ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ތަޖްރިބާކާރު ބޭރުގެ ބަޔަކާ ޙަވާލުކުރުމަށް ގޮވާލައިފި

ދަރަނި އަދާކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ޖަހައިފައިވާ ހަތަރު ބިލިއަން ރުފިޔާއިން ބޮޑުބައެއް އުނިކޮށް ދަރަނި ރިސްޓްރަކަޗަރ ކުރުމަށް ކަމުގެ ތަޖްރިބާކާރު ބޭރުގެ ކުންފުންޏަކާ ޙަވާލުކުރުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ނާއިބް ލީޑަރ އަދި ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ގޮވާލައްވައިފިއެވެ. 

ބެޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރ އިލްޔާސް ވަނީ ބަޖެޓްގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާއި އާމްދަނީ އިތުރުކުރެވޭނެ ގޮތްގޮތާ ގުޅޭ ގޮތުން ގިނަ ޚިޔާލުފުޅުތަކެއް މެމްބަރުންނާ ޙިއްޞާ ކުރައްވައިފައެވެ. 

މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ ދަރަނި އަދާކުރަން ބަޖެޓްގައި ޖަހައިފައިވާ ޢަދަދުން ބޮޑު ބައެއް އުނިކުރަން ޖެހޭކަމަށެވެ. ބަޖެޓްގައި ޢަދަދު ޖަހައިފައި އޮތުން ދަރަނި ދިން ފަރާތްތަކަށް ވެސް ފެންނަން އޮންނާނެކަމަށެވެ. ނަމަވެސް ބަޖެޓްގައި ނުޖަހައި އޮތުމުން ދަރަނި ފަސްކޮށް ދިނުމަށް ވެސް އަދި ލުއިކޮށް ދިނުމަށް ވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. 

ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ބޭރު ކަމުގެ ތަޖުރިބާކާރު ކުންފުންޏަކާ ހަވަލުކުރުންވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ތަޖިރިބާ ކާރު ފަރާތްތަކުގެ މަސައްކަތުން ޤައުމުތަކާއި ކުންފުނިތަކަށް ދިމާވެފައިވައިވާ ދަރަނީ މައްސަލަތަކަށް ޙައްލު ހޯދައި ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

" ޤައުމުތަކާއި ކުންފުނިތަކަށް ދިމާވެފައިވާ ދަރަނީ މައްސަލަތައް އެފަރާތްތަކުން އެބަވޭ ޙައްލު ހޯދައިދީފައި. އެފަދަ ކުންފުންޏެއް ހަޔަރކޮށް ފައި އެކަންކުރަން ޙަވާލުކުރުމުން އަޅުގަނޑުމެން ނުޖެހޭނެ މާބޮޑު ކަމެއް ކުރާކަށް، އެމީހުން އެހުރިހާ ކަމެއް ކުރާނެ" މެމްބަރ އިލްޔާސް ވިދާޅުވިއެވެ. 

މެމްބަރ އިލްޔާސް ވިދާޅުވި އަންނަ އަހަރު ރާއްޖޭގެ ބޭންކުތަކުންވެސް ތިން ބިލިއަން ރުފިޔާގެ ލޯނު ނަގަން ބަޖެޓްގައި ޖަހައިފައިވާއިރު އެ ލޯނު ނަގުމުން ނުކުންނާނެ ނަތީކާއަކަށް ވެސް ވިންނަންޖެހޭ ކަމަށެވެ. އާންމު ރައްޔިތުންނަށް ބޭނުންވާނެ ލޯނުތައް ރާއްޖޭގެ ބޭންކްތަކުންވެސް ލިބޭނެތޯވެސް ވިސްނަން ޖެހޭކަމަށެވެ. 

ބަޖެޓް އިތުރަށް ދިރާސާ ކޮށް ބަޖެޓްގެ ބައިތަކަށް ގެންނަ އުނިއިތުރުން ބަޖެޓް އިތުރަށް ރަނގަޅު ކުރެވޭނެކަމަ ވެސް މެމްބަރ އިލްޔާސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.