގުދެއްކުމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.

މިވެބިނާރު ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެންނެވެ. ވެބިނާރުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނާއި، މޯލްޑިވްސް މީޑިޔާ ކައުންސިލާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، ރާއްޖޭގެ މީޑިޔާތަކުން ނޫސްވެރިން ބައިވެރިވެއެވެ. ޕެނަލިސްޓުން ހިމެނޭ ގޮތަށް 41 ބޭފުޅުން ވެބިނާރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.