އަންނަ އަހަރު ވެގެންދާނީ އޭވިއޭޝަން ދާއިރާ "ރިކަވާ އެންޑް ރީ ބިލްޑް" ކުރެވޭ އަހަރަކަށް

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް ޢާއިޝަތު ނަހުލާގެ ޚިޠާބު

بِسْمِ اللّـه الرَّحْمنِ الرَّحِيْم

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

މާލެ، ދިވެހިރާއްޖެ

ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް – 7 ޑިސެމްބަރ 2020

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިނިސްޓަރ, މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް ޢާއިޝަތު ނަހުލާ ދެއްވާ ޚިޠާބު

الحَمْدُ لِلهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلامُ عَلى رسول الله، وَعَلى آلِهِ وَأصْحَابهِ وَمَنْ تَبِعَهُمْ بإحْسَانٍ إلى يوْمِ الدِّينِ.

ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރަމުން މިދާ އުފާވެރި މުނާސަބަތުގައި، ދިވެހި އޭވިއޭޝަން ސިނާޢަތުގެ ފަރާތުން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރުމުގެ އުފާ ލިބިގަންނަމެވެ. ބައިނަލްއަޤުވާމީ މި މުނާސަބަތުގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ކައުންސިލް ރައީސަށާއި ސެކްރެޓަރީ ޖެނެރަލްއަށް އަދި މެންބަރު ޤައުމުތަކަށްވެސް ހެޔޮ އެދުންތަކާއި ތަހުނިޔާ އަރިސްކުރަމެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރަމުން މިދަނީ ގްލޯބަލް ޕެންޑެމިކެއްގެ ހިޔަނީގައި މުޅި ދުނިޔެވެސް މަޝްޣޫލުވެފައިވާ ދުވަސްވަރެއްގައެވެ. ދަތުރުފަތުރުގެ ދާއިރާއަށްވެސް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ މި ދަނޑިވަޅުގައިވެސް، އޭވިއޭޝަން ދާއިރާއިންދަނީ ޤައުމީ ޚިދުމަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން އެންމެ ހިފެހެއްޓިގެން ދިޔަ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ގެނެސްފައިވަނީ ވައިގެ މަގުން، ޤައުމީ އެއާލައިނުންކަން އަޅުގަނޑު މި ފާހަގަ ކުރަނީ އެކަމުގައި ޝާމިލުވާ ފަރާތްތަކަށް އަގު ނުކުރެވޭފަދަ ބޮޑު ޝުކުރެއް ދަންނަވަމުންނެވެ. ކުރީ ސަފުގައި  ޤައުމަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް، ވަކީން ޚާއްޞަކޮށް ސިއްހީ ޚިދުމަތްތެރީންގެ ޤުރުބާނީއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރުމާއެކު އެބޭފުޅުންނަށް ރަޙުމަތްލެއްވުން އެދި ދުޢާ ކުރަމެވެ. އަޅުގަނޑުމެން އުފާ ކުރަނީ، އަދި ޙަމްދާއި ޝުކުރު ކުރަނީ ބޯޑަރު ހުޅުވައި ވައިގެ އުދުހުންތައް އިތުރުވަމުން ދާއިރުވެސް، ބަލިމަޑުކަން ކޮންޓްރޯލު ކުރެވިފައިވާތީއެވެ.

ގިނަ ގޮންޖެހުންތަކާއެކުވެސް، މިހާރުމިވަނީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ޙަރަކާތްތަކުގެ ރިކަވަރީ މަރުޙަލާ ފަށައިގަނެވިފައެވެ. ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށް އެއާލައިންތަކުގެ އޮޕަރޭޝަންތައް ފުޅާ ކުރެވި، އިރާދަ ކުރެއްވިއްޔާ ލަސްތަކެއް ނުވެ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ބޭނުންކުރެވޭނޭ ބައިނަލްއަޤުވާމީ ދިވެހި އެއާލައިންތަކުގެ ޢަދަދު އިތުރުވެގެންދާނެއެވެ. މޯލްޑިވިއަންގެ ފަރާތުން ވަނީ އިންޑިއާގައި ފުރަތަމަ ފަހަރަށް ސީ-ޕްލޭން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްދީ ބައިނަލްއަޤުވާމީ ސުރުޚީތަކުން ޖާގަ ހޯދާފައެވެ. މީގެ އިތުރުން، ސަރުކާރުން އެއާޕޯޓުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް މިއަހަރު ވަނީ ކުރިއަށް ގެންދެވިފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި މިއަހަރު ހުޅުވުނު އެއާޕޯޓުތަކުގެ ސަބަބުން އެ އަތޮޅުތަކުގެ އިޤުތިޞާދަށް އެކަމުގެ ފައިދާ ކުރާނެއެވެ. ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނިޓުގެ ތެރޭގައި ދެވޭނެ އެއާޕޯޓެއް ޤާއިމުކުރުމެވެ. އަދި މި މަސައްކަތް އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤުބަލެއްގައި ފުރިހަމަ ކުރެވިގެންދާނެއެވެ.

އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވެގެންދާނީ އޭވިއޭޝަން ދާއިރާ "ރިކަވާ އެންޑް ރީ ބިލްޑް" ކުރެވޭ އަހަރަށެވެ. މިގޮތުން، ޕެންޑެމިކުން އަރައިގަނެ، ޙަރަކާތްތައް ފުޅާވާން ފެށުމާއެކު، ވަޒީފާތަކުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެއެވެ. އަޅުގަނޑުމެން ދެމިތިބޭނީ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ބައެއްގެ ގޮތުގައެވެ.

ވަޞީލަތްތައް ފުރިހަމަ އަދި ސިނާޢަތުގެ ޑިމާންޑްތަކާ އެއްވަރަށް ޚިދުމަތްދެވޭ ޒަމާނާ އެއްގޮތަށް ބަދަލުވަމުންދާ ދައުލަތުގެ މުއައްސަސާއެއްގެ ގޮތުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ ހެދި ބޮޑުވެގެން ދިއުމަކީ އެކަމުގެ މުހިންމުކަން އަޅުގަނޑު އިތުރަށް ބަޔާންކުރަންޖެހޭނޭ ކަމެއް ނޫނެވެ. މި ރޮނގުން ވިސްނާއިރު، އޮތޯރިޓީގެ ހިންގުން އިތުރު ހަރުފަތްތަކަކަށް ގެންދިމުގެ މަސައްކަތް އަޅުގަނޑުމެން އަބަދުވެސް ކުރަމެވެ. އެހެންކަމުން، ސަރުކާރުން އެކުލަވާލާފައިވާ "ސްޓްރެޓެޖިކް އެކްޝަން ޕްނޭން" އާ އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް އޮތް 5 އަހަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ "ފްލައިޓް ޕްލޭން" މި އަހަރުވަނީ އިފްތިތާޙު ކުރެވިފައެވެ. ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި ބައިވެރިވުމާއެކު އެކުލަވާލެވިފައިވާ މި ޕްލޭންގެ ސަބަބުން ސިވިލް އޭވިއޭޝަން ދާއިރާއަށް އިތުރު ހަރުދަނާކަން ގެނެސްދީ އިތުރު ކުރިއެރުންތަކަށް މަގު ކޮށިގެންދާނޭ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

އަޅުގަނޑުމެން ކުރާ މަސައްކަތްތަކާމެދު ސިނާޢަތާއި ޢާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމުގެ މައްޗަށް "ފްލައިޓް ޕްލޭން" ގައި އިސްކަމެއް ދެވިފައިވާނެއެވެ. އޮތޯރިޓީގެ ހިންގުން ބައިނަލްއަޤުވާމީ ފެންވަރަށް ގެންދިއުމުގެ ބޭނުމުގައި އިންޓާނަލް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށާއި ޝަކުވާ މެނޭޖްކުރުމުގެ ނިޒާމެއް އަންނަ އަހަރު ފެށުމާއެކު ތަންފީޒުކުރެވެން ފަށާނެކަން އުފަލާއެކު ފާހަގަ ކުރަމެވެ. މި ނިޒާމުތަކުގެ ސަބަބުން އޮތޯރިޓީގެ ނިންމުންތަކާއި ޙަތަކާތްތައް އިތުރަށް "ސްޓްރީމް ލައިން" ކުރެވި، ދެފުއް ފެންނަ އުޞޫލުތައް މިހާރަށްވުރެވެސް ބޮޑަށް ހަރުދަނާކުރެވިގެން ދާނެއެވެ. މިހުރިހާ ބަދަލުތަކާއެކު އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ވެގެންދާނީ ޚިދުމަތް ހޯދާ ފަރާތްތަކަށް ތަފާތުތަކަން ފާހަގަ ކުރެވޭނޭ މިންވަރަށް އަޅުގަނޑުމެންގެ އޮތޯރިޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ކުރިއެރުމެއް ލިބިގެންދާނޭ އަހަރަކަށެވެ. ވައިގެ ދަރުތުފަތުރުގެ ސަލާމަތްތެރިކަން ހިންގާ ބެލެހެއްޓުމުގެ މަސައްކަތް އިތުރު ދަރަޖައަކަށް މައްޗަށް ޖެހިގެންދާނޭ އަހަރަކަށެވެ.

މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި ރޮނގުން ވިސްނާއިރު، މިދާއިރާއިން ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކުރުމަށް މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެއެވެ. މިދާއިރާއިން ކިޔެވުމަށް ދިވެހި ދަރީންނަށް މަގުފަހިކޮށްދީ ވަޒީފާގެ ބާޒާރުވެސް ދިވެހި ޒުވާނުންނަށް ތިޔާގި ކުރަމުން ގެންދިއުމަކީ އުފަލާއެކު އަޅުގަނޑުމެންގެ ކޮނޑުގައި އަޅައިގެން އަދާކުރަމުންދާނޭ ވާޖިބެކެވެ.

ބަލިމަޑުކަން ކުރިމަތިވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ ޕްލޭންތަކަކާއެކު އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ މިންނެތް މަސައްކަތްޕުޅު އަޅުގަނޑު ފާހަގަކުރަމެވެ. އެމަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތުތަކާއި ދިވެހި ދީބަށް ޚިދުމަތް ކުރުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ނުގުޑާފަދަ ޢަޒުމާއެކު އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް އޮތީ ފާގަތިކަމާއި ކުރިއެރުމެވެ. އެހެންކަމުން، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚުލާޞްތެރިކަމާއެކު ހިތުގެ ފުންމިނުން ޝުކުރު ދަންނަވަމެވެ.

މަދަނީ ވައިގެ ދަތުރުފަރުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ އިދާރާތަކާއި ރާއްޖެ ބައިވެރިވާ ސަރަޙައްދީ ޙަރަކާތްތަކުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރުމާއެކު މި މުނާސަބަތުގެ އުފާވެރި ތަހުނިޔާ ރައްދުކުރަމެވެ.

މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސިނާޢަތުގެ ބައިވެރިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް އަޅުގަނޑުމެން ފާހަގަ ކުރަންޖެހެއެވެ. މި ދާއިރާއިން ލިބެމުންދާ ފައިދާ އިތުރުވެގެން މި ދަނީ ސިނާޢަތުގެ ބައިވެރިންގެ ބޮޑު ޙިއްސާއަކާއެކުގައެވެ. އެހެންކަމުން އެ ފަރާތްތަކަށްވެސް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތްތެރިކަން އެކަށީގެންވާ މިންގަނޑެއްގައި ބެލެހެއްޓުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރައްވަނީ ޝުކުރުވެރިވުން ޙައްޤު މަސައްކަތެކެވެ. އޮތޯރިޓީން މަސައްކަތް ކުރަނީ މިދާއިރާއިން ޚިދުމަތް ހޯދާ ފަރާތްތަކާ ވަރަށް ގާތުން، އެފަރާތްކުގެ ދަތުރުތަކުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށެވެ. އެހެންކަމުން އޮތޯރިޓީން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށްޓަކައި އޮތޯރިޓީގެ ބޯޑު ޑިރެކްޓަރުންނަށާއި އިސްވެރިންގެ އިތުރުން އެންމެހާ މުވައްޒަފުންނަށް ވަރަށް އެކުވެރި ޝުކުރެއް ދެންނެވުމުގެ އުފާ ލިބިގަންނަމެވެ.

މި ދުވަސްވަރު، ދިމާވެފައިވާ ގޮންޖެހުން ތަކާއެކުގައިވެސް، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދިވެހިންނަށް ލިބެމުންދިޔަ ފައިދާތައް އިޢާދަކޮށްދީ އިތުރު ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ އާ ހިތްވަރަކާއި ޖޯޝަކާއި އެކުގައެވެ. މި ދާއިރާއިން އިޤުތިޞާދީ މަންފާ ދިވެހިންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ޚާދިމުންގެ ވާޖިބެވެ. އެ ޒިންމާ އަދާކުރަމުންދާނީ ޚިދުމަތް ކުރުމަށް ލިބިފައިވާ ފުރުޞަތަށްޓަކައި ދިވެހި ރައްޔިތުންނަށް ޝުކުރުވެރިވާ ޙާލުގައެވެ. ގަދަ ކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވާ ދިވެހިރާއްޖެއަށް އުފާ ފާގަތިކަން މިންވަރު ކުރައްވާށިއެވެ. އަޅުގަނޑުމެންނަށް ރަޙުމަތްލައްވާ އޭވިއޭޝަން ސިނާޢަތަށް އަދައްވުރެ ފަހި މާދަމާއެއް ދައްކަވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.