ބަޖެޓަށް އާމްދަނީ ހޯދުމަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް އަމާޒުކޮށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ތައް މަޖިލީހުން ފާސްކޮށްފިއެވެ. 

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނި މުޅި މަޖިލީހުން ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ހުށަހެޅުނު ތިން އިސްލާހަކާއެކުގައެވެ. މިތިން އިސްލާހާއެކު ބިލް ފާކުރެއްވީ 57 މެންބަރުންގެ އިއްތިފާގުންނެވެ.

ތިން އިސްލާހު ވެސް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާނެވެ. ފުރަތަމަ އިސްލާހުގައި ވަނީ ޓޫރިސްޓް ރިސޯޓު ތަރައްގީކުރާ ޖޮއިންވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު ހިއްސާ އެ ރަށްރަށާއި ބިންބިމާއި ފަޅުގެ ކޮންމެ އަކަމީޓަރަކަށް އެކުންފުޏެއްގައި ހިމެނޭ ސަރުކާރުގެ ކޮންމެ ހިއްސާއަކަށް ފަސް ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ އަދަދަށް އަނެއް ހިއްސާ ދާރަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވާކަމަށެވެ. ހިއްސާ ވިއްކާ ލުމުގެ މުޢާމަލާތް ހިންގަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފައިވާ  ގަވާއިދުތަކާ އެއްގޮތް ވާގުގެ މަތިން ކަމަށްވެސް މި އިސްލާހުގައި ވަނީ ބުނެފައެވެ.  އޭނާ ހުށަހެޅި ދެވަނަ އިސްލާހަކީ އިންޓިގްރޭޓެޑް ފަތުރުވެރިކަން ތަރައްގީކުރަން ލައިސަންސް ދޫކުރުމުގައި އުސޫލާއި، މިހާރު ތަރައްގީކޮށްފައިވާ ސަރަހައްދެއް އިންޓަގްރޭޓެޑް ފަތުރުވެރިކަމަށް ބަދަލުކުރުމުގައި ބަލާނެ މިންގަނޑުތައް ގާނޫނުގެ ދަށުން ހެދޭ ގަވައިދުގައި ހިމެނުން ލާޒިމުވާ ގޮތަށް ހުށަހެޅި އިސްލާހެކެވެ. ތިންވަނަ އިސްލާހަކީ ސްޓްރާޓާ އުސޫލުން ދޫކުރާ ވިލާތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ދަފްތަރު ބަލަހައްޓާނެ ގޮތާއި، އެއްބަސްވުމުގައި ހިމަނަންޖެހޭ މާއްދާތަކާއި، ވިލާއެއްގައި ހިމެނޭ އަސާސީ ހިދުމަތްތަކުގެ ތަފްސީލު ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ހިމެނުން ލާޒިމުވާ ގޮތަށް ހުށަހެޅި އިސްލާހެކެވެ.

ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާހުތަކަކީ އަންނަ އަހަރުގެ ބަޖެޓަށް އާމްދަނި އިތުރުކުރުމަށް ފަހިވާ ގޮތަށް ގެނައި އިސްލާޙުތަކެކެވެ. އެއިސްލާހުތަކުގެ ތެރޭގައި ފަތުރުވެރިންނަށް ރާއްޖޭގައި ދިގުމުއްދަތަށް ތިބެވޭނެ ގޮތަށް ވިލާތައް ކުއްޔަށް ދިނުމާއި އިންޓަގްރޭޓެޑް ފަތުރުވެރިކަން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ފަހިކުރުން ހިމެނެއެވެ. ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުން ވަނީ ހައްލު ތަކެއް ހޯދައިދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.